ޔަމަނުގައި ގައިދީންނާ މެދު ހިންގި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ތަހުގީގު ކުރަން އެމްނެސްޓީއިން ގޮވާލައިފި

ޔަމަނުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލި އަވާބް ހަބީބް ވިދާޅުވީ ޔަމަނުގައި ހުންނަ މަފަދަ ސިއްރު ޖަލުތަކުގައި ލާއިންސާނީ އެތައް އަމަލެއް ހިންގާކަމަށް --- ފޮޓޯ: އޭޕީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޔަމަނުގެ ސަލާމަތީ ބާރުތަކުން އެގައުމުގައި ގައިދީންނަށް އަނިޔާ ދިންކަމަށް ބުނެ އެމައްސަލަ ތަހުގީގު ކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން އދ. އަށް ގޮވާލައިފިއެވެ.

އެމްނެސްޓީއިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޔޫއޭއީ އިން ޚަރަދުކޮށްގެން ޔަމަނުގެ އަސްކަރިއްޔާއާ ގުޅިގެން އެގައުމުގައި ހަރަކާތްތެރިވާ އައިސިސް އަދި އަލްގައިދާ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހައްޔަރުކުރި ގައިދީންނާ ދެމެދު ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އެކަން ވީ އެންމެ އަވަހަކަށް ތަހުގީގުކުރުމަށް އެމްނެސްޓީއިން ވަނީ އދ. އަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެ ޖަމާއަތުން ޔޫއޭއީގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފައި މިވަނީ އެސޯސިއޭޓެޑް ޕްރެސްއިން ދާދި ފަހުން އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ.

އެރިޕޯޓުގައިވާ ގޮތުން ޔޫއޭއީގެ ސަރުކާރާއި ޔަމަނުގެ އަސްކަރިއްޔާ ގުޅިގެން ސިއްރިއްޔާތުގައި މީހުން ބަންދުކޮށްގެން އަނިޔާކުރުމަށް ހިންގާ 18 ތަނެއް ޔަމަނުގެ ދެކުނުގައި ހިންގައެވެ. އަދި އެ ލާއިންސާނީ އަމަލުތަކުގެ ވާހަކަތައް އެ ނޫސްއެޖެންސީއާ ހިއްސާކޮށްފައި ވަނީ އެފަދަ ތަންތަނުގައި ގައިދީންގެ ގޮތުގައި ތިބި މީހުންނާއި އެމީހުންގެ އާއިލާގެ އިތުރުން އެފަދަ ފަރާތްތަކުގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލުންގެ އިތުރުން ޔަމަނުގެ ބައެއް އިސް އޮފިޝަލުންނެވެ.

"އދ. އިސްކޮށް އޮވެ މި މައްސަލަ ތަހުގީގުކޮށް މީގައި ޔޫއޭއީ އާއި އަދި ދެންވެސް ހަރަކާތްތެރިވި ފަރާތްތައް އަދާކޮށްފައިވާ ދައުރުތައް އެބަޖެހޭ ހޯދެން،" އެމްނެސްޓީ އިންޓަނޭޝަނަލްގެ މެދުއިރުމަތީ ގޮފީގެ ޑިރެކްޓަރ އޮފް ރިސާޗް، ލިން މާލުފް ވިދާޅުވިއެވެ.

"އެތަންވަނީ ބިރުވެރިކަމުން ފުރިފަ. އަހަރެމެންނަށް އަބަދުވެސް އިވެނީ ހަޅޭކުގެ އަޑުތައް،" ޔަމަނުގެ އަވަށެއްކަމުގައިވާ މުކައްލާގައި ހުރި ޖަލަކާ ބެހޭގޮތުން އެތަނުގައި ކުރިން ގައިދީއެއްގެ ގޮތުގައި ހުރި މީހަކު އޭޕީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޔަމަނުގައި ހައްޔަރުކުރި ހަނގުރާމަވެރިންނާ ސުވާލުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވެސް ހަރަކާތްތެރިވި ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެގައުމުގެ އަސްކަރިއްޔާއިން އެ ލާއިންސާނީ އަމަލުތަކުގައި ބައިވެރިވި ކަން ނުވަތަ ނޫންކަމެއް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް