ޝައިޚް އިމްރާން އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ގޮތް

ޝައިޚް އިމްރާން ފިތުރު އީދުގެ މުނާސަބަތުގައި ފެންކުޅީގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ޓްވިޓަރ

ބާރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވައި، މިވަގުތު ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިއަހަރުގެ ފިތުރު ޢީދު ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކަކުން ފެންނަ ގޮތުގައި، އިމްރާން އޭނާ ދިރިއުޅުއްވާ އިމާރާތުގެ ބެލްކަނީއިން މިއަދު ހެނދުނު ވަނީ، މަގުމަތިން ދިޔަ ބައެއް މީހުންނަށް އަމާޒުކޮށް، ފެން ކޮތަޅު އުއްކަވައިފައެވެ.

ޝައިޚް އިމްރާން ފިތުރު އީދުގެ މުނާސަބަތުގައި ފެންކުޅީގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ޓްވިޓަރ

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު "މޭޑޭ" މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 12 އަހަރަށް އިމްރާން ޖަލަށް ލާފައި ހުރި އިރު، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އިމްރާން ގޭބަންދަށް ބަދަލުކުރީ މެއި 26 ވަނަ ދުވަހުއެވެ. ރަމަޟާން މަސް ގޭގައި އިމްރާން ހޭދަކުރެއްވި އިރު، އޭނާ ވަނީ ގޭގައި، އާއިލާއާ އެކު ޖަމާއަތުގައި އިމާމުވެ ތަރާވީސް ނަމާދުވެސް ކުރައްވައިފައެވެ.

ޝައިޚް އިމްރާން ގޭގައި އިމާމުވެ ތަރާވީސް ނަމާދު ކުރައްވަނީ --- ފޮޓޯ/ ޓްވިޓަރ

ފިތުރު އީދުގެ މުނާސަބަތުގެ މަޖަލުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން އިމްރާން "ފެންކުޅީގައި" ބައިވެރިވެވަޑައިގެންނެވި އިރު، މާލޭގެ ބައެއް އެހެން އިމާރާތްތަކުގެ މަތިންވެސް، މަގުމަތިން ދާ މީހުންނަށް ފެން ކޮތަޅު ޖަހައި، އީދުގެ މަޖާ ނަގައި ހަދައެވެ. މިއަހަރުގެ ފިތުރު އީދާ ގުޅިގެން މާލެއާއި ރާއްޖެތެރޭގެ އެކި ސަރަހައްދުތަކުގައި ފެންކުޅިއާއި އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދާ އިރު، މިއަދު ހަވީރު މާލޭގެ މަގުތަކުގައި ބޮޑުމަސް ދުއްވާނެއެވެ.

comment ކޮމެންޓް