އީދު ހަދިޔާއަށް ދިރާގުން ޑޭޓާ ދެގުނައަށް، ހިލޭ ސޯޝަލް މީޑިއާ

ދިރާގު ރީބްރޭންޑްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ދިރާގު

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ގިނަ ކަންތައްތަކެއް ހިމެނޭ މި ޕްރޮމޯޝަނުގައި، ދިރާގުން ވަނީ، މިއަދުން ފެށިގެން 27 ޖޫންގެ ނިޔަލަށް ކަސްޓަމަރުން ނަގާ ޑޭޓާ ޕެކޭޖުތަކަށް އިތުރަށް ޑޭޓާ ލިބޭނެގޮތް ހަދައިފައެވެ.

އެގޮތުން، އާންމުކޮށް 500 އެމްބީ ލިބޭ 99 ރުފިޔާގެ ޕެކޭޖަށް އެއް ޖީބީ، އަދި އާންމުކޮށް ދެ ޖީބީ ލިބޭ 199 ރުފިޔާގެ ޕެކޭޖަށް ހަތަރު ޖީބީ ލިބޭގޮތް ވަނީ ހަދައިފައެވެ. މީގެ އިތުރުން، ތިން ޖީބީ ލިބޭ 249 ރުފިޔާގެ ޕެކޭޖަށް ހަ ޖީބީ ލިބޭނެއެވެ.

ދިރާގުން ވަނީ މިއަދު އެއްކޮށް ހިލޭ ވައިބަރ ބޭނުންކުރެވޭގޮތް ވެސް ހަދައިފައެވެ. އެ ޚިދުމަތް ލިބޭނީ #8*123* ޖެހުމުންނެވެ. މީގެ އިތުރުން ޓްވިޓަރ، ފޭސްބުކް، ވަޓްސްއެޕް، ޕިންޓްރެސްޓް، އިންސްޓަގްރާމް އަދި ސްނެޕްޗެޓު ފަދަ ސޯޝަލް މީޑިއާ އެޕްތައްވެސް، މި ކޯޑު ޖަހައިގެން 30 ޖޫންގެ ނިޔަލަށް ބޭނުންކުރެވޭނެއެވެ.

ފިތުރު އީދާ ގުޅިގެން ބަންގްލަދޭޝަށް ގުޅުމަށް 0.65 ރުފިޔާގެ އައިޑީޑީ ރޭޓެއްވެސް ދިރާގުން ވަނީ ކަނޑައަޅައިފައެވެ. މި ޚިދުމަތް ބޭނުންކުރުމަށް، ނަމްބަރުގެ ކުރިއަށް އައިޑީޑީ ކޯޑު 018 ނުވަތަ 019 ޖަހަން ޖެހެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ ޚާއްސަ ފޮޓޯ މުބާރާތެއްވެސް އީދާ ގުޅިގެން ފަށައިފައެވެ. "އީދު މޯމެންޓްސް އެމްވީ" ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާއަށް ފޮޓޯ އަޕްލޯޑުކުރަން ޖެހޭ އިރު، ޖުލައި އެއްވަނަ ދުވަހު ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިޕެޑް ޕްރޯއެއް ލިބޭނެއެވެ.

comment ކޮމެންޓް