ޢީދު – އިސްލާމީ އުންމަތަށް މެސެޖެއް

1438 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު

.

"ޢީދުއައީ ހިނިތުންވަމުން، މާމަލުގައި ނަލަ ކުލަ ޖައްސަމުން

ރީތިވިހައި ލަވަކިޔަމުން ، މީރުވަހުން ޖައްވު ހުވަނދުލަމުން "

ޢަބްދުﷲ ޞާދިޤު

މަތީގައި އެވަނީ އަޅުގަނޑުގެ ލޮބުވެތި އަޚް ޢަބްދުﷲ ޞާދިޤު މުސްލިމުންގެ އުފާވެރި ފިޠުރު ޢީދު ސިފަކުރައްވައިފައިވާ ރީތި ސިފަކުރެއްވުމުގެ ތެރެއިން ހޮވައިލި މުތެކެވެ.

އާދެ، މިއަދަކީ މިއަހަރުގެ އުފާވެރި ފިޠުރު ޢީދު ދުވަހެވެ. މިއަދަކީ އުފަލާއި ހިނިތުންވުމުގެ ދުވަހެކެވެ. އާހެދުންލުމުގެ ދުވަހެކެވެ. ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، ޒުވާނުންނާއި މުސްކުޅިންނާއި އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުކުރުމުގެ ދުވަހެކެވެ. މިއަދުގެ ތަހްނިޔާ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.

މިއަދާ ގުޅިގެން އުފެދޭ ސުވާލަކީ ޢީދުދުވަހަކީ އެހެންވެސް ދުވަސްތަކެކޭ އެއްގޮތަށް އިރުއަރައި އިރުއޮއްސި ޒަމާނުގެ ފަތްފުށްތަކުގެތެރެއަށް ވަދެގެންދާ ދުވަހެއްބާއެވެ! ނޫނެކެވެ. އިސްލާމްދީނުގެ މިޒާޖަކީ އެދީނާ ގުޅިފައިވާ ކޮންމެކަމަކުންވެސް އިންސާނިއްޔަތަށް މެސެޖެއް ދިނުމެވެ. ޢިބްރަތާއި ނަސޭޙަތާވީ ފަރާތަށް އިންސާނާ ސަމާލުކުރުވުމެވެ. އިންސާނާގެ ހަޔާތުގައި ދިމާވާ ކޮންމެކަމަކީ އޭނާ ހިނގާން އޮންނަ މަގަށް އަލިކޮށްދޭ ދަންމަރަކަށް ހެދުމެވެ. އޭގެ އަލީގައި އެންމެނަށްވެސް ކުރިޔަށް ހިނގައިގަނެވޭ ފަދަ ދަންމަރެކެވެ.

މުސްލިމުންގެ ޢީދުގެ ތަފާތު

އިސްލާމްދީނުގެ ޢީދުތަކާ އެހެނިހެން ދީންތަކުގެ ޢީދުތަކާ ތަފާތުކޮށްދޭ ޚާއްޞަ ސިފަތަކެއްހުރެއެވެ. އެންމެ ފުރަތަމަ ކަމަކީ މުސްލިމުންގެ ކޮންމެ ޢީދަކީވެސް ބުއްދިޤަބޫލުކުރާ އަސާސުތަކެއްގެ މަތީގައި ފާހަގަކުރެވޭ ޢީދަކަށްވުމެވެ. ވަހްމީ ޝަޚްޞިއްޔަތަކާ ނުވަތަ ފުލޯކު ވާހަކަޔަކާ ގުޅިފައިވާކަމަކަށް ނުވުމެވެ. މުސްލިމުން ފިޠުރުޢީދު ފާހަގަކުރަނީ އަރަހުށި މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟުކުރެއްވި މަސްދުވަހުގެ ރޯދަހިފައި ނިމުމުގެ އުފަލުގައެވެ. އަރަހުށި މާތްﷲ މުސްލިމުންގެ ނަބިއްޔާއަށް ކީރިތި ޤުރުއާން ބާވައިލައްވާން ފެއްޓެވީ ރޯދަމަހެއްގައެވެ. އެހެންކަމުން ފިޠުރު ޢީދަކި މުސްލިމުންނަށް އެމާތް ފޮތް ދެއްވިކަމުގެ މައްޗަށް ޝުކުރުވެރިވުމުގެވެސް ޢީދެވެ. އާދެ، މާތްﷲ ގެ ޙުކުމްފުޅެއް ފުރިހަމަކުރެވުމާއި،އެކަލާނގެ ދެއްވި ނޫރެއް ބާވައި ގަނެވި މުސްލިމުންގެ ހަޔާތާ ގުޅުވައިލެވުމުގެ އުފާވެރި މުނާސަބާ ފާހަގަކުރުމުގެ ޢީދެވެ.

