އަހަރެންގެ ހިތް އަނބުރާދީ

މޫނު އަޅައިގެން ހުއްޓަސް ސަލްވާއާއި އަޒަލް ވަކިކުރަން އެއާއިލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ދެމީހުން ހިގާގޮތް ތަފާތެވެ. ސަލްވާގެ މަޑުމައިތިރި ފަރި ހިގުމާއި އަޒަލްގެ ހަލަބޮލިކަން އަޅާ ކިޔޭނެހާ ތަފާތެވެ. ވިޝާމް ނޭގޭކަމަށް ހެދިއެވެ.

"ޒެލް........ކޮންކަމެއް ތިއީ...." ވިޝާމް ސަމާސާކޮށްލަންވެގެން ގަސްތުގައި ބުނެލިއެވެ. ކާރުން ފޭބި ހައިކަލްވެސް ދެތިން ކޮތަޅު ހިފައިގެން އައިސް އަރާ ހަމަވިއެވެ. މެހެރީނާ ހައިކަލްއަށް ވިޝާމްގެ ނުލަފާކަން އަންގާލަން ބޭނުންވިއެވެ. މޫނު ބުރުގާ އަޅުވައިގެން އުޅެނީ ވިޝާމްއާއި ސަލްވާ ކުޅިގަނޑެއް ކުޅެކަންކަން އަންގާހިތުން އިންތަނުން ތެދުވެވިއްޖެއެވެ. ނަމަވެސް އެހިސާބާއި އަރާ ހަމަވެފައި އެގޮތަށް އަދި ހީވާ އެއްޗެއްގެ މައްޗަށް ބުރަވެ ދޮންބެ އޭނަގެ ވާހަކަ ގަބޫލުނުކުރާނެކަން ޔަގީންވެފައި އޭނަ ހުއްޓުންއެރިއެވެ. ހެއްކާއި ގަރީނާއާއި އެކުގައި ނޫނީ ދޮންބެގެ ކަންފަތަށް މިވާހަކަ އިވިގެން ނުވާނެއެވެ. ހައިކަލް ހިނިތުންވެލުމުން ވިޝާމް ހުރީ ހަތަރުކަޅިވެސް ހަމަނުކުރަން ނިންމައިގެންނެވެ.

"ސާބަހޭ ވިޝާމް. ސަލްވާވެސް ފެންނަނީ އަޒަލްގެ ގޮތުގައިތަ؟ ތިއީ ޒެލްއެއްނޫނޭ. ސަލްވާއޭ. ކަޅުހެދުން ލައިގެން ހުރި ކޮންމެ އަންހެނަކީ ތިމާގެ ވައިފްކަމަށް ހަދައިގެން ސަމާސާކުރަން އުޅެންޏާ ރަގަޅު ލަނޑެއްލިބިދާނެ އިނގޭ........." މެހެރީނާ ޖެއްސުމުގެ ފާޑަކަށް ހީލަމުން ވިޝާމްއާއި ކައިރީގައި ހުއްޓެމުން ނުރައްކާތެރި ވިހަ ނަޒަރަކުން ބަލާލައިފިއެވެ. އިންޒާރެއްދިން ފަދައިންނެވެ. ވިޝާމް ތަބަށް ލެނގިލަމުން މެހެރީނާއާއި ހަތަރުކަޅި ހަމަކޮށްލިއިރު ހުރިހާ ޝުއޫރުތަކެއް ފޮރުވާލައިފިއެވެ. އެދެލޮލުގައިވި އެއްވެސް އެއްޗެއް މެހެރީނާއަށް ތަރުޖަމާކުރާކަށް ނޭގުނެވެ.

"ރިއަލީ؟ އިސް ދެޓް އެ ތްރެޓް؟ " ވިޝާމް އެއް މިޔަކަނުން ހީލިއެވެ.

"ބުނަން ވިޝާމް. ތިހާލަދުކުޑަވެގެން މޫނުމަތީ ޒުވާބުކުރަން އުޅޭނެކަމެއްނެތް. އަހަންނަށް އެނގެއޭ ވިޝާމްގެ ނިޔަތް ރަގަޅުނޫންކަން. ކުޑަކޮށް ސިފަރީތިވެލީމަ ހުރިހާ އަންހެނުން ތިމާގެ ފަހަތުން ދުއްވައިގެން ފްލާޓްކުރަމުން އުޅޭ ފާޑުގެ ފިރިހެނެއްކަން އެނގިއްޖެ. އަޒަލްކަހަލަ ރީތި އަންހެންކުއްޖަކާއި އިނީމަވެސް ތިއުޅެނީ އަދިވެސް ހިތްނުފުރިގެން. ދޮންބެއަށް އެނގޭއިރަށް ތީނަ މިގެއިން ބޭރަށް ލާނެ. ސަލްވާގެ ފަހަތުން ވިޝާމް މިގެއަށް ވަނުމަކީ ނުބައި ފާލެއް........" މެހެރީނާ ވިޝާމްއާއި ކައިރީގައި ހުއްޓިލާފައި ތަންކޮޅެއް މަޑުމަޑުން ވާހަކަދެއްކިއެވެ. އެހެން މީހަކަށް ނީއްވަންވެގެންނެވެ.

