ވިސްނުން ހުރީ ތިން ޕޮއިންޓް ހޯދަން، މެޗު ފަސޭހައެއް ނުވާނެ: ސޮބާ

25 ފެބްރުއަރީ 2017: މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ގްރީން ސްޓްރީޓް---ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ގްރީން ސްޓްރީޓް ނުކުންނައިރު އެ މެޗް ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް އަމާޒަކީ މޮޅެއް ހޯދުން ކަމަށް ގްރީން ސްޓްރީޓްގެ ޒުވާން ކޯޗް ސޮބާހް މުހައްމަދު ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން، މާލޭ ލީގުގެ ތިން ވަނަ މަގާމްގައި އޮތް ގްރީން ސްޓްރީޓްގެ ކޯޗް ބުނީ އޭނާއަށް ކޮންމެ މެޗަކީވެސް މުހިއްމު މެޗެއް ކަަމަށާއި ކުޅުންތެރިންނަށްވެސް ވިސްނައިދެނީ އެގޮތަށް ކަމަށެވެ.

ސޮބާ އިތުރަށް ބުނީ ވެލެންސިއާ އަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ފުރިހަމައަށް އިހްތިރާމް ކޮށްގެން ކަމަށެވެ. އަދި ލީގުގެ މިހާ ހިސާބުން އެއްވެސް ޕޮއިންޓެއް ގެއްލުވާ ނުލެވޭނެ ކަމަށާއި ވިސްނާނީ މެޗަކަށް ފަހު މެޗަކަށް ކަމަށެވެ.

އޭނާ އިތުރަށް ބުނީ ކުޅުންތެރިން ތިބީ މިރޭގެ މެޗަށް ތައްޔާރުވެގެން ކަމަށާއި އުންމީދަކީ ތިން ޕޮއިންޓް ހޯދުން ކަމަށެވެ. އަދި ބުނީ ކޮންމެ ސުކުންތެއްވެސް ދަނޑުމަތީގާއި ހޭދަ ކުރާނީ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށެވެ.

ވެލެންސިއާ އަދި ގްރީން ސްޓްރީޓް ކުރިން މާލޭ ލީގުގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

comment ކޮމެންޓް