މުސްލިމުންގެ ދެޢީދުތެރެއިން ދެވަނަޔަށް އަންނަނީ އަޟްޙާޢީދެވެ. މާތްﷲ މާތްކުރެއްވި ނަބީބޭކަލަކު އެކަލާނގެ އަމުރުފުޅަށް ތަބާވެ ވަޑައިގެންނެވުމުގެ ގޮތުން އެކަލޭގެފާނުގެ އަލަތު ދަރިކަލުން ޤުރުބާންކުރައްވަން ކުރެއްވި މަސައްކަތްޕުޅުގެ ހަނދާން ދިރުވުމުގެ ޢީދެވެ. އަރަހުށި މާތްﷲގެ ޢަހުދުފުޅަށް ވަފާތެރިވުމުގެ ޢީދެވެ. މުސްލިމުން ތާއަބަދު ތިބެނީ އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ޤުރްބާން ކުރަން ތައްޔާރަށްކަން ސާބިތުކޮށްދިނުމުގެ ޢީދެވެ. ކިތަންމެ ލޮބުވެތި އެއްޗަކަށްވިޔަސް ވެހެވެ. މިދެ ޢީދަކީވެސް ބުއްދިޤަބޫލުކުރާފަދަ މަތިވެރި ކަންތައްތަކެއްގެ ހަނދާނީ ދެ ޢީދެވެ. އިންސާނީ ބުއްދިއަށް ރޭކަނުލާ ފުލޯކު ކަންތައްތަކަކާ ގުޅިފައިވާ ދެޢީދެއްނޫނެވެ.

ޢީދު ފާހަގަކުރުމަކީ އިންސާނީ ކޮންމެ މުޖްތަމައެއްގައިވެސް އޮންނަ ކަމެކެވެ. އިންސާނީ ސުންނަތެކެވެ. ޢީދަކީ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ވަސީލަތެކެވެ. ދީނާގުޅިފައިވާ ގުޅުން ފާޅުކޮށްދޭކަމެކެވެ. އިންސާނާއަކީ އޭނާގެ އިންފިރާދީ ޝަޚްޞިއްޔަތާއެކު އިޖްތިމާއި ގުޅުންތަކާއި ބަނދެވުންތަކަކަށްވެސް ބޭނުންވާ މީހެކެވެ. ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް އީދުތަކާއި،ބާޒާރުތަކާއި ، ޤައުމީ ދުވަސްފަދަ ނަންނަމުގައި އިޖްތިމާޢީ ބައްދަލުވުމުގެ ދުވަސްތައް ފާހަގަކުރަނީ އެހެންވެގެންނެވެ. މިގޮތުން އިންސާނާ ފާހަގަކުރާ އިޖްތިމާއީ ދުވަސްތަކުން އެބައެއްގެ ދީނުގެ މިޒާޖާއި ޒައުޤާއި އެބައެއްގެ ވިސްނުމާއި ފިކުރު ހުންނަގޮތުގެ ހިޔަނިވެސް ދައްކައިދެއެވެ.

އިސްލާމްދީން އައުމުގެ ކުރީންވެސް އަރަބީން ބައެއް ޢީދު ފާހަގަކޮށް އުޅުނެވެ. ޚާއްޞަ ބާޒާރުތައް ބޭއްވިއެވެ. ބަހާރު މޫސުން ފެށުމުގެ މުނާސަބާއާއި ނިމުމުގެ މުނާސަބާގައި އީރާނުމީހުން ވަރަށް ފޯރީގައި ޖޯޝާއެކު ޢީދު ފާހަގަކުރެއެވެ. އެހެންކަމުން މަދީނާގެ ބަޔަކު އީރާނުގެ ނައުރޯޒާއި މެހެރުޖާނާ ދެޢީދު ފާހަގަކުރުމުގައި ބައިވެރިމުގެ ހުއްދައަށް އެދި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. އިތުރުސާހިބާ އެހުއްދައެއް ނުދެއްވިއެވެ. ނަމަވެސް މުސްލިމުންނަށްޓަކައި ދެޢީދު ޢައްޔަންކޮށްދެއްވިއެވެ. އެދެ،ޢީދަކީ ފިޠުރު ޢީދާއި އަޟުޙާ ޢީދެވެ.

ޢީދުގެ އުފާފާޅުކުރުމުގެ ތަފާތު

ކުރިންވެސް ދެންނެވިފަދައިން މުސްލިމުންގެ ދެޢީދަކީވެސް އިންސާނިއްޔަތަށް މެސެޖުތަކެއް ފޮނުވާ ދެމުނާސަބާއެވެ. މުސްލިމުންގެ ދެޢީދުގެ އެންމެ ފުރަތަމަ މެސެޖަކީ އުފާފާޅުކުރުމުގެ ދުވަސްތައް ފާހަގަކުރަންވީ ކިހިނަކުންކަން އަންގައިދުމުވެ. ވިސްނައިލަމާ ހިންގަވާށެވެ. ދެޢީދު ދެދުވަހަށްވުރެ އުފާވެރި ދެދުވަހެއް އިސްލާމީ އުންމަތަކަށެއް ނާދެއެވެ. ނަމަވެސް އެ ދެދުވަހާ ގުޅިގެން އެހެނިހެން ޤައުމުތަކުގެ މީހުންކުރާ ގޮތަށް "ޕާޓީކުރުމުއް" ނޯވެއެވެ. ރާފީފާތައް އަނގަމައްޗެއް ނުކުރެއެވެ. އަލިފާނުގެ ކުޅިވަރުތައްކުޅުމެއް ނޯވެއެވެ.

މުސްލިމުންގެ ޢީދު ފެށިގެން އަންނަނީ ޢީދުވިލޭރޭގެ ފަތިހު ތެދުވެ ފަތިސްނަމާދުކުރުމުންނެވެ. ފެންވަރައި ތާހިރުވެ ލިބޭމީހުން އާހެދުންލައެވެ. އެންމެން އުފަލުން އެކަކު އަނެކަކަށް ތަހްނިޔާކިޔަމުން ދަނީ ޢީދުނަމާދަށެވެ. މިސްކިތަށް ދާއިރުވެސް ހިތްތަކަށްވެރިވެފައި އޮންނަނީ މާތްﷲގެ ގަދަ ކީރިތިވަންތަ ކަމެވެ. ދުލުން ކިޔަމުން ދާނީ އެކަލާނގެ ކިބްރިޔާވަންތަކަމުގެ ތަކުބީރެވެ. ޢީދުނަމާދުގައި ތިމާމެންގެ ނިތްކުރި ބިންމަތީގައި ޖައްސައިލަނީ މާތްﷲގެ މަތިވެރިވަންތަކަމާއި ތިމާމެންގެ ނިކަމެތިކަމަށް އިއުތިރާފުވުމުގެ ގޮތުންނެވެ. ޢީދުނަމާދު ކުރަނީ މޮޅާއި ދެރައިގެ ތަފާތެއްނެތި އެންމެން ކޮނޑާކޮނޑު ޖައްސައިގެންތިބެއެވެ. މުއްސަންޖަކަށްވިޔަސް، ފަޤީރަކަށްވިޔަސް، ވެރިޔަކަށްވިޔަސް، މުވައްޒަފަކަށްވިޔަސް، ދިވެއްސަކަށްވިޔަސް، ބަންގާޅީއަކަށްވިޔަސް ވެހެވެ. މިގޮތުގައި ތިބެ ޢީދު ނަމާދު ކުރުމަށްފަހު ދެން އޮންނަނީ ޢީދު ޚުޠުބާގެ އަޑުއެހުމެވެ. މުސްލިމުންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކަށްވާތީއެވެ. މިކަންކަމުން ފާޅުކުރެވެނީ މުސްލިމުންނަކީ އެއް އުންމަތެއްކަމެވެ. މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ، އެކަލާނގެ ރަސޫލާއަށް އީމާންވާ، އެކަލާނގެ ފޮތް ބޮލަރުވާ އެއް ބައެއްކަމެވެ. މުސްލިމުންގެ ތެރޭގައި އެއްބައިވަންތަކަމުގެ އަސާސުތައް ކިހައިވަރުގަދަކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ ޝަރަފާ ގުޅޭ ގޮތަކީ ޚިޔާލުތަފާތުވުންތައް ހަނދާން ހަނދާންނައްތައިލުމެވެ. އެއްބަޔަކު އަނެއްބަޔެއްގެ ޚިޔާލަށް އިޙްތިރާމްކުރުމެވެ. އެއްބަޔަކު އަނެއްބަޔަކު ބަރުދާސްތުކުރުމެވެ.

މިގޮތުން މުސްލިމުންގެ ޢީދު އިންސާނިއްޔަތަށް ދޭ އަނެއް މެސެޖަކީ އީމާންކަމުގެ އަހްލުވެރިންނަކީ އުފާފާޅުކުރުމުގެ ވަގުތުތަކުގައިވެސް މަޑުމޮޅި ބައެއްކަމެވެ. ކެކިއަރާ ބައެއް ނޫންކަމެވެ. މުސްލިމުންނަކީ އެއްވެސް މުނާސަބާއެއްގައި ކިބުރުވެރިކަމާއެކު މޭފުއްޕައިލާ ބައެއް ނޫންކަމެވެ. ތިމާގެ ދުލުން އަހަރެން ވަންތަކަމުގެ ބަސްތައް ބޭރުކުރާ ބައެއް ނޫންކަމެވެ. އުފާފާޅުކުރާއިރުވެސް މުސްލިމުން ތިބެނީ މާތްﷲގެ ޙަޟްރަތުގައި ނިޔަނެތިކަމާއެކު އިސްއޮބައިގެންކަމެވެ. ދުލުން ފާޅުކުރާނީ މާތްﷲގެ މަތިވެރިވަންތަކަން އިއުލާނުކުރުމުގެ ބަސްތައްކަމެވެ. ހަމައެކަނި ޢީދު ފާހަގަކުރުމުގައެއް ނޫނެވެ. ކާވެނީގެ މުނާސަބާތަކުގައިވެސް، ކުއްޖަކު ލިބުމާ ގުޅިގެންވެސް، އާގެއެއް އެޅުމުގެ އުފަލުގައިވެސް ވަޒީފާއެއް ލިބުމުގެ މުނާސަބާގައިވެސް މުސްލިމުން އުފާފާޅުކުރާންވާނީ ނިޢުމަތްދެއްވާ ފަރާތަށް ހިތްތިރިކަމާއި، ނިޔަނެތިކަމާއިއެކު ތަވާޟުޢުވެރިވެތިބެކަމެވެ.

އުފާފާޅުކުރުމުގައި އެންމެން ބައިވެރިކުރުން

އިސްލާމީ ޢީދު އަޅުގަނޑުމެންނަށް ދޭ އަނެއް މެސެޖަކީ ޢީދު ޢީދަކަށްވާނެ ގޮތް އަންގައިދިނުމުގެ މެސެޖެވެ. އިސްލާމީ ނަޒަރުގައި ޢީދު އީދަކަށްވާނީ ޢީދުގެ އުފަލުގައި މުޖުތަމަޢުގެ އެންމެން ބައިވެރިކޮށްގެންނެވެ. ޢީދުދުވަހު އެއްބަޔަކު ކިރުހަކުރާއި ރޫސިހާބަތާއި ފިހުނުމަސް ކާއިރު އަނެއްބަޔަކަށް ރަށުވަލުން ކަނޑޫ ނެރެގެން މެނުވީ ހައިހޫނުކަން ނުފިލުވޭނަމަ އެއީ އިސްލާމީ ޢީދެއްނޫނެވެ. ޕޯޗުގީޒު ޢީދެކެވެ. އަޅުގަނޑުމެން ގޭގެ ޢިދުގެ އުފަލުގައި ނިވިދިއްލޭ ކުލަބޮކިން ޒީނަތްތެތިކޮށްފައިވާ އިރު އަޅުގަނޑުމެންގެ އަވަށްޓެރިން ހައިހޫނުކަމުގައި،ކަރަންޓް ބިލުނުދެއްކި ކަނުއަނދިރީގައި ތިބިކަމުގައިވާނަމަ އަޅުގަނޑުމެން އެފާހަގަކުރާ އުފަލަށްވުރެ ބަރަކާތްތެރިކަމެއްނެތް އުފަލެއް ނޯންނާނެއެވެ.

މުސްލިމުން މިޙަޤީޤަތަށް ސަމާލުކުރުވުމަށްޓަކައި އިސްލާމްދީނުގައި ވަނީ ފިތުރު ޒަކާތް ޝަރުޢުކުރެވިފައެވެ. ޢީދު ނަމާދުގެ ކުރީން އެޒަކާތް ދެއްކުން ލާޒިމުކުރެވިފައެވެ. އަޅުގަނޑުމެންގެ ނިކަމެތި އަޚުންނާއި އުޚުތުންވެސް އިދުގެ އުފަލުގައި ޝާމިލުކުރުމަށްޓަކައެވެ.

ފިޠުރު ޒަކާތަކީ ވަކި މުނާސަބަތަކާ ގުޅޭ ސަދަޤާތެއްކަމުގައި ވިޔަސް އިސްލާމްދީން މުސްލިމުންނަށް ބާރުއަޅަނީ އަބަދުވެސް އެފަދަ "ޒަކާތް"ދީދީ ތިބުމަށެވެ. ތިމާމެން ކޮންމެ އުފަލެއްގައި މުޖްތަމަޢުގެ ނިކަމެތީންގެ ގިންތި ޝާމިލުކުރުމަށެވެ. އަޅުގަނޑުމެންގެ އޯގާވެރިކަމާއި އަޅާލުން ލިބުން ލާޒިމުކުރައްވައިފައިވާ އަވަށްޓެރީންގެ މަތީން ހަނދާންނައްތައިލައިފައި ފާހަގަކުރާ ޢީދެއްވާނީ ފެންޢީދަކަށެވެ. ކުއްޖަކު އުފަންވުމުން ޢަޤީޤާ ކަތިލުމަށާއި ކާވެނީގެ މުނާސަބާގައި ކާވެނިބަތް ދިނުމަށް އިސްލާމްދީން އިރްޝާދުދީފައިވަނީ މުޖްތަމަޢުގެ އެންމެން އެ އުފަލުގައި ބައިވެރިކުރުމަށެވެ. އިސްލާމްދީނުގެ ނަބިއްޔާ އިރްޝާދު ދެއްވައިފައިވާ ގޮތުގައި އެންމެ ނުބައިވަލީމާއަކީ މުޖްތަމަޢުގެ ފަޤީރުން ބައިވެރިނުކޮށް ބާއްވާ ވަލީމާއެވެ. ޙަޤީޤީ މާނައިގައި މުސްލިމަކީ އެހެން މީހުންގެ މޮޅިއާއި ވޭނާއި ތުރާތަކުގެ ތަދު ތިމާގެ އަމިއްލަ ހިތުގައި އިޙްސާސްކުރާ މީހާއެވެ.

އަޟުޙާ ޢީދުގައިވެސް ވަނީ ފަޤީރުންނާއި ނިކަމެތީންނަށް އެހީތެރިވުމުގެ ބައެއް ހިމަނުއްވައިފައެވެ. އަޟުޙާ ޢީދުގައި ޢުޟުހިޔާ ކަތިލުމަކީ ފޯރުންތެރި މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ކަތިލެވޭ ތަކެތި ބައެއް ތިމާގެ ގާތްތިމާގެ މީހުންނަށް ދިނުމަށާއި، ނިކަމެތި ފަޤީރުންނަށްވެސް ބައިއެޅުމަށްވެސް ވަނީ އަންގަވައިފައެވެ. މިގޮތްގޮތުން ބަލާއިރު އިސްލާމީ ޢީދަކީ މުޖްތަމަޢަށްޓަކައި ވަރަށް ބޮޑު ލާބައެކެވެ. އިސްލާމީ އުޚުއްވަތާއި އެއްބަނޑު އެއްބަފާކަން ދިރުވައި އާލާކުރުމުގެ ތަނަވަސް ފުރުސަތެކެވެ. ނިކަމެތި ފަޤީރުންގެ ކަރުނަ ފޮހެދޭ މުނާސަބާއެކެވެ. ނިންމައިލަމުންވެސް މިބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮއެދުމާއި ތަހްނިޔާ މުޅި އިސްލާމީ އުންމަތަށް ރައްދުކުރަމެވެ. ޢީދު ޢީދުގެ ގޮތުގައި ފާހަގަކުރުމަކީ އުފާތައް ފަށްފަށްވާނެ ކަމެއްކަމުގައި ދަންނަވަމެވެ.

comment ކޮމެންޓް