"ފާލެއް މީންސް ނައިޓްމެއަރތަ؟ " ވިޝާމް ދެލޯ ކުޑަކޮށްލިއެވެ.

"ޑޮކްޓަރެކޯ އެކަމަކު އެވަރުވެސް ނޭގެނީތަ...." މެހެރީނާ މަލާމާތްކުރިއެވެ.

"ޑޮކްޓަރުކަން ކިޔަވާއިރު ބަސް ކިޔަވާނުދެއޭ...." ވިޝާމް ހުރި ހަމަޖެހިލާފައެވެ. ސަމާސާ މޫޑެއްގައެވެ.

"އަހަރެން ހީކުރަނީ ހަތަރުކުޅަދު މަދު ރާއްޖެތެރޭމީހުންނަށް ދިވެހިބަސް އަހަރެމެންނަށްވުރެ އެނގޭނެކަމަށް. ހަތަރުކަށިމަތި ދިވެހިންނަށްވެސް ވާހަކަދައްކާކަށް ނޭގޭ. އެނީވޭސް ވިޝާމް. އެއްޗެކޭ ހީނުކުރައްޗޭ. ކޮންމެހެން ރާއްޖެތެރެވީމަ މަލާމަތްކުރަނީއެއްވެސް ނޫން. ނަމަވެސް ވިޝާމްއާއި ސަލްވާގަޔަކު ޝާހީގޮތެއްނުހުރޭ. ވާހަކަދެއްކުމުގައިވެސް އަދަބުވެރިވުމުގައިވެސް އެކަހަލަ ގޮތެއްނެތް. މިގޭގައި ދުވަސްކޮޅެއްވީމަ މެނާސްތައް ދަސްވާނެކަމަށް ހީކުރަން....."މެހެރީނާ ހުރީ މަލާމާތުގެ ހިންޏެއް އައިސްފައެވެ.

"މެހެރީނާދައްތަ ކައިރިން އެދުރުވެއްޖެއްޔާ މެނާސްތަކާއި ވާހަކަދެއްކުމުގެ ރީތިގޮތްތައް ދަސްވާނެ. އައިމް އޮނާޑް. މިގެއަކީވެސް ބްލެސިންއެއް. ވެހެމުންދާ ވާރޭ. މިގޭގައި އުޅޭ އެންޖެލްސްއިން. ރޯޒްމެހެލްއަށް ވަދެވުމުން ތަފާތު އިހުސާސްތަކެއްކުރެވުނީ. މްމްމް ފިނިވާން ފަށައިފި، ކޮފީއެއް ގިރައިލަދޭން ކުއްޖެއް ވާތޯ ބަލާލާނަން......." ވިޝާމް ޖިންސްގެ ޖީބަށް އަތްޖަހާލަމުން ހިނިތުންވެލިއެވެ.

"ކޮފީ މެޝިނެއްވެސް ހުރޭ......." މެހެރީނާ އަނގަޔަށް ގޮތެއްހެދިއެވެ.

"ތޭންކްސް ފޯ ރިމައިންޑިން މީ........" ވިޝާމް އެނބުރިބަލާލިއެވެ.

ވިޝާމް ފެނުމުން ކޮންމެވެސް މީހެއްގެ މަތިން ހަދާންވާކަހަލަގޮތެއް ހުރުމުން މެހެރީނާ ދެލޯ ހަނިކޮށްލައިގެން އިރުކޮޅެއްވާންދެން ބަލަން ހުރެފައިބޯ ކަހައިލިއެވެ. ކޮންމެވެސް ދަންނަގޮތެއް ވިޝާމްގެ މޫނުމަތިން ފެނިލާފައި ސިކުނޑިން ކައްސާލައިފިއެވެ. މެހެރީނާ ގަބޫލުކުރާގޮތުން އޭނައަށް ދެއްވާފައިވަނީ ވަރަށް ތޫނު ވިސްނުމެކެވެ. ފަހުމްވުން ވަރަށް ފަސޭހައެވެ. މިފަހަކަށް އައިސް އޭނަގެ ހަދާނުގައި މައްސަލަޖެހި ފަސޭހައިން ކަންތައްތައް ހަދާންނެތޭތީ އޭނަ ކަންބޮޑުވެއެވެ. ޑޮކްޓަރަކާއި ވާހަކަދައްކާލުމުން އެއީވެސް ޑިޕްރެޝަން ހުރީމަކަމުގައި ބުނުމުން މެހެރީނާ ހިތްހަމަނުޖެހިފައި ޑޮކްޓަރާއި ޒުވާބުފަށެއްކޮށްލިއެވެ. އަދި މިފަހަކަށް އައިސް އަރީންގެ އުދަގޫ މާބޮޑުވެ އޭނަ ގުޅަންވެސް ފަށައިފިއެވެ. އޭނައާއި ކައިވެނިކުރަން ބޭނުންވާކަމުގައި ބުނެގެން ހައްތަހާ މެހެރީނާގެ ދިރިއުޅުމަށް ދަތިކުރަނީއެވެ. މެހެރްޓީވީއަށްވެސް އަރީން ގޮސް އޭނައާއި ބައްދަލުކުރަން މަސައްކަތްކުރެއެވެ. ބައެއްފަހަރު އޭނަގެ ހިތުގައި އަރީންއަށްޓަކާ އަދިވެސް މަގާމެއް އެބައޮތްހެއްޔޭ ކިޔާފައި އަމިއްލަ ނަފުސާއި ސުވާލުވެސްކުރެވެއެވެ.

ގެއަށް ވަންނަ ކޮންމެ މީހަކާއި އޭނަ މިގޮތަށް އަޅައިގަނެ އެއްޗެހި ކިޔަންޏާ މަންމަމެންވެސް ހިތްހަމަނުޖެހި ބަސްބުނަން ފަށާފާނެއެވެ. އެހެންމީހުނަށް ނުވިސްނެނީއެވެ. ވިޝާމް ހުރީ މަޖާވެފައެވެ. މެހެރީނާގެ ޟަމީރު އެހާ ސީދާކޮށް ސިކުނޑިއަށް ވިސްނައިދިނުމުން ވިޝާމްގެ ހިތް ތައުރީފުކުރިއެވެ. ހިތް ސީދާމީހުންވެސް އުޅެނީކަންނޭގެއެވެ. މެހެރީނާ އެ ޝައްކުކުރީ ހަމަ ރަގަޅަށެވެ. އޭނަ ރޯޒްމެހެލްއަށް އައީ އެންމެ ރަގަޅު ނިޔަތެއްގައެއްނޫނެވެ. އަޒަލްގެ މައުސޫމްކަމުން އޮޅުވާލައިގެން އޭނަ މިހިރީ އެންމެ ބޭނުމެއެއްގައެވެ. އޭނަގެ ލޯބި ހާސިލުކުރުން ފިޔަވާ އެހެންކަމެއް ހިތަކު ނެތެވެ. އޭނަގެ ސުވާލުތަކުގެ ޖަވާބު ނުލިބެނީހެއް އޭނަ މިގެއަކުން ނުދާނެއެވެ.

ސަލްވާ ކޮޓަރިއަށް ވަދެފައި ނަމާދުކޮށް ނިމުނުތަނާހެން އާޒީން ގުޅާފައި އަންނަން އެދި ވައިބާ ކުރިއެވެ. ސަލްވާ ބެލްކަންޏަށް ނުކުމެ އުޑުމައްޗަށް ނަޒަރު ހިންގައިލީ ވިއްސާރަ ގަދަކުރާހެން ހީވެފައެވެ. އުޑުމަތީގައި ބޮޑެތި ފަރުބަދަ ފަޅިތައް ފަދަ އަޅި ވިލާތަކެވެ. ދުނިޔެ އޮތީ ކަޅުސާލެއް އޮޅާލައިގެން ހިތާމައިގެ ކަނޑަކަށް ޣަރަގުވެފައެވެ. އެހާ އަނދިރިކަން ގަދައެވެ. ވައިގެ ޒޫމް އަޑު ފަޒާގައި ހިފާލާފައިވީއިރު ގަސްގަހުގެ ގޮފިތައް ހޫރިގަންނަނީ ތޫފާން ބޯމަތިވަމުން އަންނަކަން އިއުލާންކުރަމުންނެވެ. ޖެހި ބާރު ގުގުރިއާއިއެކު ދެލޯވެސް ތަރަތަރަޖަހައިގެންދާވަރަށް ވިދާލުމުން ސަލްވާ ސިހޭގޮތްވެފައި އެނބުރުނުއިރު މީހެއްގެ ގައިގާ މުޑިޖެހުނެވެ.

"އޫ..........." ސަލްވާ ތޫނު އަޑަކުން ހަޅޭއްލަވައިގަތްއިރު މޫނުމަތިން ހާސްކަމާއިއެކު ބިރުވެރިކަން ފެނުނެވެ. ބިރުގެންފައިވާ ކުޑަކުއްޖެއްހެން ދެލޯ ބޮޑުކޮށްލައިގެން މޭގައި އަތްއަޅާލައިގެންނެވެ. އޭނައަށް ވިޝާމް ފެނުމުން ފަހަތަށް ޖެހިލިއިރަށް ބުރަކަށި ޖެހުނީ ރެއިލިންގައެވެ.

"ސޮރީ ސިއްސާލެވުނީމަ. އަހަންނަށް އެނގޭ ސަލްވާ ބިރުގަންނަވަރު. ސޮރީ. މިލިއަން ޓައިމްސް ސޮރީ. އަހަރެން މިހެން ފަހަތުން އައިސްގެން ނުވެސް ވާނެއެއްނު. ލުލޫ ކިހާ ހާސްވާނެ..........." ވިޝާމް މަޑުމަޑުން ރެއިލިންގައި އެއް އަތް ވިއްދާލަމުން ސަލްވާގެ މޫނަށް ބަލައިލީ ފުންނަޒަރަކުންނެވެ. އެދެލޮލުން ބަލަމުން ދިޔަގޮތުން ސަލްވާގެ ހާސްކަން އިތުރުވިއެވެ. މީހަކު މިވަގުތު އައިއްޔާ ހީކުރާނީ ކީކޭކަމެއްވެސް ނޭގެއެވެ. އޭރުވެސް ވިދުވަރުގެ ތޫނު އަލި މެދުކެނޑުމެއްނެތި ވަށައިގެން ފްލޭޝްވަމުން ދިޔައެވެ. އެއް ވާނަކަށް ގުގުރަމުން ދާއިރު ބިންގަނޑުވެސް ގުޑާލައެވެ. ރީތިކޮށް ޑިޒައިންކޮށްފައިވާ ރެއިލިންވެސް ރޫރޫއަޅައެވެ.

"ދުރުގައި ހުރެބަލަ ޕްލީޒް......... " ސަލްވާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ނޮޕް......ވީ ނީޑް ޓު ޓޯކް." ވިޝާމް ބީ ހޫރާލަމުން ރެއިލިންގާ ހިފަހައްޓާލައިގެން ހުރެފައި ބާރުކޮށްލިއެވެ.

"ކޮންކަމަކާ؟ " ސަލްވާ ހިންދިރުވައިލިއެވެ.

"ޔޫ އޯވް މީ އެން އެކްސްޕްލެނޭޝަން..." ވިޝާމް ބުނެލިއެވެ.

"ނޫން. އަހަރެން ބުނެދޭން ޖެހޭ އެއްވެސް އެއްޗެއް ނެތް. މިހާރު އަހަރެމެން ދައްކަން ޖެހޭ އިތުރުވާހަކައެއް ނެތްކަންވެސް އެނގެންވާނެ. ސްޓޭ އެވޭ ފްރޮމް މީ.........." ސަލްވާއަވަސްއަވަހަށް ބުނެލިއެވެ. އެޖުމްލައިން ވިޝާމްގެ ހިތަށް އެތައް ސަތޭކަ ތީރެއް ހަރައިލިފަދަ އިހުސާސެއްކުރެވުނެވެ. ވިޝާމްއަށް މޭގައި ފިރުމައިލެވުނެވެ.

ސަލްވާއަށް އޮޅިގެން ނަމަވެސް ވިޝާމްގެ ދެލޮލަށް ބަލައިލުމާއިއެކު އެދެލޯފެންކަޅިވެފައިވާތަން ފެނުމުން ހިތަށް ފިނިވެގެންދިޔައެވެ. ސަލްވާ ދާން ހިނގައިގަތުމުން ވިޝާމްގެ ހިތަށް ބުނަންނޭގޭފަދަ އުދަގޫތަކެއްވިއެވެ. ސަލްވާހެދިގޮތުން އޭނަ ދައްކަން އުޅުނުވާހަކަވެސް ފުރިހަމައެއްނުވިއެވެ. އެހެރަ ފަރުވާކުޑަކަމާއިއެކު ބަދަލުވެފައިވާލެއް ބޮޑުކަމުން ވިޝާމްގެ ހިތަށް އެތައް އަސަރުތަކެއްކުރުވައިފިއެވެ. ސަލްވާ ހަމަ އެހާ ފަސޭހައިން ފުރަތަމަ ލޯބި ދޫކޮށްލާފައި މުދަލާއި އިއްޒަތަށްޓަކާ ހައިކަލް ޚިޔާރުކުރީއެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތުމުން ވިޝާމް އަވަސްވެގެން ތިރިއަށްފޭބިއެވެ. ޕޫލްކައިރީގައި ހުރި ޗެއަރއެއްގައި އިށީންގޮތަށް ނަސީބަކުން ވާރޭ އޮއްސައިގަތުމުން ކަރުނަތައް ފޮރުވާލަދީފިއެވެ. އޭނަގެ ހިތާމައިގާ ދުނިޔެވެސް ބައިވެރިވެ ކަރުނަ އޮއްސަމުންދާހެން ހީވިއެވެ. އަމިއްލަ ބަދުނަސީބުކަމާއިމެދު ރުއިން ނޫންކަމެއް މިއަދު ނެތެވެ.

އޭނަގެ ތަބީއަތާއި މި ތޫފާން ހާދަ ގުޅެއެވެ.

ރޮއިރޮއި މަރުވިޔަސް އެކަމާއި ދެރަވާނެ މީހެއް އަދި ކަރުނަތައް ފޮހެދޭން އަންނާނެ މީހެއް ހުރީއެއް ނޫނެވެ. އަންނާނެކަމަށް ހީކުރި އަންހެންކުއްޖާވެސް އޭނަ ދޫކޮށްލާފައި އެދިޔައީއެވެ.

އޭނަގެ މަންމަވެސް އޭނައާއި އަބަދަށްޓަކާ ވަކިވެގެން ހިނގައްޖެއެވެ.

