ޢީދު ދުވަސްފަދަ މުނާސަބަތުތަކަކީ، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކޮށް އިތުރު ޢަޒުމުތައް އާކުރުމަށް ވަރަށްވެސް އެކަށީގެންވާ މުނާސަބަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މިއުފާވެރި މުނާސަބަތުގެ އިޚުލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށްވެސް އަރިސްކުރައްވާފައި ވެއެވެ. މި ތަހުނިޔާގައި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުގެ ވެރިންނާއި އެތަންތާނގެ އެންމެހައި ބައިވެރިން ޝާމިލުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ޢީދު ދުވަހަކީ، ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އެހީއަށް ބޭނުންވާ މީހުންގެ މަތީން ހަނދާންކޮށް، އެމީހަކަށް ވެވުނުވަރަކުން އެފަދަ ފަރާތްތަކަށް އެހީތެރިވާންވީ ދުވަސްކަމަށާއި، ޢާއިލީގުޅުން ބަދަހިކޮށް، އެކަކުއަނެކަކަށް ޒިޔާރަތްކޮށް، ބައްދަލުކޮށް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކޮށް އުޅޭންވީ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޔާބުގައި ވިދާޅުވެފައި ވެއެވެ.