ނަޗް ބަލިޔޭ 8: ޝޯ ކާމިޔާބު ކުރީ ދިވްޔަންކާ އާއި ވިވެކް!

މަޝްހޫރު ޖޯޑުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑާންސް ރިއަލިޓީ ޝޯ 'ނަޗް ބަލިޔޭ'ގެ އަށް ވަނަ ސީޒަން، ދިވްޔަންކާ ތުރިޕަތީ އަދި ވިވެކް ދާހިޔާ ކާމިޔާބު ކޮށްފި އެވެ.

ސްޓާ ޕްލަސްގެ 'ޔޭ ހޭ މޮހައްބަތޭން' ގެ ދެ ތަރިން ޝޯ ކާމިޔާބު ކުރީ ސަނާޔާ އިރާނީ-މޯހިތު ސޭގަލް އަދި ސަނަމް ޖޯހަރު-އަބިގެއިލް ޕާންޑޭ އާއި ވާދަކޮށްގެންނެވެ.

އަށް ވަނަ ސީޒަނުގެ ދެވަނަ ގެންދިޔައީ ސަނަމް އާއި އަބިގެއިލް އެވެ. ސަނަމް އާއި އަބިގެއިލް އަކީ ޝޯ ގައި އެންމެ ތަފާތު ނެށުންތަކެއް ދައްކައި ޖަޖުންގެ ފަރާތުން، ފުރިހަމަ މާކްސް އެންމެ ގިނައިން ހޯދި ޖޯޑެވެ. ޝޯގެ ތިންވަނަ އަކީ ސަނާޔާ އަދި މޯހިތު އެވެ.

ފައިނަލަށް ދަތުރުކުރި ތިން ޖޯޑުގެ ތެރެއިން ނެށުމުގެ ހުނަރު އެންމެ ދަށް ޖޯޑަކީ ދިވްޔަންކާ އަދި ވިވެކްގެ ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، ބެލުންތެރިންގެ އެންމެ ބޮޑު ސަޕޯޓެއް ލިބިފައިވަނީ އެ ޖޯޑަށެވެ.

އެއްވަނަ އަށް ދޭ ޓްރޮފީގެ އިތުރުން، ދިވްޔަންކާ އަދި ވިވެކް އަށް ވަނީ 35 ލައްކަ އިންޑިއަން ރުޕީޒްގެ ފައިސާގެ އިނާމެއް ވެސް ދީފަ އެވެ.

ދިވްޔަންކާ އަދި ވިވެކް އަށް އެއްވަނަ ލިބުމާ އެކު ސޯޝަލް މީޑިއާ ގައި ޝޯ އަށް އަދި ސްޓާޕްލަސް އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ނަޗް ބަލިޔޭގެ އަށް ވަނަ ސީޒަން ސްޓާ ޕްލަސް އިން ގެނެސްދޭން ފެށީ އޭޕްރީލް މަހު، މަޝްހޫރު 10 ޖޯޑާއި އެކު އެވެ.

comment ކޮމެންޓް