އައްޑޫގައި ލަގެޖު ބެލްޓުން އައީ އެސްޓީއޯގެ އީދު ހަދިޔާ!

އެސްޓީއޯއިން އަބަދުވެސް ދަނީ ތަފާތު ގޮތްގޮތަށް ރައްޔިތުންގެ ހިތްތައް އަތުލުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ފިތުރު އީދާ ގުޅިގެންވެސް އެސްޓީއޯއިން އެފަދަ ތަފާތު، މޮޅު ކަމެއް ކޮށްފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އެސްޓީއޯއިން މިއަހަރުގެ ފިތުރު އީދަށް ދޫކޮށްލީ ސަޕްރައިޒް ހަދިޔާތަކެކެވެ.

އެސްޓީއޯއާއި މޯލްޑިވިއަން ގުޅިގެން ހިންގި މި ޝައުގުވެރި "އޮޕަރޭޝަން"ގެ މައުލޫމާތު ދެއްވަމުން، އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ގުރުއަތުލައިގެން ރާއްޖޭގެ ކޮންމެވެސް އެއް މަންޒިލެއް ނަގައި، އެ މަންޒިލަށް ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓެއްގެ ހުރިހާ ފަސިންޖަރުންނަށް ސަޕްރައިޒް ހަދިޔާތަކެއް ދޫކޮށްލީ ކަމަށެވެ.

އެސްޓީއޯއިން ނެގި ގުރުއަތުލުމުގައި، މޯލްޑިވިއަން ދަތުރުކުރާ ރާއްޖޭގެ މަންޒިލުތަކުގެ ތެރެއިން ހޮވުނީ އައްޑޫ ސިޓީގެ ގަމެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއްގެ ހުރިހާ ފަސިންޖަރުންނަށް ލިބުނީ ކާޑެކެވެ. "ތިބާގެ މަންޒިލަށް ދެވޭ އިރު އެތަނުގައި އީދު ހަދިޔާއެއް އޮތް ނަމަ..."އޭ، އެ ކާޑުގައި އިނގިރޭސި ބަހުން ލިޔެފައި އޮތެވެ. ފްލައިޓުގެ ފަސިންޖަރުންނަށް އޭރުވެސް މި ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ.

ފްލައިޓު އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައި، ފަސިންޖަރުން ލަގެޖު ބަލައި ލަގެޖް ބެލްޓް ކައިރިއަށް ދިޔަ އިރު، ލަގެޖުގެ ބަދަލަށް އައީ، ހީވެސް ނުކުރާ ފަދަ އެއްޗެހިތަކެކެވެ.

ލަގެޖުގެ ބަދަލަށް ބެލްޓުން ދޫކޮށްލީ އެސްޓީއޯގެ އީދު ހަދިޔާތަކެވެ. އޭގެ ތެރޭގައި އަވަނާއި، ބްލެންޑަރާއި، އެސްޓީއޯ ސުޕަމާޓުގެ ގިފްޓް ހެމްޕަރުތަކާއި، މިނީ ފްރިޖާއި މަކީޓާ ޓޫލް ބޮކްސް ފަދަ ތަކެތި ހިމެނެއެވެ. ފްލައިޓުގެ ކޮންމެ ފަސިންޖަރަކަށްވެސް އެސްޓީއޯއިން ދިނީ، އެ ފަސިންޖަރަކާ ގުޅޭ ފަދަ ހަދިޔާއެކެވެ.

"އައްޑޫއަށް ފުރަތަމަ ފަހަރަށް ދަތުރުކުރި އަންހެން ކުއްޖަކަށް އެ ދަތުރުގައި އީދު ހަދިޔާއަކަށް އަވަނެއް ލިބުނު. އަދި އެ ދުވަހު އުފަންދުވަސް ފާހަގަކުރި ކުޑަކުއްޖަކަށް ގިފްޓް ހެމްޕާއެއްވެސް ލިބުނު،" އެސްޓީއޯގެ އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް