އޭދަފުށީގައި ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 7384 ރުފިޔާ

ބ.އޭދަފުށި -- ފޮޓޯ: އީޓީ

ބ. އޭދަފުށީގައި ފަގީރުންގެ ގޮތުގައި ނަންނޯޓުކޮށްފައި ތިބީ ނުވަ މީހުން ކަމަށާއި އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 7384.56 ރުފިޔާ ބަހަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ މިރޭ "ސަން" އަށް ވިދާޅުވީ މި އަހަރު ފަގީރުންގެގޮތުގައި އެރަށުން ރަޖިސްޓްރީކޮށްފައި ވަނީ ފަސް މީހުން ކަމަށެވެ. އަދި މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ހަތަރު މީހުންނާއެކު ޖުމްލަ ނުވަ މީހަކަށް އެރަށުން ފިތުރު ޒަކާތް ހައްގުވާ ކަމަށް ސަމީހާ ވިދާޅުވިއެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައިވާ މީހުން މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ނުކުރިޔަސް އެމީހުންނަށް ޒަކާތް ހައްގުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ސަމީހާ ވިދާޅުވިއެވެ.

ސަމީހާ ވިދާޅުވިގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އޭދަފުށީ ކައުންސިލަށް މިއަހަރު ލިބުނީ 66461 ރުފިޔާއެވެ.

ތައިލެންޑު ހަނޑުލުގެ 24 ކިލޯގެ ހަނޑުލަށް ކިލޯއަކަށް 60 ރުފިޔާގެ ރޭޓުން 23 މީހަކު 13،800 ރުފިޔާ ދައްކާފައިވާއިރު، 24 ކިލޯގެ މޮޅު ހަނޑުލުގެ ކިލޯއަކަށް 85 ރުފިޔާގެ ރޭޓުން 185 މީހަކު ފިތުރު ޒަކާތުގެ ގޮތުގައި 15725 ރުފިޔާ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 20 ކިލޯގެ އާދައިގެ ހަނޑުލުން 18 ރުފިޔާގެ ރޭޓުން 2742 މީހަކު 49356 ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ސަމީހާ ވިދާޅުވިއެވެ.

ސަމީހާ ވިދާޅުވީ މާދަމާ ރޭ 9:30 ގައި ކައުންސިލް އިދާރާ އިން ފިތުރު ޒަކާތް ބަހަން ފަށާނެ ކަމަށެވެ.

comment ކޮމެންޓް