މެޖިސްޓްރޭޓުގެ ސައިކަލްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓްގެ ސައިކަލްގައި ރޯކޮށްލާފައި ---- ފޮޓޯ: ކަނޑުހުޅުދޫ ކައުންސިލް

ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީގެ ސައިކަލްގައި ހުޅުޖަހައި އަންދާލި ކަމުގެ ތުހުމަތުގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިރޭ 9:30 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކަނޑުހުޅުދޫން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ސައިކަލްގައި ރޯކޮށްލާފައި ވަނީ ބުދަ ދުވަހުގެ ރޭ ފަތިހު 5:00 އެހައިކަންހާއިރު ކަނޑުހުޅުދޫ މިސްކިތުގެ ބޭރު ދޮރާށި ކައިރީ ޕާކްކޮށްފައި ހުއްޓައެވެ. އެ ސައިކަލްގައި ރޯވި އަލިފާންގަނޑު ފެތުރިގެންގޮސް ޖެހިގެން ހުރި އެރަށު ސްކޫލްގެ ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲގެ ސައިކަލްގެ އެއްބައިވެސް ވަނީ އަނދާފައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ހަސަންދީދީގެ ސައިކަލްގައި ދެ މީހަކު ރޯކޮށްލި މަންޒަރު ފަތިސްނަމާދުކޮށް ނިމިގެން މިސްކިތުން ފޭބި މީހަކަށް ވަނީ ފެނިފައެވެ. އަދި އޭނާ ވަނީ ސައިކަލްގައި ރޯކޮށްލި ދެ މީހުންނާ ދެކޮޅަށް ފުލުހުންގެ ތަހުގީގަށް ބަޔާންދީފައެވެ.

ހައްޔަރުކުރި ދެ މީހުން މިހާރު ވަނީ އެއަތޮޅު ގެމަނަފުށީ ޕޮލިސްޓޭޝަނަށް ގެންގޮސްފައެވެ.

އެ ދެ މީހުން ހައްޔަރުކުރުމާ ގުޅިގެން އެކަމާ ނުރުހުންފާޅުކޮށް ބަޔަކު ވަނީ މެޖިސްޓްރޭޓްގެ ގެކައިރިއަށް އެއްވެ އަޑުގަދަކޮށްފައެވެ.

comment ކޮމެންޓް