ރޯދަމަސް ނިމުމާއެކު މިރުސް ކިލޯއެއްގެ އަގު 200 ރުފިޔާ އަށް ތިރިވެއްޖެ

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި މިރުސް ބާސްކެޓެއް -- ސަން ފޮޓޯ: މާހިލް މުހައްމަދު

ނިމިގެން ދިޔަ ރޯދަމަސް ތެރޭގައި ލޯކަލް މާރުކޭޓުގައި މިރުހުގެ އަގު އުފުލިގެން ދިޔަ ނަމަވެސް ރޯދަ މަސް ނިމުމާ އެކު ކުއްލިއަކަށް މިރުހުގެ އަގު އަނެއްކާވެސް ތިރިވެއްޖެ އެވެ.

ރޯދަ މަސްތެރޭގައި މިރުސް ކިލޯއެއްގެ އަގު ވަނީ 300 އާއި 700 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައެވެ. ރޯދަ މަސް ފެށުމުގެ ކުރިން 100 ގްރާމުގެ މިރުސް 20 ރުފިޔާއަށް ލިބެން ހުރި އިރު ރޯދައިގެ ފުރަތަމަ ހަފްތާގައި 35 އާއި 60 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލުނެވެ. އެއަށްފަހު 700 ރުފިޔާއަށްވެސް އުފުލުނެވެ.

ނަމަވެސް ރޯދަ މަސް އަލްވަދާއު ކިޔައި ފިތުރު އީދު އައިސްފައިވާއިރު އީދުގެ ފުރަތަމަ ދުވަހު ލޯކަލް މާރުކޭޓުގައި މިރުހުގެ އަގު ވަނީ އަނެއްކާ އެނބުރި، ރޯދައިގެ ކުރިން ހުރި އަގަށް ތިރިވެފައެވެ. މިހާރު މާރުކޭޓުގައި މިރުސް ކިލޯއެއް 200 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އެއީ 20 ރުފިޔާއަށް 100 ގްރާމުގެ ރޭޓުންނެވެ.

ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ލޯކަލް މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ބޮޑުވެ އެވެ. އަދި ރޯދަ މަސް ނިމުމާ އެކު އަގުތައް ތިރިވެއެވެ. މިރުސް ނޫން އެހެން ބާވަތްތަކުގެ ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލެއް ނައި ނަމަވެސް އެވްރެޖްކޮށް އަގުތައް ވަނީ ތިރިވެފައެވެ.

ރޯދަ މަހުގެ ދުވަސްތަކުގައި ލޯކަލް މާރުކޭޓުގައި ތޮށްޖެހި، މީހުން ފުރި ބާރުވެފައި އޮންނަ ނަމަވެސް މިއަދު މާރުކޭޓުން ފެންނަނީ ފަޅުކަމެވެ. ގިނަ ގޮޅިތައް ހުރީ އީދަށް ބަންދުކޮށްފައެވެ. އެހާގިނަ މީހުންނެއްވެސް މާރުކޭޓު ތެރޭގައި ނޫޅެއެވެ.

comment ކޮމެންޓް