ވެމްކޯ: ގޮނޑުވެފައި އޮތް ދިރިއުޅުން ތާހިރުކޮށްދޭ ބައިވެރިޔާ

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލަކުން، ތިލަފުއްޓަށް ކުނި ގެންދިއުމަށް އޮންނަ ކޮޅުވެއްޓިއަށް ކުނި ބާލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފަހަތަށް ޖެހިލާއިރު، މާލޭގައި ގޭގައި އެ ދުވަހަކު އުފެދޭ ކުނި އުކާލަންދާނީ ރޭގަނޑު ވުމުން، އަވަށްޓެރި ހިސާބުގަނޑު އެންމެން އެއްކޮށެވެ. އޭރު ކުނި އެޅުމަށް ބަހައްޓާފައި ހުންނަ ކޮންޓެއިނަރަކަށް އަތުގައި ހުރި ބާރެއްލައި ކުނި ކޮތަޅު ހޫރާލުމަށްފަހު ގެއަށް އަންނަނީއެވެ. އެހެން ނޫނީ ކުނި ކޮތަޅު ހަވާލު ކުރާނީ ގާޑިއާ ގަނޑެއްގައި ކުނި އުކައިދޭ މީހަކާއެވެ.

ކުނި ލޮރީއަކަށް ބިދޭސީއަކު ކުނި އަޅަނީ: ކުނި އުކުމުގައި މިއަދު ގިނައިން ހަރަކާތްތެރިވަނީ ބިދޭސީން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މިއަދު ހާލަތު މުޅިން ބަދަލުވެއްޖެއެވެ. މިހާރަށް ބަލާއިރު ގޭގައި އުފެދޭ ކުނި އުކާލަންދާ މީހުން ވަރަށް ވެސް މަދެވެ. ކުނި އުކާލަން ގިނައިން ހަވާލު ކުރަނީ ބިދޭސީންނާއެވެ. ބައިސްކަލުތަކާއި ގާޑިއާތަކުގައި ނުކަތާ ވަރަށް ކުނި ބަރުކޮށްގެން އެމީހުން ކުނި އުފުލާއިރު، ބައެއް ފަހަރު ކުނި އެޅެނީ މަގުމައްޗަށެވެ. އެ ނަގާނެ މީހަކު ވެސް ގިނަ ފަހަރު ނުވެއެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަރައިނުގަނެވި، ހައްލު ކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް މަސައްކަތްތަކެއް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

ބައިސްކަލެއްގައި ބިދޭސީއަކު ކުނި އުކާލަން ދަނީ: ރައްކާތެރި ނޫން ގޮތުގައި ކުނި އުފުލުމުގެ ސަބަބުން ގިނަ ފަހަރަށް ކުނި އެޅެނީ މަގުމައްޗަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ތިމާވެއްޓާ ރަހްމަތްތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން އަމަލީ މަސައްކަތް ފަށާފައިވާ ސަރުކާރު ހިއްސާވާ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ސަބަބުން ރާއްޖޭގެ، ހާއްސަކޮށް މާލެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ވަނީ ފެހި ސިގްނަލެއް ލިބިފައެވެ.

ވެމްކޯ އަކީ ކޮންބައެއް؟

އުވާލަން ނިންމާފައި އޮއްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް އަލުން ފަށައިގަނެ، މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރިއިރު، އެ މަސައްކަތް ކުރިން ކުރަމުންދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމަށް ބޮޑު ބަޖެޓެއް ވެސް ދީގެންނެވެ.

ބައިސްކަލެއްގައި ބިދޭސީއަކު ކުނި އުކާލަން ދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މާލޭ ސިޓީ ކައުންސިލުން ވެސް އެންމެ ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރެވިފައި ނެތްއިރު، ވެމްކޯއާ މަސައްކަތް ހަވާލުކުރިއިރު މާލެއާއި މާލޭގެ ސަރަހައްދުގެ ކުނީގެ ވާހަކައަކީ ބޮއްސުން ލާފައިވާ "ގޮނޑެ"ކެވެ. ކުނި މެނޭޖްކުރަން ބޭނުންކުރާ އެއްވެސް ވަސީލަތެއް އަދި ވެހިކަލެއް ނެތްއިރު، ފެންނަން އޮތީ ހަލާކުވެ ވީރާނާވެފައި ހުރުމުން އުކާލަން ޖެހިފައި ހުރި އެއްޗިއްސެވެ.

