މޯލްޑިވިއަން ކުޑަހުވަދޫއަށް ބުދަ ދުވަހު ދަތުރުކުރަން ފަށަނީ، އެއްކޮޅު ޓިކެޓް 888ރ. އަށް

ކުޑަހުވަދޫއަށް ޖެއްސި ފުލައިޓުން ސަރުކާރުގެ އިސް ވެރިން، އެ ރަށަށް ފައިބައިވަޑައިގަތުމުން މަރުހަބާ ދަންނަވަނީ-- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ދ. ކުޑަހުވަދޫގައި އަލަށް ހެދި ދާލު އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މި ފެށޭ ހަފްތާގައި ފަށާނެކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ތަރުޖަމާނު އަލީ ނަޝާތު ހަމީދު "ސަން"އަށް ވިދާޅުވީ، ދ. ކުޑަހުވަދޫގައި ހުޅުވި ދާލު އެއަޕޯޓަށް، 28 ޖޫން ވާ ބުދަ ދުވަހުން ފެށިގެން މޯލްޑިވިއަން ދަތުރުތައް ކުރާނެ ކަމަށެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖެއްސުން: ރަށުގެ ބައެއް ރައްޔިތުން ސަރުކާރުގެ ވެރިންނާއެކު--

ނަޝާތު ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދާލު އެއާޕޯޓަށް އެއް ދަތުރު ކުރާނެ ކަމަށާއި، ޑިމާންޑަށް ބަލާފައި ފްލައިޓުތައް އިތުރުވެސް ކުރާނެ ކަމަށެވެ.

މާލެއިން ކުޑަހުވަދޫއަށް ވައިގެ މަގުން މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގަކީ އެއްކޮޅަށް 888 ރުފިޔާއެވެ.

ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓު އަޅައި ނިންމައި، އެތަނަށް އެންމެ ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެއީވެސް މޯލްޑިވިއަންގެ ފްލައިޓެކެވެ.

ކުޑަހުވަދޫ އެއާޕޯޓުގެ ރަންވޭ --

ކުޑަހުވަދޫގެ ދާލު އެއާޕޯޓުގައި އަޮންނަނީ 1،800 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭގައި ޖެޓު ޖެއްސޭނެ އެވެ.

އެއާޕޯޓު ހެދުމަށް ކުޑަހުވަދޫގައި 62.81 ހެކްޓަރުގެ ބިން ހިއްކިއެވެ. އެއްފަހަރާ 42 ބޯޓަށް ޕާކިން ޖާގަ ވެސް އޮންނަ ގޮތަށް ހަދާ މި އެއާޕޯޓަކީ މިހާތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު އަދި ހިތްގައިމު ޑޮމެސްޓިކް އެއާޕޯޓެވެ.

ކުޑަހުވަދޫގައި އެއާޕޯޓު ތަރައްގީކުރަނީ ރިއޯލޯ އިންވެސްޓްމެންޓްސް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. ކުޑަހުވަދޫ އެއާޕޯޓުގެ މަސައްކަތް ކުރަނީ ރިއޯލޯއިން އުފައްދާފައިވާ "ދާލު އެއާޕޯޓު ހޯލްޑިންގްސް" ކުންފުނިންނެވެ.

comment ކޮމެންޓް