ކުޅުންތެރިން ތިބީ މޮޅެއް ހޯދަން ކެތް މަދުވެފައި: ޓަވަރޭސް

މާޗް 3، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ނުކުންނައިރު އެޓީމުގެ ކުޅުންތެރިން ތިބީ އެންމެ ފަހުން ގްރީން ސްޓްރީޓް އަތުންވީ ބަލި ހަނދާން ނައްތާލުމަށްޓަކައި މޮޅެއް ހޯދަން ކެތް މަދުވެފައިކަމަށް އެޓީމުގެ ކޯޗް ބެނާޑޯ ޓަވަރޭސް ބުނެފިއެވެ.

މެޗުގެ ކުރިން ނޫސް ވެރިންނާ ވާހަކަދައްކަމުން ޓަވަރޭސް ބުނީ މޮޅެއް ހޯދަން އޭނާގެ ކުޅުންތެރިން އިންތިޒާރު ކުރާތާ މަސްދުވަސް ވެފައިވާ ކަމަށާއި ޓީސީ އަތުން މޮޅެއް ހޯދަން ބޭނުން ކަމަށެވެ.

އޭނާ އިތުރަށް ބުނީ މުބާރާތުގެ ދެވަނަ ބުރުގެ ކުރިން ރަނގަޅު ބްރޭކެއް ލިބުމަކީ ފައިދާ ވެދާނެ ފަދަ ކަމެއް ކަމަށާއި ނަމަވެސް އޭގެ ސަބަބުން ގެއްލުން ވުންވެސް ގާތް ކަމަށެވެ. ނަމަވެސް އޭނާ ބުނީ ނިއު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މެޗުގެ ކުރިން ކުރިއަށްދިޔަ ފަރިތަކުރުންތައްވެސް ރަނގަޅު ކަމަށެވެ.

ޓީސީ އާ ގުޅޭ ގޮތުން ޓަވަރޭސް ބުނީ އެ ޓީމަކީ މޮޅު ޓީމެއް ކަަމަށާއި އެ ޓީމުގެ ކުޅުންތެރިންނާ މެދު ސަމާލުވާނެ ކަމަށެވެ. އަދި ކުރިން ޓީސީ އަތުން މޮޅުވެފައި އޮތުމަކީ ފަރުވާ ކުޑަކުރާނެ ކަމެއް ނޫންކަމަށާއި ބޭނުންވަނީ މޮޅެއް ހޯދަން ކަމަށެވެ.

މާލޭ ލީގު ތާވަލްގައި ނިއު މިވަގުތު ދެވަނައިގައި އޮތްއިރު މާޒިޔާ ރޭ ކުޅުނު މެޗުން ބަލިވުމުން މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރުމުގެ ފުރުޞަތު ޓީސީ ބަލިކޮށްގެން ނިއުއަށް އެބައޮތެވެ.

comment ކޮމެންޓް