ޝައުގުވެރި ލިޔުންތަކަކާ އެކު މޯލްޑިވްސް ފައިންޑަރ 2017 ނެރެފި

މޯލްޑިވްސް ފައިންޑަރ 2017 ލޯންޗުކުރުން --- ފޮޓޯ/ މަޓާޓޯ

ރާއްޖޭގެ ޓުއާ އޮޕަރޭޓާރުންނާއި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ "މަޓާޓޯ"އިން ކޮންމެ އަހަރަކުވެސް ނެރޭ ޓްރެވަލް މަޖައްލާ "މޯލްޑިވްސް ފައިންޑަރ"ގެ 2017 ވަނަ އަހަރުގެ އަދަދު ނެރެފިއެވެ.

މަޓާޓޯއިން "މޯލްޑިވްސް ފައިންޑަރ"ގެ 2017 ވަނަ އަހަރުގެ އަދަދު ނެރުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މީޑިއާއަށް އިއްޔެ ބޭއްވި ޚާއްސަ ރޯދަވީއްލުމެއްގައެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް "ސަން"އަށް ވިދާޅުވި ގޮތުގައި، މިއަހަރުގެ "މޯލްޑިވްސް ފައިންޑަރ"ގައި ފީޗަރކޮށްފައިވާ އެންމެ ޚާއްސަ އެއް ކޮންޓެންޓަކީ، ދިވެހި ފޮޓޯގްރާފަރު އާއިޝަތު ނަޖީލާ (ނަޖް)އާއި އޭނާގެ ފިރިމީހާ، މިނިވަން ނޫހުގެ ކުރީގެ އެޑިޓަރު ޑެނިއެލް ބޮސްލީ ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް، ހިންގަމުން އަންނަ "ޓޫ ތައުޒަންޑް އައިލްސް" ޕްރޮޖެކްޓެވެ.

މަޓާޓޯއިން އިއްޔެ ބޭއްވި ރޯދަވީއްލުމުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ

އޭގެ އިތުރުން، މިދިޔަ އަހަރު މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ލިބިވަޑައިގެންނެވި ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދުވެސް "މޯލްޑިވްސް ފައިންޑަރ"ގައި މިއަހަރު ފީޗަރ ކޮށްފައިވާނެ ކަމަށް އަސޫ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެހެނިހެން މައުލޫމާތާއި ރިސޯޓުތަކާ ބެހޭ މައުލޫމާތުވެސް އޭގައި ހިމެނޭނެއެވެ.

މަޓާޓޯޢިން މައުލޫމާތުދޭ ގޮތުގައި، މަޓާޓޯއިން ބައިވެރިވާ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބާއްވާ ބައިނަލްއަގުވާމީ ހަރަކާތްތަކާއި މައުރަޒުތަކާއި ނެޓްވޯކިންގް އިވެންޓްތަކުގައި މޯލްޑިވްސް ފައިންޑަރ މަޖައްލާ ބަހާނެއެވެ.

މަޓާޓޯއިން އިއްޔެ ބޭއްވި ރޯދަވީއްލުމުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ

މި މަޖައްލާ އެންމެ ފުރަތަމަ ނެރުނީ 2011 ވަނަ އަހަރުއެވެ.

comment ކޮމެންޓް