ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފުލުހުން ދޫކޮށްލައިފި

ކުރިމިނަލް ކޯޓް --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ފުލުހަކު، ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޮއެ، މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވިގެން ހައްޔަރުކުރި ދެ ފުލުހުން ދޫކޮށްލައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ ގެސްޓު ހައުސްއެއްގެ ތެރެއިން ހައްޔަރުކުރި އަންހެން ފުލުހަކާއި ފިރިހެން ފުލުސް މީހާ ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ. އެ ދެ މީހުންނަކީ ގަލޮލު ޕޮލިސްޓޭޝަންގައި އެއް ޝިފްޓެއްގައި މަސައްކަތް ކުރާ ދެ ފުލުހެކެވެ.

އެ ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން، ހައްޔަރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ މެންދަމު 12:30 އެހާކަންހާއިރު އެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އެ ދެ ފުލުހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންނެވެ. އަދި އެ ދެ މީހުންގެ ތެރެއިން އަންހެން ފުލުސް މީހާއަކީ ފުލުހުންގެ ޓްރެއިނިން ވެސް މުޅިން ނުނިމި ހުރި ފުލުހެކެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ ދެ މީހުން ފަސް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

comment ކޮމެންޓް