ޑެލިވަރީ ހީރޯ އައިޕީއޯއަށް ހުޅުވާލުން: ޖަރުމަނުވިލާތް ޔޫރަޕުގެ ފައިނޭންޝަލް ހަބަކަށް

ޑެލިވަރީ ހީރޯގެ މެސްކޮޓް އަދި ލޯގޯ --- ފޮޓޯ: ކޮމްޕެއާސޮޕް

ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ނުކުތުމަށްފަހު އެންމެންވެސް ބުރަވާ ގޮތުގައި ޔޫރަޕުގެ "ފައިނޭންޝަލް ހަބަށް" ދެންވެގެންދާނެ ގައުމަކީ ޖަރުމަނުވިލާތެވެ.

އީޔޫއިން އިނގިރޭސިވިލާތް ނުކުތްފަހުން ޖަރުމަނުވިލާތުގެ ސްޓާޓަޕް ވިޔަފާރިތަކުގެ މާހައުލަށް ކުރިއެރުންތައް އަންނަންވަނީ ފަށާފައެވެ.

އޭގެ އެންމެފަހުގެ ހެއްކަކީ އެގައުމުގެ ބާލިން އަށް ނިސްބަތްވާ ކާބޯތަކެތި ޑެލިވާ ކޮށްދޭ ކުންފުންޏެއް ކަމަށްވާ ޑެލިވަރީ ހީރޯއިން ވަނީ އެކުންފުނި އައިޕީއޯ (އިނިޝިއަލް ޕަބްލިކް އޮފަރިންގް) އަކަށް ހުޅުވާލަން އުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ.

ޑެލިވަރީ ހީރޯއަކީ 40 އަށް ވުރެން ގިނަ ގައުމުތަކުގައި އެމީހުންގެ ކުންފުނިތަކުގެ ގޮފިތަކުގެ މަސައްކަތް ކުރިޔަށްދާ ކުންފުންޏެކެވެ. އެމީހުންވަނީ ފްރޭންކްފާޓުގެ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމަށް ހުޅުވާލަން ތައްޔާރުވަމުންދާކަމަށްވެސް ބުނެފައެވެ.

ޑެލިވަރީ ހީރޯއިން ލަފާކުރާ ގޮތުގައި އެކުންފުންޏަށް 1.1 ބިލިއަން ޑޮލަރުގެ ފައިދާއެއް އައިޕީއޯއިން ކުރާނެކަމާއި އަދި މީގެ ސަބަބުން ކުންފުނީގެ އަގު 4.9 ބިލިއަން ޑޮލަރަށް އުފުލިގެން ދާނެކަމަށްވެސް އެކުންފުނިން ހަބަރުދެއެވެ.

އެކުންފުނީގެ އެންމެފަހުގެ މޫނުމަތީ އަގަކީ 3.9 ބިލިއަން ޑޮލަރެވެ. އަދި މިއަދަދު 4 ބިލިއަން ޑޮލަރަށް ޖެހިލީ އެކުންފުނިން ސައުތު އެފްރިކާގެ އީކޮމާސް ކުންފުންޏެއް ކަމަށްވާ ނެސްޕާސްގެ ފަރާތުން ހޯދި ފަންޑިންގް އާއެކުއެވެ.

ޑެލިވަރީ ހީރޯއަކީ 150،000 އަށް ވުރެ ގިނަ ރެސްޓޯރެންޓުތަކާއި އެކު ޕާޓްނާޝިޕް އެއްބަސްވުންތައް ހަދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ މައިގަނޑު މަސައްކަތަކީ ޕާޓްނާޝިޕް ހަދާފައިވާ ކުންފުނިތަކުގެ ކާނާ ކަސްޓަމަރުންނާ ހަމައަށް ޑެލިވާ ކޮށްދިނުމެވެ. 6000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ޑެލިވަރީ ހީރޯއަކީ މިހާރު ޔޫރަޕުގެ ސަރަހައްދުގައި މީހުންގެ މަގުބޫލުކަން ހޯދަމުން އަންނަ ކުންފުންޏަކަށް ވާއިރު އެކުންފުނިން މިހާރު ދުނިޔޭގެ މަޝްހޫރު އޮންލައިން ސޮޕިންގް ވިޔަފާރިއެއް ކަމަށްވާ އެމެޒަންއަށްވެސް ދަނީ ކާބޯތަކެތި ޑެލިވާ ކުރުމުގެ ދާއިރާގައި އެކަށީގެންވާ ކޮމްޕެޓީޝަނެއް ކުރިމަތިކުރުވަމުންނެވެ.

ޖަރުމަނުވިލާތަށް ނިސްބަތްވާ މިފަދަ ސްޓާޓަޕް ގިނަ ކުންފުނިތައް މިހާރަކަށް އައިސްދަނީ ވިޔަފާރީގެ މައިދާނުގައި ފައިހަރުކޮށް ފުޅާކުރުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އިނގިރޭސިވިލާތުން އީޔޫއިން ނިކުތުމަށްފަހުގައި ޔޫރަޕުގައި ވިޔަފާރީގެ ގޮތުން އިންވެސްޓްމެންޓްތައް ކުރުން އެންމެ ރަނގަޅު ގައުމަކީ ޖަރުމަނުވިލާތް ކަމުގައި ބޮޑެތި ކުންފުނިތަކުން ދެކުމެވެ.

ދާދިފަހުން އިންކް 5000 ގެ ސާވޭއަކުން ދައްކާ ގޮތުން އީޔޫގެ ވިޔަފާރިތަކުގެ ހަތަރުބައިކުޅަ އެއްބައި (26 ޕަސެންޓް) އެއްބަސްވާ ގޮތުގައި ޖަރުމަނުވިލާތަކީ އީޔޫގެ ގައުމުތަކުގެ "ފައިނޭންޝަލް ހަބަށް" ވުން އެކަށީގެންވެއެވެ. މި ސާވޭގައި ބައިވެރިވި ފަރާތްތަކުގެ 54 ޕަސެންޓް ވަނީ އެއްވެސް ގައުމަކަށް އެފަދަ ފުރުސަތެއް ނުލިބޭނެ ކަމަށް ވޯޓުދީފައެވެ. އަދި މި ސާވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އިނގިރޭސިވިލާތުގައި "ފައިނޭންޝަލް ހަބް" ގާއިމުވެފައި ހުންނާނެ ކަމަށް ދެކެނީ އެންމެ ދެފަރާތުންނެވެ.

comment ކޮމެންޓް