އީދު ޗުއްޓީގައި ވައްކަން ކުރުމުގެ ފުރުސަތު ނުދޭން ފުލުހުން އިލްތިމާސްކޮށްފި

ކްރައިމްސީނަކުން ސާމްޕަލްތައް ނަގައިގެން ފޮރެންސިކް ފުލުހުން ދަނީ -- ސަން ފޮޓޯ

މިފަހަރުގެ ފިތުރު އީދު ބަންދުގައި ޗުއްޓީއަށް ދާއިރު ވައްކަން ކުރަން މަގުފަހިވާގޮތަށް ތަންތަން ނުބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އީދު ބަންދުގެ ހަފްތާއެއް ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ ޗުއްޓީއަށް މާލޭން ބޭރަށް ގޮސްފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އީދު ޗުއްޓީއަށް ރަށަށްދާއިރު ވައްކަން ކުރާ މީހުންނަށް އެފުރުސަތު ނުދިނުމަށް ތަންތަން ރަނގަޅަށް ތަޅުލާފައި ބެހެއްޓުން ބުއްދިވެރި ކަމަށެވެ.

އޭގެ އިތުރުން އިތުބާރުކުރެވޭ މީހަކާ ގޭގެ ހާލަތު ބެލުމަށް ހަވާލުކުރުމަށް އިސްކަން ދިނުމާއި މާލީ ތަނަވަސްކަން ހުންނަ ފަރާތްތަކުން ކެމެރާ ފަދަ ތަކެތި ހަރު ކުރުމަށް ޝިފާން އިލްތިމާސްކުރެއްވި އެވެ.

ގޭގައި އަބަދު އެއް ބޮތްކެއް ދިއްލާފައި ހުރުމަކީ ވައްކަން ކުރާ މީހާއަށް ގޭގައި ބަޔަކު ނޫޅޭކަން އެނގޭނެ ސިގްނަލެއް ކަމަށާއި އެހެންކަމުން ދުވާލު ނިވުމަށްފަހު ރޭގަނޑު ދިއްލުމަށް މީހަކާ ހަވާލު ކުރުން މުހިންމު ކަމަށް ޝިފާން ވިދާޅުވި އެވެ.

އާންމުކޮށް ގެއިން ބޭރު ދޮރުކައިރީ ތަނެއްގައި ތަޅުދަނޑި ފޮރުވާފައި ބާއްވާކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި އެފަދަ ކަންކަން ހުއްޓާލަންޖެހޭ ކަމަށެވެ.

ވައްކަމާއި ފޭރުން އިތުރުވެފައިވާ ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ދަނީ ވަރަށް ބާރަށް އެވާހަކަ ދެކެވެމުންނެވެ.

comment ކޮމެންޓް