ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވައި، 145 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވުމުގެ ހާދިސާ ހިނގި ސަރަހައްދު ---

ޕާކިސްތާނުގެ ޕަންޖާބުގައި ހުންނަ ބަހަވަލްޕޫރުގައި ތެޔޮ ޓޭންކަރެއް ފުރޮރާޅައި، ގޮވުމުގެ ސަބަބުން 145 އަށް ވުރެ ގިނަ މީހުން އަނދައި، މަރުވެއްޖެއެވެ.

މިއަދު ހެނދުނު މި ހާދިސާ ހިނގީ، ބަހަވަލްޕޫރު ކައިރިން ހައިވޭއަކުން ތެޔޮ ޓޭންކަރު ފުރޮޅާލައި، އޭގެން ތެޔޮ ލީކުވި ވަގުތު ތެޔޮތައް ނެގުމަށް ގިނަ ބަޔަކު އޭގެ ކައިރިއަށް އެއްވި ވަގުތެއްގައެވެ.

"ޓެންކަރު ފުރޮޅާލި ވަގުތު އެތާ ކައިރި ހުރި އަވަށެއްގެ ބަޔަކު ބާލިދީއާއި ކޮންޓެއިނަރު ފަދަ ތަކެތި ހިފައިގެން އޭގެ ކައިރިއަށް ދިޔައީ ތެޔޮތައް ނެގުމަށް. ސައިކަލު ދުއްވާ ގިނަ އަދަދެއްގެ ބަޔަކުވެސް އެ ޓެންކަރު ކައިރިއަށް، ޕެޓްރޯލް ނަގައިގެން ސައިކަލަށް އެޅުމަށް ދިޔަ،" ބަހަވަލްޕޫރުގެ ފުލުހުންގެ އިސްވެރިއަކު އޭއެފްޕީއަށް ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި ތެޔޮ ޓޭންކަރު ފުރޮޅާލީ އޭގެ ޓަޔަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

ފުރޮޅާލި ތެޔޮ ޓެންކަރުން އެޅުނު ތެޔޮ ނެގުމުގައި ގިނަ އަދަދެއްގެ ބަޔަކު: ޓެންކަރު ގޮވުމުގެ ސަބަބުން، އެއްވެ ތިބި ގިނަ ބަޔަކު ވަނީ އަނދައިގެން މަރުވެފައި -- ފޮޓޯ/ އަލްޖަޒީރާ

ފުލުހުން ބުނީ ޓޭންކަރު ގޮވީ، އެ ފުރޮޅާލިތާ 10 ވަރަކަށް މިނިޓު ފަހުން ކަމަށާއި، އޭގައި އަލިފާން ރޯވެ، ގޮވަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެވަގުތު ގިނަ އަދަދެއްގެ ބަޔަކު އެތަނުގައި ޖަމާވެ ތިއްބެވެ.

ޓެންކަރު ގޮވި ވަގުތު ގިނަ ބަޔަކު ތިބީ ޕެޓްރޯލް ހިފައިގެންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އަނދައި، މަރުވެފައެވެ. އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި، ކާކުކަން ދެނެނުގަނެވޭ މިންވަރަށް ބައެއް މީހުންގެ ހަށިގަނޑު ވަނީ އަނދައިފައެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ އިތުރުން 50 ވަރަކަށް މީހުންގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

comment ކޮމެންޓް