އީދު އައުމުން ދަތުރުވެރިންގެ މާރުކޭޓު ފަޅުވެއްޖެ

މިއަދު ދަތުރުވެރިންގެ މާރުކޭޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރަމަޟާން މަސްތަކުގައި މާލޭގައި އެންމެ ގިނަ މީހުން އެއްވެ އުޅެނީ މާލޭގެ މާރުކޭޓުތަކަށެވެ. ލޯކަލް މާރުކޭޓާއި، އަމީނީމަގުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހިންގާ މާރުކޭޓުގެ އިތުރުން، ދަތުރުވެރިންގެ މާރުކޭޓެވެ. މީގެ ތެރެއިން އެންމެ ބާރުބޮޑުކޮށް އަބަދުވެސް ފެނިގެން ދަނީ ދަތުރުވެރީންގެ މާރުކޭޓެވެ.

މޭވާއާއި ތަރުކާރީއާއި ފަލަމަޑީގެ އެކިއެކި ބާވަތްތަކުން ފުރި، ވިޔަފާރީގެ ވަރުގަދަ މަރުކަޒެއްގެ ގޮތުގައި ރަމަޟާން މަހުގެ ތެރޭގައި ފެނިގެން ދިޔަ ދަތުރުވެރީންގެ މާރުކޭޓު މިއަދު އޮތީ ފަޅަށެވެ.

ރަމަޟާން މަސް ނިމި، ފިތުރު އީދު މިއަދު ފާހަގަކުރާ އިރު، މާރުކޭޓުގައި ހުޅުވާފައި ހުރީ މަދު ގޮޅިތަކެކެވެ. ގިނަ ގޮޅިތަކުން ކާނާގެ ބާވަތްތައް ހުސްވެފައި ހުރި އިރު، އެތަންތަނުގެ މަތީގައި ފޮތިގަނޑު އަޅައި، ހުރީ ބަންދުކޮށްފައެވެ.

މިއަދު ދަތުރުވެރިންގެ މާރުކޭޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ހުޅުވާފައި ހުރި ގޮޅިއެއްގައި ހުރި ސޭޓަކު ބުނި ގޮތުގައި، ގިނަ ގޮޅިތަކުގައި ވިޔަފާރިތައް ބަންދުކޮށްފައިވަނީ، އެތަންތަނުގައި ވިޔަފާރިކުރާ މީހުން އީދަށް ރަށަށް ދިއުމުންނެވެ.

ދަތުރުވެރިންގެ މާރުކޭޓު މުޅިންހެން ފަޅުކޮށް އޮތް އިރު، ވިޔަފާރިކުރުމަށް މިއަދު މެންދުރު އެތަނުގައި އުޅުނީ އެންމެ ދެ ތިން މީހުންނެވެ.

މިއަހަރު އީދު ހިމެނޭ މުޅި ހަފްތާ ބަންދުކުރުމަށް ސަރުކާރުން ހަމަޖެއްސި އިރު، ނިމިދިޔަ ހަފްތާ ބަންދާ އެކު ރާއްޖޭގައި އީދު ޗުއްޓީގެ ގޮތުގައި ޖުމްލަ ނުވަ ދުވަސް ވަނީ ލިބިފައެވެ. އެހެންކަމުން އީދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ފުރައިފައެވެ.

comment ކޮމެންޓް