ހަރަމްފުޅަށް ޓެރަރިސްޓް ހަމަލާ ދޭން އުޅުމުން ހިޒްބުﷲ ޖަމާއަތުން އެކަން ކުށްވެރިކޮށްފި

ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ --- ފޮޓޯ: އޭބީސީ ނިއުސް

މައްކާގެ ހަރަމްފުޅަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުމުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމުންގެ މާތްވެގެންވާ މުޤަސްދަސް ބިމަށް މިފަދަ ހަމަލާއެއް ދިނުމަށް ރޭވުމަކީ "ބޮޑު ވެގެންވާ ފާފައެއް" ކަމަށާއި އަދި މިފަދަ ހުތުރު ޖަރީމާތައް ހިންގަމުންދަނީ މުސްލިމުންގެ ނަމުގައި އިސްލާމީ ހަޞާރަތަށް ބިރުދައްކައި މުސްލިމުންގެ ނަން ހުތުރުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

ހިޒްބުﷲ ގެ މީޑިއާ ރިލޭޝަންސް އިން ނެރުނު އެ ނޫސްބަޔާނުގައި ވަނީ "ތަކްފީރީ ޓެރަރިސްޓް ގްރޫޕުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދަނީ ދީނުގެ އުސޫލުތައް ފުނޑުފުނޑުކުރަމުން އިންސާނިއްޔަތަށް ވިސްނުމެއް ނެތި" ކަމަށެވެ.

އެ ނޫސްބަޔާނުގައި ހިޒްބުﷲ އިން އިތުރަށް ބުނެފައިވާ ގޮތުގައި "މުސްލިމުންގެ އަޅުކަމުގެ މާތް މައްސަރު ކަމަށްވާ ރަމަޟާން މަހު ދުނިޔޭގައިވާ އެންމެ މާތް އަދި މުޤައްދަސް ބިމަށް ހަމަލާއެއްދޭން އުޅުމަކީ ހުތުރު އަދި ފިނޑި އަމަލެކެވެ. އެފަދަ ހަމަލާއެއް ދިނުމަށް ތަކްފީރީ ޖަމާއަތުން ރޭވުމުން ދޭހަވަނީ އެބައިމީހުންނަކީ ދީނުގެ މާތް އަޞާސްތަކަށް އެއްވެސް ވަރަކަށް އިހްތިރާމް ކުރުމެއް ނެތް އަދި އިސްލާމްދީނަށާއި މުސްލިމުންނަށް ރަހްމަތާއި ކުލުނެއް ނެތް ބައެއް" ކަމުގައި ކަމަށް ހިޒްބުﷲ އިން ބުންޏެވެ.

އެފަދަ ހަރުކަށި އަދި ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކުން ހަމަލާތައް އަމާޒުކުރަނީ ވަކި ދީނަކަށް، ނަސްލަކަށް އަދި ގައުމަކަށް ބެލުމެތް ނެތިކަމަށާއި ތަކްފީރީ ފަދަ ޖަމާއަތްތަކަކީ އިންސާނީ ނަސްލުގެ މުޖުރިމުން ކަމަށް ވެސް ހިޒްބުﷲ އިން ބުންޏެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެހައި ލީޑަރުން ޓެރަރިޒަމްގެ ފިނޑި އަމަލާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި ހުރިހާ ގައުމުތަކެއްގެ ވެރިންނާއި ރައްޔިތުން އެއްބައިވެ މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ނައްތާލުމަށް މަސައްކަތް ކުރުމަށް ވެސް ހިޒްބުﷲ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޒްބުﷲ ޖަމާއަތަކީ ލުބްނާނަށް ނިސްބަތްވާ އެގައުމުގެ އެތެރޭގެ ކޯޅުންތަކުގައި ލުބްނާނުގެ ރައްޔިތުންގެ ދިފާއުގައި ހަނގަރާމަކުރާ އިދިކޮޅު ޖަމާއަތެއްކަމުގައި ވިޔަސް މިޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމުގައި ހުޅަނގުގެ ގައުމުތަކުން ސިފަކުރެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ބޮޑުބާރު ކަމުގައިވާ ސައުދީ އަރަބިއާވެސްވަނީ ހިޒްބުﷲ ޖަމާއަތަކީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތެއްކަމުގައި ބުނެފަައެވެ.

comment ކޮމެންޓް