ޗައިނާގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 140 އަށް ވުރެ ގިނަ މީހުން ތާށިވެފައި

ޖިންމޯ އަވަށުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުންވަނީ އެތައް ބަޔަކަށް ގެއްލުންވެފައި --- ފޮޓޯ: ރޮއިޓާސް

ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޖިންމޯ އަވަށުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 40 އަށް ވުރެ ގިނަ ގެތަކަށް ގެއްލުން ލިބިއްޖެއެވެ.

މިހާދިސާގައި ޖިންމޯ އަވަށުން 140 އަށް ވުރެ ގިނަ ރައްޔިތުން ބިންގަނޑުގެ އަޑީގައި ތާށިވެފައި ތިބެދާނެ ކަމަށް ސަލާމަތީ ފަރާތްތަކުން ލަފާކުރެއެވެ.

ޖިންމޯ އަވަށުގެ ކައިރީގައި ހުރި ފަރުބަދައަކުން ބިންގަނޑު ކަނޑައިގެން ގޮސް އެ އަވަށަށް ފޭބުމުގެ ސަބަބުން 40 އަށް ވުރެ ގިނަ ގެތަކަށާއި ހޮޓަލަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މާއޯ ކައުންޓީގެ ކަމާބެހޭ ފަރާތްތަކުން ޚަބަރުދެއެވެ.

400 އަށް ވުރެން ގިނަ ފަރާތްތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދޭ --- ފޮޓޯ: ރޮއިޓާސް

އެ އަވަށުން ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ އެގައުމުގެ ގަޑިން 06:00 ގައި ކަމަށް ޝިޗުއާންގެ އިދާރީ ކަންތައްތައް ބަލަހައްޓާ އަވަށް ކަމުގައިވާ މާއޯ ކައުންޓީން ބުންޏެވެ.

ސިޗުއާން ޕްރޮވިންސްގެ ރަސްމީ ދުވަހު ނޫހުން ޚަބަރުދޭގޮތުގައި ދެ މީހެއްވަނީ ދިރިތިއްބާ ސަލާމަތް ކުރެވިފައެވެ. އިތުރު އެކެއްގެ ހަށިގަނޑުވެސް ވަނީ ބިންގަނޑު އަޑިން ހޯދިފައި ކަމަށާއި ނަމަވެސް އޭނާވަނީ މަރުވެފައިކަމަށް ވެސް އެ ނޫހުން ރިޕޯޓުކުރެއެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު އެސަރަހައްދުން ތިން މީހުންގެ އާއިލާއެއް ސަލާމަތްވެފައިވާ ކަމަށް ވެސް އެ ނޫހުން ޚަބަރުދެއެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ފައިބައިގެން ދިޔަ ވެލިގަނޑުން އެސަރަހައްދުގައި އޮންނަ ކޯރެއްގެ ދެ ކިލޯމީޓަރުގެ ސަރަހައްދެއް ވެސް ވަނީ އެއްކޮށް ބަންދުވެފައެވެ.

އެ ސަރަހައްދުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި 400 އަށް ވުރެން ގިނަ މީހުން މިވަގުތު ހަރަކާތްތެރިވަމުންދާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް