މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފި

އިސްލާމީ މަރުކަޒަށް ބަޔަކު ހުކުރަށް ގޮސް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިއެވެ.

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ހަމަޖެއްސިކަން މިރޭ އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ރާއްޖޭގޭ ދީނީ ފަތުވާދޭ މަޖިލީހުގެ ނައިބު ރައީސް އައްޝައިޚް އިބްރާހީމް އަހުމަދެވެ.

ހަނދު ސާބިތުކުރިގޮތުގެ ބަޔާން އިއްވަމުން އިބްރާހީމް އަހުމަދު ވިދާޅުވީ މިއަދު އިރުއޮއްސުނުފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް 138 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދުފެނިފައިނުވިނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެއްޖެ ކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައިވާ ކަމަށެވެ.

އެކަމުގެ މައްޗަށް ބެލުމަށްފަހު ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާ އަކީ 138 ވަނަ އަހަރުގެ ޝައްވާލުމަހުގެ އެކެއްވާ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް އިބްރާހީމް އަހުމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ހުރިހާ ރައްޔިތުންގެ އިތުރުން އިސްލާމީ އުންމަތަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ހަނދު ސާބިތުކުރުމުގެ ބަޔާން އިއްވުމާ އެކު އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ އެދުމަކީ ރަމަޟާން މަހަށްފަހު ވެސް ދިވެހީން އެ މަހުގައި އުޅުނު ހެޔޮގޮތްތަކުގެ މަތީ ދެމިތިބުން ކަމަށެވެ.

މިނިސްޓަރު ޒިޔާދު ވަނީ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަށް ބާރު އަޅުއްވާފައެވެ.

އޭނާ ވިދާޅުވީ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ މުޅި އަހަރު ދުވަހުގެ ރޯދަ ހިފުމުގެ ދަރުމަ އާއި ސަވާބު ލިބިގެންދާނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް