ޓްރަމްޕަކީ ދުނިޔޭން މޮޔަނުވެހުރި ސިކުނޑި ހަމަނުޖެހޭ މޮޔައެއްކަމަށް އުތުރުކޮރެޔާއިން ސިފަކޮށްފި

ޓްރަމްޕް

ޕިޔޮންގްޔަންގް (ޖޫން 23): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މުޅިން ބުއްދި ފުރިހަމަ ބޭފުޅެއް ނޫންކަމަށާއި އޭނާއަކީ ދުނިޔޭން މޮޔަނުވެހުރި ސިކުނޑި ހަމަނުޖެހޭ މޮޔައެއްކަމަށް އުތުރުކޮރެޔާއިން ސިފަކޮށްފިއެވެ.

އުތުރުކޮރެޔާގެ ސަރުކާރުން ނެރޭ ރަސްމީ ނޫހެއްކަމަށްވާ "ރޮޑޮންގް ސިންމޮން"ގެ އެޑިޓޯރިއަލް ބުނާގޮތުން ޓްރަމްޕްގެ އަމަލުތަކާއި ސިޔާސަތުތައް ހުންނަނީ މުޅިން ބުއްދި ފުރިހަމަ ލީޑަރެއްގެ ވިސްނުން ހުންނަ ގޮތަކަށް ނޫނެވެ. މިގޮތުން ޓްރަމްޕް އޭނާގެ އަމިއްލަ ގައުމުގައި އަބަދު ހޫނުފެނަށް ވެއްޓިފައިވާއިރު އެމެރިކާގެ ހުޅަނގުގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ގައުމުތަކުގައިވެސްވަނީ އޭނާގެ އަގު ވެއްޓިފައެވެ. އަދި ޔޫރަޕްގެ ލީޑަރުން ޓްރަމްޕަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާކަމަށްވެސް މިނޫސް ބުނެއެވެ.

މީގެއިތުރުން އެމެރިކާގެ އެތެރޭގައި ޓްރަމްޕަށް ކުރިމަތިވެފައިވާ މައްސަލަތަކުން މީހުންގެ ނަޒަރު އަނބުރާލުމަށްޓަކައި އުތުރުކޮރެޔާއަށް ބިރު ދައްކަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމާ އެކަންވެސް ވަނީ މުޅިން ނާކާމިޔާބުވެފައި ކަމަށް "ރޮޑޮންގް ސިންމޮން" ނޫސް ބުނެއެވެ.

ޓްރަމްޕަކީ އުތުރުކޮރެޔާ ފަދަ ގައުމަކަށް ބިރުދައްކަން ކިހާ ފެންވަރެއްގެ ބޭފުޅެއްތޯވެސް މިނޫހުން ސުވާލުކޮށްފައިވެއެވެ. "ރޮޑޮންގް ސިންމޮން" ނޫސް އެމެރިކާގެ އޭޝިޔާގެ ބައިވެރިން ކަމުގައިވާ ޖަޕާނާއި ދެކުނު ކޮރެޔާއަށް ގޮވާލާފައިވަނީ ޓްރަމްޕަކީ ދުނިޔޭން މޮޔަނުވެހުރި ސިކުނޑި ހަމަނުޖެހޭ މޮޔައެއްކަމަށް ދެކިގެން އޭނާއާ މުއާމަލާތް ކުރުމަށެވެ. އެހެންނޫންނަމަ އެދެގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށްވެސް އުތުރުކޮރެޔާގެ ރަސްމީ ނޫހުގެ އެޑިޓޯރިއަލް ގައި ބުނެފައިވެއެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފުރަތަމަ ގެންގުޅުއްވީ ހަނގުރާމައިގެ ގުރާބުތައް ފޮނުވައިގެން އުތުރުކޮރެޔާއަށް ބިރު ދެއްކުމުގެ ހަރުކަށި ސިޔާސަތެކެވެ. މިގޮތުން އުތަރުކޮރެޔާގެ މައްސަލަ އަސްކަރީ ގޮތުން ހައްލުކުރާނެ ކަމަށް ވިދާޅުވެ އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވިއެވެ. ނަމަވެސް އެމެރިކާ އިސްވެ އެއްވެސް ހަމަލާއެއް ދީފިނަމަ އެމެރިކާއަށް ރައްދު ހަމަލާދޭނީ ނިއުކްލިޔަރ ހަތިޔާރުން ކަމަށް އުތުރުކޮރެޔާ ބުނުމުން ޓްރަމްޕް ވަނީ އުތުރުކޮރެޔާއަށް ބިރު ދެއްކުމަށް ފޮނުއްވި ހަނގުރާމައިގެ ގުރާބުތައް އަނބުރައި ގެންނަވައި އުތުރުކޮރެޔާއާއެކު ޝަރުތުތަކެއްގެ މަތިން ސުލްހައިގެ ވާހަކަތައް ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އަމިއްލައަށް ފަހަތަށް ޖެހިވަޑައިގެންފައެވެ. މިގޮތުން އުތުރުކޮރެޔާގެ ޒުވާން ލީޑަރާ ބައްދަލުކުރައްވާ ހިތްވާކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ ބިރުދެއްކުންތަކަށްފަހު އުތުރުކޮރެޔާއިން އެމެރިކާއަށް ގޮންޖަހައި ބެލަސްޓިކް މިސައިލްގެ އެތަށް ތަޖްރިބާއެއް ކުރިއިރުވެސް ޓްރަމްޕަށް ކުރެވުނު ކަމެއްނެތެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން އުތުރުކޮރެޔާއާ ދެކޮޅަށް ގަރާރެއް ފާސްކުރުން ފިޔަވައި އެހެންކަމެއް އެމެރިކާއަށް ކުރެވިފައެއް ނުވެއެވެ. މިކަންވެސް ކުރެވުނީ ޗައިނާގެ އެއްބާރުލުން ހޯދައިގެންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް