ރިޒޭގެ މޮޅު ކުޅުމާ އެކު އީގަލްސް އިން މާޒިޔާ ލަދުގަންނަވާލައިފި

އީގަލް-މާޒިޔާ: މެޗުގެ މޮޅު ކުޅުންތެރިއާ އަހްމަދު ރިޒްވާން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގެ ފަހު ބުރުގައި އީގަލްސް އަދި މާޒިޔާ ބައްދަލު ކުރި މެޗު އެންމެން ހައިރާންކޮށްލުމަށް ފަހު އީގަލްސްއިން ކާމިޔާބުކޮށްފި އެވެ.

ގައުމީ ދަނޑުގައި ކުޅުނު އެ މެޗު އީގަލްސް އިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކާ އެކު އެވެ.

މިރޭގެ މެޗަށް އީގަލްސް ނުކުން އިރު އެ ޓީމުގެ ސްކޮޑުގައި މުހިންމު ތިން ކުޅުންތެރިއަކު ނުހިމެނެއެވެ. އެގޮތުން ލީގުގެ ފުރަތަމަ ބުރުގައި އެންމެ ރަނގަޅަށް އީގަލްސްއަށް ކުޅެދިން އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) ރިހާމް އަބްދުލްގަނީ (ބޮބީ) އަހްލާގީ މައްސަލައެއްގެ ސަބަބުން މިރޭގެ މެޗުން ފުރުޞަތުދީފައެއް ނުވެއެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ އީގަލްސް އިންނެވެ. ޕޮއިންޓެއް ހޯދަން ނުކުތް އީގަލްސް މިރޭގެ މެޗުގައި ތަފާތުކޮށް ފެނުނުއިރު އެ ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާ އަހްމަދު ރިޒްވާން (ރިޒޭ) އެވެ. ދެ ވަނަ ހާފުގެ 50 ވަނަ މިނިޓްގައި އޭނާ އެ ލަނޑު ކާމިޔާބު ކުރި އިރު މާޒިޔާގެ ޑިފެންސްއަށް އޭނާ ހިފެހެއްޓުމަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ރިޒޭ އީގަލްސްއަށް ތިން ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. އަދި އޭނާ އެ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ބަދަލް ކުޅުންތެރިއެއް ގޮތުގައި ނުކުތް އަހްމަދު ނައިމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އީގަލްސްއަށް ނަތީޖާގެ ތަފާތު ބޮޑުކޮށްދީފައެވެ. ގޯލް އޭރިއާ ބޭރުގައި ހުރެ 84 ވަނަ މިނިޓްގައި ނައިމް ފޮނުވާލިބޯޅަ ގޯލް ކަނަށް ގޮސް ވަތްއިރު އެ ބޯޅަ ދިފާއު ކުރުމަށް މާޒިޔާގެ ކީޕަރަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

އީގަލްސް ގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް މަޗުގެ 90 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ވެސް ރިޒޭއެވެ. މާޒިޔާގެ ޑިފެންޑަރު ކައިރިން ބޯޅަ ހޯދުމަށް ފަހު ރިޒޭ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނާތްފަރާތު ތިރީ ކަނަށެވެ.

އީގަލްސްގެ ހަތަރު ވަނަ ގޯލާއެކު މާޒިޔާގެ ބެންޗުގައި ތިބި ބައެއް އޮފިޝަލުން ވަނީ ހިތް ހަމަނުޖެހުން ފަޅުކޮށް ދަނޑަށް އަރަން މަސައްކަތްކޮށްފައެވެ. އަދި ފޯތް އޮފިޝަލް ޝިފާން އަބްދުއް ރަހީމަށް މާޒިޔާގެ ބައެއް އޮފިޝަލުން ގޮސް ހިތް ހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެން ވަނީ ގޮސްފައެވެ.

މާޒިޔާގެ ބައެއް އޮފިޝަލުން ފޯތް އޮފިޝަލް ޝިފާން އަބްދުއް ރަހީމް ކައިރި މަޑުކޮށްލައިގެން-ރެފްރީގެ ނިންމުންތަކާއި ގުޅިގެން މާޒިޔާއިންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައި--ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭގެ މެޗުގައި އީގަލްސް އިން ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު މާޒިޔާއިން ވަނީ އީގަލްސްގެ ދެ ވަނަ ލަނޑާއެކު ކުޅުން ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އެ ނަތީޖާއާއެކު އީގަލްސް ވަނީ ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައެވެ. އަދި މާޒިޔާ އެއް ވަނާގައި އޮތީ 21 ޕޮއިންޓާއެކު އެވެ.

comment ކޮމެންޓް