ނަމަވެސް ޒަމާނީ އަދި އާ ގޮތްތަކާއި އާލާތްތައް ބޭނުން ކޮށްގެން ކުނި އުކައި ދިނުމާއި މެނޭޖުކުރުމުގައި ނަމޫނާ ކުންފުންޏަކަށް ވުމުގެ އަމާޒާއެކު މަސައްކަތް ކުރަމުން އަންނަ ވެމްކޯގެ ދޮޅު އަހަރު ދުވަހުގެ ކުރު މުއްދަތުގައި އެ ކުންފުނިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ކުނި އުކާލަން ހާއްސަ ވެމްކޯ އިން ގެނައި ޓްރައިސިކަލްއެއްގައި ތިމާވެށީގެ ވަޒީރު ތާރިގް އިބްރާހިމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުނި ނައްތާލުމުގައި ތިމާވެއްޓަށާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން އެންމެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމަށް ވެމްކޯ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ގޭބިސީތަކާއި ވިޔަފާރި، ރިސޯޓް އަދި ރަށްރަށުން އުފެދޭ ކުނި އެއްކުރަން ވަނީ ފަށާފައެވެ.

އެތަކެތި ކުނި މެނޭޖު ކުރުމަށް ހާއްސަ ތަނަކަށް ގެންގޮސް ދެމެހެއްޓެނިވި އަދި ތިމާވެއްޓަށް އޭގެ ގެއްލުން އެންމެ ކުޑަ ގޮތެއްގައި ނައްތާލުމުގެ ހިދުމަތް މިހާރު ވެސް ފޯރުކޮށްދެމުންދާއިރު، "ތްރީއާރު ކޮންސެޕްޓް" (ރިޑިއުސް، ރީޔޫސް، ރިސައިކަލް)ގެ ދަށުން އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި ރިސައިކަލް ކުރުމުގައި ވެސް އެ ކުންފުނިން އަންނަނީ މިސާލު ދައްކަމުންނެވެ.

ކުނި އުކައިދިނުމުގައި ވެމްކޯގެ ނަމޫނާ މަސައްކަތެއް!

ވެމްކޯގެ ކުރު މުއްދަތުގައި އެ ކުންފުނީގެ މަސައްކަތްތައް މާލޭގެ އިތުރުން ހުޅުމާލެ އަދި އައްޑޫ ސިޓީގައި ވަނީ ފަށާފައެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީގެ ކުނި މެނޭޖު ކުރުމަށް ވެމްކޯއާ ހަވާލު ކޮށްފައިވާއިރު، ރ، ބ އަދި ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކަށް ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް ރ. ވަންދޫގައި ގާއިމްކޮށްފައިވާ ސަރަހައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހިންގާ ބަލަހައްޓަން ހަވާލުކޮށްފައި ވަނީ ވެސް ވެމްކޯއާއެވެ. އަދި އެ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެއެވެ.

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލްތަކެއް: ކުނި ކަލެކްޝަނަށް ވެމްކޯއިން ބޭނުންކުރާ ވެހިކަލްތަކަކީ ރައްކާތެރިކަމާއެކު ކުނި އުފުލުމަށް ހާއްސަ ވެހިކަލްތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިހާރު ކުނި އުކައިދޭ ބިދޭސީންނާއި ވެމްކޯގެ މަސައްކަތާ ހުރީ ކޮން ތަފާތެއް ތޯއެވެ. ދެ ފަރާތުން ވެސް ކުރަނީ ކުނި އުކައިދިނުމުގެ މަސައްކަތެވެ. ނަމަވެސް އެކަން ވެމްކޯއިން ކުރަނީ ރައްކާތެރި ގޮތުގައެވެ.

ވެމްކޯއިން ކުނި އުކައިދެނީ އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވެހިކަލް ތަކެއްގައެވެ. އެއީ ބޭރު ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ، ކުނީގެ ވަސް ބޭރު ނުވާ ގޮތަށް އަދި މަގުމައްޗަށް ކުނި ނޭޅޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ވެހިކަލްތަކެވެ. އަދި ވެމްކޯ އިން ކުނި އުކައިދެނީ ވެސް އާދައިގެ ރައްޔިތު މީހާއަށް ވެސް އަތްފޯރާ އަގުތަކެއްގައެވެ.

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ކުރާ ޓްރައިސައިކަލެއްގައި އެ ކުންފުނީގެ މުވައްޒަފަކު ދަތުރުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެމްކޯއިން މާލޭގެ ސަރަހައްދު ތަކުގައި ކުނި އުކާލައިދެނީ ކުނި ބަލާ އެ ކުންފުނީގެ ޓީމްތަކުން އެޕާޓްމަންޓްތަކަށް އަރަންޖެހޭނަމަ މަހަކަށް 150 ރުފިޔާ އަށެވެ. ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ މަހަކު 100 ރުފިޔާ އަށެވެ. ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯ އަށެވެ.

ވެމްކޯގެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އިގްބާލު ވިދާޅުވި ގޮތުގައި، މީގެ ކުރިން ބިދޭސީން ކުނި އުކައިދެނީ ކުނި ކޮއްޓާ ހަމައަށް ނުވަތަ މިހާރު އިންޑަސްޓްރިއަލް ވިލޭޖްއަށް ގެންދިއުމާ ހަމައަށް ކަމަށެވެ. ނަމަވެސް ވެމްކޯ އިން ފޯރުކޮށްދޭ ހިދުމަތަށް ދައްކާ ފީގެ ތެރޭގައި ކުނި ނަގައިގެން ގޮސް ކުނި ނައްތާލުމާއި ކުނި ރިސައިކަލް ކުރުމުގެ ކަންވެސް ހިމެނޭ ކަމަށް އިގްބާލް ވިދާޅުވިއެވެ.

ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އިގްބާލު ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަރަށް ގިނައިން ކޮމެންޓްސް އާދޭ. ބަޔަކު ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލަނީއޭ. ކުރިން ދެކެނީ ގެއިން ބޭރަށް ކުނި ނެރުމަށްފަހު އެދެން އެމީހެއްގެ ޒިންމާ ނިމުނީއޭ. ނަމަވެސް އެ ކުނި ރަނގަޅަށް ނައްތާލެވޭތޯ ބެލުމަކީ އަސްލު ފަރުދީ ޒިންމާއެއް،" އިގްބާލް ވިދާޅުވިއެވެ.

ވެމްކޯގެ ޕްލޭން ވަރަށް ވެސް ފުރިހަމަ

ވެމްކޯގެ މިހާރުގެ ނިޒާމް އޮންނަ ގޮތުން، ގޭގެއިން ކުނި ނަގައިގެން ތިލަފުއްޓަށް ގެންގޮސް ވަކިކޮށް ހުންނަ ކުނިނަމަ، އަލުން ބޭނުންކުރެވޭ ކުނި ރިސައިލް ކުރެއެވެ. އަނެއް ބާވަތުގެ ކުނި ނައްތާލަނީއެވެ. ނަމަވެސް މިއީ ވެމްކޯގެ ވަގުތީ ޕްލޭނެކެވެ.

ވެމްކޯގެ ފުރިހަމަ ޕްލޭން ކުރިއަށްދާނެ ގޮތް ކިޔައިދެއްވަމުން ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް އިގްބާލް ވިދާޅުވީ، ގޭގެއިން ކުނި ނެރޭއިރު ކޮންމެވެސް ވަރަކަށް އެކުވެފައި ހުންނަ ކުނި، ގޮނޑަށް ގެންދިއުމަށްފަހު ރިސައިކަލް ކުރެވޭ އެއްޗެހި ނަގާނެ ކަމަށެވެ. އަދި ބާކީ ހުންނަ އެއްޗެހި ނައްތާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލެއް ދޮންނަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން، މިހާރު ކުނި އުފުލުމަށް ބޭނުންކުރާ ކޮޅުވެއްޓީގެ ބަދަލުގައި ފުރިހަމަ ޕްލޭންގެ ދަށުން ބޭނުން ކުރާނީ ބަންދު ކުރެވިފައި ހުންނަ ކޮންޓެއިނަރު ތަކެއްގައެވެ. އިގްބާލް ވިދާޅުވި ގޮތުގައި، އެ އެއްޗިއްސަކީ ކުނި އެޅުމަށްފަހު ފިއްތާލެވޭ ކަހަލަ ކޮންޓެއިނަރުތަކެކެވެ. އެކަމުގެ ސަބަބުން އެހެން މީހުންނަށް ނުބައިވަސް ދުވުމާއި މޫދަށް ކުނި އެޅުން ހުއްޓުވޭނެއެވެ.

އެ ހުރިހާ މަސައްކަތެއް ވެސް ރަނގަޅަށް ފަށައިގަނެވި ކުރިއަށްދާނީ ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ބަހައްޓަންޖެހޭ ސިސްޓަމްތައް ނިމުމުންނެވެ.

އިގްބާލް ވިދާޅުވީ، ވެމްކޯގެ ކޯލް ސެންޓަރެއްގެ ހިދުމަތް މިހާރު ލިބިގެންދާނެ ކަމަށާއި އަދި ކުންފުނީގެ ކަސްޓަމަރުންނަށް ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް އެ ކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ނިޒާމެއް ވެސް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އެ ސިސްޓަމް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ތިލަފުއްޓަށް ކުނި ގެންދާ ކޮޅުވެއްޓީގައި އެކްސަވޭޓަރުން ކުނި އެއްކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީ މީހާ އަތަށް ކުނި ކޮތަޅު ދިނުމަށްފަހު، ރައްކާތެރި ގޮތުގައި އެކޮތަޅު އެއްލާލެވޭތޯ ބެލުމަކީ ކުނި ހަވާލުކުރާ މީހާގެ ފަރުދީ ޒިންމާ އެކެވެ. އެމީހެއްގެ ގައުމުގެ ސާފުތާހިރު ކަމަށް ނުބަލާ ވަރަށް، އެހެން ބަޔަކު ބަލާނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެއެވެ.

comment ކޮމެންޓް