ސަލްވާ ބާރުބާރަށް ގޮސް އާޒީންގެ ކޮޓަރީގެ ދޮރު ހުޅުވާލަފައި ވަންއިރު ހާސްވެފައި ހުރިވަރުން އާޒީންވެސް ސުވާލުކުރިއެވެ. ސަލްވާ ހަމަޖެހިލުމަށްފަހު ބުނީ ހިޔަންޏެއްކަހަލަ އެއްޗެއް ފެނިފާ ބިރުގަތީކަމުގައެވެ. މިގޭތެރެއިން އެކަހަލަ ކަމެއް ފެނުނު ވާހަކަ ބުނުމުން އާޒީން މަޖާވެފައި ދިމާކުރިއެވެ. އިރުކޮޅެއްފަހުން ދެކުދިން އެއްކޮށް އެނދުގައި އިށީދެލައިގެން ތިބެފާ އާޒީން އަސްލު މައުޟޫއަށްދިޔައެވެ. އޭނަ ހިތާމަކުރަމުންގޮސް ޑިޕްރެޝަންއަށް ދާވަރުވެއްޖެކަމަށްބުނެފައި އާޒީން އެހީ ރޫހާނީގޮތުން ހިތްހަމަޖައްސަން ކުރާނެ އެހެންކަމެއް ދަސްކޮށްދިނުމަށެވެ. ލޯބިވެރިޔާ ނުލިބިއްޖެއްޔާ ދުނިޔެއިން ބޭނުންވާ އިތުރު އުފަލެއް މިހާރު ނެތްކަމަށް ބުނިއިރު އާޒީންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ޓިޝޫއިން ދެލޯ ފޮހެ ފޮހެ އިނދެފައިވެސް ހިތްދަތިކޮށް ރޮއިގަންނާނެއެވެ. ސަލްވާބުނީ ޑިޕްރެޝަންއަށް ނުގޮސް ސަލާމަތްވާނީ އެކަނި ނަމާދާއި ގުރުއާނުން ކަމަށެވެ. ހެއްދެވިފަރާތާއި ގުޅުންއޮތުމުން އީމާންތެރިކަން ވަރުގަދަވުމަކީ ޑިޕްރެޝަންއަށްވެސް އޮތް ހައްލެކެވެ. ބޮޑުވަރުނުވަނީސް އީމާންތެރިކަން ވަރުގަދަވުމުން ހިތަށް ހަމަޖެހުން ގެނެސްދޭނެއެވެ.

"ކަހަފު ސޫރަތުގައި އޮވެއެއްނު ޕްރޮފެޓް މޫސާ އަދި ޚިޒުރުގެ ވާހަކަ. އެވާހަކައިން ލިބޭ ފިލާވަޅަކީ އަހަރެމެން އިންސާނުންނަށްވީތީ ކަންތައް މާނަކުރެވޭނެ ގޮތް އަދި ދޭހަވާގޮތް ލިމިޓެޑްކަން. މުސީބާތްތަކުގެ ސަބަބުން ރަގަޅުކަމަކަށްވެސް މަގުފަހިވެދާނެކަން އިންސާނުންނަކަށް ނޭގޭނެ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތުން. ގޯސްކަމެއްގެ ގޮތުގައި ނަގައިގަނެވޭކަމަކުން ހީނުކުރާފަދަ ފައިދާއެއްވެދާނެ. ނަވުގައި ބާގަނޑެއް ހެދުނުކަމީ މަގުފޭރޭ ރަސްކަލެއްގެ ކިބައިން އޭގައިވާ މުދާތަކާއި މީހުން ސަލާމަތްވާން މެދުވެރިވި ސަބަބު. ޚިޒުރު އެފިރިހެންކުއްޖާ މަރައިލިކަމީ މައިންބަފައިން ކުފުރުން ސަލާމަތް މާ ރަގަޅު އީމާންތެރި ދަރިއަކު ލިބެންވެގެންކަމުގައި ވަނީ. އަނިޔާވެރި ބަޔަކު އުޅުނު ރަށެއްގެ ފާރެއް ޚިޒުރުގެފާނު މަރާމާތުކުރުމުން މޫސާ ސުވާލުކުރެއްވި. އެތާ ވަނީ ޔަތީމު ދެކުއްޖެއްގެ ޚަޒާނާ. ދިރިއުޅުމުގައި އަންނަ ކޮންމެ ދެރައަކީ ނޫނީ މުސީބާތަކީ އަދި ޓްވިސްޓަކީ އެމީހަކަށް ލިބޭ ދެރައަކަށް ނުވެވެސް ހިނގައިދާނެ. އެއީ އެމީހެއްގެ ހަޔާތް ބައްޓަންވެފައިވާ ގޮތާއިއެކުގައި ފިލާވަޅަކަށްވެސް ނޫނީ އިމްތިހާނަކަށްވެސް ކުރިމަތިވެދާނެކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ. ދެރަކަމެއް ތަޖުރިބާކުރެވޭއިރު ނޫނީ އެންމެ އަގުބޮޑު އެއްޗެއް ގެއްލޭހިދު މިބުނާ ފްރޭމްވޯކްގެ ތެރެއިން އަދި އެއަށްވުރެ މޮޅުގޮތެއްނޫނީ މާ ބޭނުންއެއްޗެއް ލިބުމަކީ އެންމެ އެކަށީގެންވާކަމެއް. ކޮންމެ ހިތާމައަކާއި އެކުވެސް ހެއްދެވިފަރާތް ހަދާންކޮށް ޓްރަސްޓްކުރަންވާނީ. މާ ރަގަޅުގޮތެއްވާނެކަމަށް އުއްމީދުކުރަންވާނީ. ބީ ޕޮޒިޓިވް އާޒް...." ސަލްވާ ލެޕުން ޔޫ ޓިއުބް ހުޅުވައިލިއެވެ. ދުއާތަކެކެވެ.

ސާދު އަލްގުރެޝީގެ ކޮންމެ ދުޢާއެއްވެސް އެހާ އަޑުއަހާހިތްވިއެވެ. ލައިލަތުން ގަދުރުވިލޭރޭ ފާފަ ފުއްސެވުމަށް އެދި ކުރާ ދުޢާއިން ފެށިގެން ހިތާމައާއި ކަންބޮޑުވުންތަކުން ސަލާމަތްވާ ދުޢާވެސް ހުއްޓެވެ. ޚާއްސަކޮށް "ރައްބަނާ" އަޑުއަހާފައި ގައިގެ ލޯލިތައްވެސް ކޮޅަށް ހިލުވައިލިއެވެ. އާޒީންގެ ކައިރިން ސަލްވާ އެދުނީ ނަމާދުކޮށްގެން އެދުޢާތައް ކުރުމަށެވެ. ހިތަށް ހަމަޖެހުން ލިބޭނެކަމުގައި ސަލްވާ ބުނެލިއެވެ. ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާކުރުމަކީ ނެތްކަމެއްނޫނެވެ. ނަމަވެސް ރޫހާނީބައިގެ މުހިއްމުކަން ސަލްވާގެ ވާހަކަތަކުން އާޒީންއަށް ސާބިތުވިއެވެ.

އާޒީން ސަލްވާގެ ވާހަކަތައް ގަބޫލުކުރިއެވެ. ރުއިން ހުއްޓާލާފައި ދުޢާތައް އަޑުއަހަންފެށުމުން ހަގީގަތުގައިވެސް ހިތަށް ލިބިފައިވާ މޮޅިވެރިކަން ކުޑަވެ އުއްމީދުތަކެއް ލިބުނެވެ. އެތައް ފަހަރު ތަކުރާރުކޮށް ދުޢާ އަޑުއަހާ އޭނަވެސް އެދުޢާތައް ކުރުމުން ބޮލުން ބޮޑު ބުރަދަނެއްލުއިވި ފަދައެވެ. މީހަކާއިހެދި މޮޔަވުމަށްވުރެ ހެއްދެވިފަރާތަށް އިތުބާރުކުރުން މާ ބުއްދިވެރިއެވެ. މާއިޒް އޭނަ ދެރަކޮށް ހިތުގައި ޖައްސައިލުމުން އަދިވެސް އޭނަގެ ފަހަތުން އާދޭސްކުރަމުން ލޯބި ފާޅުކުރަމުން ހިގަންވީހެއްޔެވެ؟ ލޯބި ބަދުނާމުކޮށް ހުތުރު ނަމެއް ލިބުން ފިޔަވާ އެހެންކަމެއް ނުވާނެއެވެ.

ސަލްވާ އިނީ އެކޮޓަރިން ނިކުންނަން ނުކެރިފައެވެ. ވިޝާމް އޭނަގެ އިންތިޒާރުގައި ހުރެފައި އޭނަގެ އަތުގައި ހިފާލުންކަހަލަ ކަމެއް ކުރާތަން އެހެންމީހަކަށް ފެނިއްޖެއްޔާ މިގޭގައި ކުޑަ ގިޔާމަތެއްވާނެއެވެ. އޭނަގެ ހިތުގައިވާ ބިރުވެރިކަން އިތުރުވެއްޖެއެވެ. ވިޝާމް ދެއްކި ވާހަކައިގާ ދޮގެއް ނުހިމެނެއެވެ. އޭނައާއި ވިޝާމް ކުޑައިރުއްސުރެން އުޅުނީ އެންމެ ގާތް އެކުވެރިންގެ ގޮތުގައެވެ. އެދެމީހުންގެ ދޭތެރޭގައި އޮތީ އާދައިގެ ގުޅުމެއްނޫނެވެ. މާތް ތަފާތު ގުޅުމެއްކަމުގައި ވިޝާމް އަބަދުވެސް އެގުޅުން ސިފަކުރިއެވެ. އޭނަދެކެ ވިޝާމް ވި ލޯތްބަކީ އާދައިގެ ލޯތްބެއްވެސް ނޫނެވެ. އެހާވަރަށް ލޯބިން އޭނައާއި އަޅާލާ ރައްކާތެރިކަންދިން އެކަކާއިވެސް އަދި ދިމާވެފައެއްނެތެވެ.

ވިޝާމްއާއި ސަލްވާގެ ގެ ހުންނަނީ އަތިރިމަތީގައެވެ. އެދިމާލުގައި އޮންނަ ބީޗް ހިތްގައިމުވެފާ ރީތިކަމުގެ އިންތިހާއެވެ. ފިނޮޅެއްފަދައިން ހުދުވެފައި ދޮންވެލިގަނޑު އެތައް ދުރުމިނަކަށް ދެމިފައި އޮންނަ ތަނެކެވެ. އެދިމާލަށް ވަލުތެރޭގައި ވިޝާމް އަމިއްލައަތުން ފަން ވިޔެގެން ކުޑަކުޑަ ޖިފުޓިއެއް ހެދިއެވެ. ހަތަރުފަރާތު ބިތަކަށްވެސް ހުރީ ފަނެވެ. ފުރާޅެއް ހަދަން ލިބުނުދުވަހަކުން ފުރާޅެއްވެސް ލާނީކަމުގައި ވިޝާމް ބުނީ ހީލާފައެވެ. ކޮންމެވެސް ދުވަހަކު އެތާގައި ތާޖުމެހެލްއެއް ނުވަތަ ގަނޑުވަރެއް ބިނާކޮށްދޭނެ ކަމުގައި ބުނަނީ އުއްމީދާއިއެކުގައެވެ. ދެކުދިން އެކީގައިގޮސް ފަނުގެ ތަންމަތީގައި ޖައްސާލައިގެން ތިބެ ކިތަންމެ ރެއެއް ގުނިއެވެ. ހަނދު އަރާފައި ހުންނަރޭތަކުގަތާއި ތަރިތައް ފިޔަޖަހަޖަހާ ހުންނަ އަނދިރި ރޭވެސް އެތާ ހޭދަކުރިއެވެ. ވިއްސާރަ ވިލާތައް ބޯވެ އުޑުގެ ޒީނަތްކަމުގައިވާ ހަނދާއި ތަރިތައް ފޮރުވާލާ ރޭތަކުގައި އަނދިރިކަން ނެތިކޮށްލަން ބައްތިތައް ގެނެސްގެން ދިއްލާލައިގެންވެސް ހޭދަކުރީ އެތާގައެވެ. ފިލާވަޅުވެސް އެކީގައި ހެދިއެވެ. އޭރު ހާދަ މައުސޫމެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހީހަދައެވެ. އެކަކު އަނެކަކަށް ދުވެ ފަހާހަދައެވެ. ބަތްކައްކާ ކުޅެ ބޮލިހޮވާ މޫދަށްވެސް އެރުނެވެ. ވާރެއާއި ތެމުނެވެ. މަޑި އަރުވާ އަދި ތަފާތު ކުޅިވަރުތައް ކުޅުމުގައިވެސް އެކީގައި ވަގުތުހޭދަކުރިއެވެ.

އެހާ ލޯބިން އުޅެމުން ވިޝާމް ފުރައިގެން ދިޔަ ދުވަހު ސަލްވާ ރޮއިރޮއި ހަލާކުވާވަރުވިއެވެ. އެހިސާބުން ދެމީހުންގެ ދޭތެރޭގައި ކޮންމެވެސް ކަހަލަ ފާރެއްލެވުނެވެ. ފުރާފުރިހަމަވަމުން އައިވަރަކަށް ސަލްވާއަށް އެގޮތަށް މިނިވަންކަމާއިއެކު ބައްދަލުވެ އުޅުން ގޯސްކަމަކަށްވިއެވެ. މަންމަވެސް އޭނަ ބެލެހެއްޓުންވަރުގަދަ ކުރިއެވެ. ސަލްވާ ދީނާއި ކައިރިވާންފެށީވެސް އެދުވަސްވަރުއެވެ.

ސަލްވާ ހަދާންވަނީ ވިޝާމް އޭނަގެ ކައިރީގައި ހުރިހާ ސިއްރެއްކިޔާދޭ ކަމެވެ. ދޮންމަންމައަކީ މަންމަކަމުގައި ހީކޮށްގެން އުޅުނުއިރު އެދޮންމަންމަ ކުރި ނުބައި ނުލަފާ މުޑުދާރުކަންތައްތައްވެސް ހިއްސާކުރީ ހަމައެކަނި ސަލްވާގެ ކައިރީގައެވެ. ވިޝާމް ނިކަން ކުޑަކުޑައިރު ރަގަޅު ދޮންމަންމައެއްވެސް ލިބުނެވެ. ވިޝާމް ކިރިޔާ ހަދާން ހުންނަނީ އެމަންމަގެ ދޮންކަމާއި ހިކިކަމެވެ. އެނޫން ކަމެއް އޭނަގެ ހަނދާނަކު ނުހުރެއެވެ. ދެންގެނައި މީހާއަށް މަންމަ ކިޔުއްވިޔަސް އެމީހާގެ ނުލަފާކަމާއި ޖައްބާރުކަމުން ވިޝާމްގެ ޅަހިތް ބިރުން ވިރޭވަރުވެއެވެ. ވިޝާމްގެ ބައްޕަ ދޮންމަންމަ ގޮވައިގެންގޮސް އެހެން ރަށެއްގައި ބެހެއްޓީ ދެ އަނބިންގެ ކޯޅުން ބޮޑުވެ ނޫޅެވޭ ވަރުވުމުންނެވެ. ހެޔޮ ލަފާ އަންހެނެއްގެ މައްޗަށް ވިޝާމްގެ ނުލަފާ ދޮންމަންމަ ޚިޔާރުކުރުމުން އަވަށްޓެރިންވެސް ތިބީ ބުނާނެއެއްޗެއް ނޭގިފައެވެ. ވިޝާމްއަށް ކާންނުދީ އަނިޔާކޮށް ތަޅާ މަރާއިރުވެސް އަވަށްޓެރިންނަށް އެ އަންހެންމީހާދެކެ ގަންނަ ބިރެއްގެ ސަބަބުން އެގެއާއި ގާތްވާކަށްވެސް ނުކެރެއެވެ. ވިޝާމް ފެންނައިރު އަބަދު ހުންނަނީ މޮޅިވެރިވެފައެވެ. އެރީތި ދެލޯ ކަރުނުން ފުރިފައެވެ. ހިކިކަމުންނާއި އަނަރޫފަކަމުން ފެންނަމީހެއްގެ ހިތަށް ރަހުމް ވަންނާނެއެވެ. ދޮންމަންމަ ކުރާ އަނިޔާތައް ކިޔައިދީފައި ވިޝާމް ރުއިމުން ސަލްވާއަށްވެސް އޭރު ރޮވެއެވެ. ދެކުދިން އެކީގައި ރޮއިފާ ހީ އުޅުނެވެ. ވިޝާމް ބުނާގޮތުން އޭނަގެ ހިތާމަވެރި ދުނިޔޭގެ ހުރިހާވެސް އުފަލަކީ ސަލްވާއެވެ. އަބަދަށްޓަކާ އޭނައާއި އެކުގައި ވާނެކަމަށް ސަލްވާ ކިތަންމެ ފަހަރަކު ވައުދުވިއެވެ. ނަމަވެސް އޭނަގެ ޚިޔާލު ބަދަލުވާން ޖެހުނީވެސް ވިޝާމްގެ ކުށަކާއިހެދިއެވެ.

އެންމެ ކުށަކުންވެސް ހިތެއް ބަދަލުވެދާނެއެވެ. އޭނަ ކޮންމެވެސް ވަރަކަށް ވިޝާމްއާއި ދުރުހެލިވާންޖެހުނީ ވިޝާމްއަށް ނޭގުނުނަމަވެސް އެންމެ ސަބަބަކާއިހެދިއެވެ. އެހެން ހިތަށް އަރާފައި ސަލްވާގެ ދެލޮލުގައި ހުރި ކަރުނަތައް ފޮހެލާފައި ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ.

"މެރީކޮށްގެން ހުރެ އެހެންމީހަކަށްޓަކާ ލޮލުން ކަރުނަ މިއައީ ކީއްވެތަ؟ އަހަރެންގެ ހިތުން އަދިވެސް ވިޝާމްއަށް ޖާގައެއް އޮންނަނީތަ؟ ހައިކަލްދެކެ ބިރުން ނޫނެކޭ ކޮންމެ ފަހަރަކު ބުނަން މަޖުބޫރުވަނީ ނޭގިވެސް ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ވިޝާމް ވާތީތަ؟ވިޝާމްދެކެ ފޫހިވާން މިހާ ބޭނުންވާއިރުވެސް ކައިރިއަށް އައީމަ ހަމަ އުދަގޫވޭ. އޭނަ ހިތާމަކުރާތަން ފެނުނީމަ ހަމަ ރޮވޭވަރުވޭ. ވެދާނެ ވިޝާމްގެ ހިތާމަވެރި ދިރިއުޅުމުގެ ފަސާނާ އަޑުއަހާފައި ހުރީމައާއި ކުޑައިރު ސަފާ ކުރިވަރު އެންމެ ގާތުން ފެނިފައި ހުރީމަކަމަށް. މިއަދު ވިޝާމް އެހެރީ ޑޮކްޓަރަކަށްވެފައި. ހީ ޝުޑް މޫވް އޮން މާޒީ ހަދާން ނައްތާލާފައި. އައިމް މެރީޑް އެހެންވީމަ ވިޝާމް ފަހަތުން އުޅޭކަށް ނުޖެހޭނެ....... " ސަލްވާ ހިތާމައާއިއެކު ވިސްނައިލިއެވެ.

"ވިޝާމްގެ ސަބަބުން ހަމަޖެހިލައިގެން އުޅެވޭނެކަމެއްނޭގޭ. މިހާރުއްސުރެ ހައިކަލްގެ އަންހެނުންނަށްވާއިރުވެސް ހަގީގަތުގައި އުޅެވެނީ ސްޓްރޭންޖާސްއިންހެން. ވިޝާމްއަށް އެނގޭދުވަހަކުން އަދި ވާނީ ކިހިނެއްކަމެއްވެސް ނޭގޭ. އަހަރެމެންގެ ކައިވެނީގެ މަގުސަދެއްވެސް މިހާރު ނޭގޭ. ހީވޭ ހައިކަލް ކަމެއް ސިއްރުކުރާހެން. ކީއްވެ ވިޝާމް އަޒަލްއާއި މެރީކުރީ؟ ވިޝާމް ހުއްޓާލާނީ އޭނަގެ އިތުރުން އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްފައިކަމަށް ހީވާން ފަށައިފި. ކީއްވެ ތިހެން ހަދަނީ؟ "ސަލްވާ އެކަނިމާ އެކަނި އިނދެ އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ.

ހައިކަލް އައުމަށްފަހު ދެމީހުން އުޅުނީ ޕެކްކުރުމާއިގެންނެވެ. އެމެރިކާއަށް ފުރަން ގަޑި ކުޑަތަންވަމުން ދިޔަވަކަށް ސަލްވާގެ އުފާވެރިކަން އިތުރުވެ ވިޝާމްގެ މަތިން މުޅިންހެން ހަދާންނެތިއްޖެއެވެ. ދުވަހަކުވެސް އެހާ ދުރު ދަތުރަކު ގޮސްފައިނުވާތީ ވަރަށް އިންތިޒާރުކުރެވޭ އުފާވެރި ދުވަހަކަށްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް