24 ރަށަކަށް ސިންކްރޮނައިޒިންގް ޕެނަލް ފޮނުވަން ފަށަނީ

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޖީނުތައް މެދުނުކެނޑި މަސައްކަތް ކުރުމަށް އެހީތެރިވެދޭ ސިންކްރޮނައިޒިންގް ޕެނަލްސް ފެނަކަ ކޯޕަރޭޝަނުން ރާއްޖެ ގެނެސް، 24 ރަށަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް މިއަދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު އެ ކޯޕަރޭޝަނުން އޯޑަރުކުރި ސިންކްރޮނައިޒިންގް ޕެނަލްތައް ލިބި، ކަސްޓަމްސްއިން ކްލިއާކުރުމަށްފަހު މިއަދު ވަނީ ރަށްރަށަށް ފޮނުވުމަށް ލޯޑުކޮށްފައެވެ.

ސިންކްރޮނައިޒިންގް ޕެނަލް ހަރުކުރުމުން ދެ ޖަނެރޭޓަރު މަސައްކަތްކުރާނީ އެއް ސިސްޓަމްގެ ދަށުންނެވެ. އެކަމުގެ ސަބަބުން އެއް ޖެނެރޭޓަރުން އަނެއް ޖެނެރޭޓަރަށް މަސައްކަތް ބަދަލުކުރާ އިރު ކަރަންޓު ކެނޑުމާއި، އިލެކްޓްރޯނިކް ސާމާނަށް ލިބޭ ގެއްލުންތަކާއި ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މީގެ ސަބަބުން ނެތިގެންދާނެއެވެ.

މާދަމާއިން ފެށިގެން ސިންކްރޮނައިޒިންގް ޕެނަލް ފޮނުވަން ހަމަޖެހިފައިވާ 24 ރަށަކީ ހއ. ވަށަފަރު، ށ. އަތޮޅު ފީވަށް، ގޮއިދޫ، ޅައިމަގު އަދި މާއުނގޫދޫ، ނ. އަތޮޅު ކުޑަފަރީ، މާޅެންދޫ އަދި ވެލިދޫ، ރ. ރަސްމާދޫ، ބ. ހިތާދޫ، ޅ. އޮޅުވެލިފުށި، މ. މަޑުއްވަރީއާއި މުލި، ފ. ދަރަނބޫދޫ އަދި ފީއަލީ، ދ. ކުޑަހުވަދޫ، ހުޅުދެލި އަދި މާއެނބޫދޫ، ތ. ގާދިއްފުށި، ލ. އިސްދޫ، ގދ، މަޑަވެއްޔާއި ރަތަފަންދޫ، އަދި އައްޑޫ ސިޓީގެ ހުޅުމީދޫއެވެ.

ޝަރީފް ވިދާޅުވީ، ފެނަކައިން އިންޖީނުގެ ހިންގާ 148 ރަށުގެ ތެރެއިން ސިންކްރޮނައިޒިންގް ޕެނަލް އިތުރަށް ބޭނުންވާނީ 49 ރަށަކަށް ކަމަށެވެ.

"އަޅުގަނޑުމެން އިތުރަށް 49 ރަށަކަށް ސިންކްރޮނައިޒް ޕެނަލް ހޯދަންޖެހޭ. 148 ރަށުގެ ތެރެއިން ބާކީ ހުރިހާ ރަށެއްގައި ސިންކްރޮނައިޒިންގް ޕެނަލް ވާނީ ފޯރުކޮށްދީފައި،" ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް