އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު އައިސީޔޫގައި

އައްޑޫ ސިޓީ މަގެއް --- ސަން ފައިލް ފޮޓޯ

އައްޑޫ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ގޯޅިން ނުކުތް ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި ޒަހަމްތަކެއްވެ، އެތަނުން އަަކަކަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން'އަށް ވިދާޅުވީ މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ގޯޅިއަކުން ދުއްވާފައި އައި ޕިކަޕެއް ބޮޑު މަގުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަށް ވެސް އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ހާލު ސީރިއަސް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުންޏެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ ދެ މީހުންނަށް ވެސް އަނިޔާތަކެއް ލިބިފައި ވަނީ ބޮލަށް ކަމަށެވެ. އަދި ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމަށާއި އެތަނުން އެކަކަށް އައިސޫގައި ފަރުވާދެމުންދާއިރު އަނެއް މީހާ މިހާރު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށް އައްޑޫ ހޮސްޕިޓަލުން ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އައްޑޫ ހޮސްޕިޓަލުން ދެމީހުން ވެސް އިތުރު ފަރުވާއަށް މާލެ ގެންދަން ޖެހޭ ކަމަށެވެ.

އާސަންދަ އޮފީހުން ބުނީ މިއަދު އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ މީހުންގެ ތެރެއިން އެކަކު އެމަޖެންސީގައި ވައިގެ މަގުން މާލެ ގެންނައުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އަނިޔާ ލިބުނު އަނެއް މީހާ ވެސް ހޮސްޕިޓަލުން ރިކުއެސްޓްކޮށްފިނަމަ މާލެ ގެނައުމުގެ އިންތިޒާމު ވީހާ ވެސް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އާސަންދައިން ބުންޏެވެ.

މި މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ބުދަވިލޭރޭ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް