އޮޕަރޭޝަނަށް ހުރަހެއް ނޭޅި، ވެލާނާ އެއަޕޯޓުގެ ބިން ހިއްކައި ނިމިއްޖެ

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާއާއި، އެއަޕޯޓުގެ ބިން ހިއްކި ބީޔޫސީޖީގެ އޮފިޝަލަކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތުގެ ދަށުން ހިއްކަންޖެހޭ ބިންތައް ހިއްކުމުގެ މަސައްކަތް، އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ހުރަސް ނާޅައި، ކާމިޔާބުކަމާ އެއްކޮށް ނިންމާލައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު އޮތް ރަންވޭއަށް ވުރެ 200 މީޓަރު ދިގު އަދި 15 މީޓަރު ފުޅާ އާ ރަންވޭއެއް އެޅުމަށް ސަރުކާރުން ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕަށް ހަވާލުކުރި އިރު، ބީޔޫސީޖީއިން އެ މަސައްކަތް ކުރުވީ ދުބާއީގެ ގަލްފް ކޮބްލާ ކުންފުނިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރު އާދިމް މޫސާ މިއަދު ވިދާޅުވީ، 24 ގަޑިއިރު މަސައްކަތްތައް ހިނގަހިނގާ އޮތް އެއާޕޯޓެއްގައި މިފަދަ ބޮޑު މަސައްކަތެް ނިންމުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"މިއީ 24 ގަޑިއިރު އޮޕަރޭތުކުރާ ތަނަކަށް ވާ އިރު، ހިއްކަން ޖެހޭ ސަރަހައްދަކީވެސް ވަރަށް ބޮޑު އޮޕަރޭޝަނެއް ހިނގާ ސަރަހައްދެއް. ސީޕްލޭނާއި ނޯމަލް އޮޕަރޭޝަންސް ހިނގަމުން ދިޔަ އިރު މި މަސައްކަތް ޗެލެންޖިންގް ވާނެ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމަކަށް ބުރުލެއް ނާރައި މި ޕްރޮޖެކްޓް ނިމުމަކީ ކާމިޔާބެއް،" އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ މިއަދު މީދިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބީޔޫސީޖީން ސަބްކޮންޓްރެކްޓް ކުރީ ދުބާއީގެ ގަލްފް ކޮބްލާއިންނެވެ. ރަންވޭ އެޅުމަށް ހުޅުމާލެއާ ދިމާލުން، ހުޅުލެއަށް 650،000 އަކަމީޓަރުގެ ސަރަހައްދެއް ހިއްކައި، އިތުރުކޮށްފައިވެއެވެ. އެ މަސައްކަތަށް 4.2 މިލިޔަން ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ފެށި މި މަސައްކަތް، މިއަހަރުގެ ޖޫން 10 އަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ސީޕްލޭން ޓާމިނަލް އެޅުމަށް 130،000 ކޮޑިމީޓަރުގެ ވެލިން، 18،300 އަކަމީޓަރުގެ ސަރަހައްދެއް ހުޅުލެއަށް އިތުރުކޮށްފައިވެއެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފަށައި، ޖޫން ފަސްވަނަ ދުވަހަށް ނިންމާފައިވާ މަސައްކަތެވެ.

އާ ރަންވޭ އެޅުމަށް ހިއްކި ބިން --- ފޮޓޯ/ އެމްއޭސީއެލް

އާދިލް ވިދާޅުވީ މި މަސައްކަތްތައް ބީޔޫސީޖީން ނިންމީ އެއާޕޯޓު ހިންގުމުގެ މަސައްކަތަށް ކުޑަ ވެސް ބުރޫލެއް ނާރުވައި ކަމަށާއި، މިއީ އެ ކުންފުނީގެ ކޯޑިނޭޝަންގެ ރަނގަޅުކަމުގެ ހެއްކެއް ކަަމށެވެ.

ރަންވޭ އާއި ސީޕްލޭން ޓާމިނަލް އަޅާ ބިންތައް ހިއްކައި ނިންމާލާފައިވާ އިރު، ބީޔޫސީޖީން ރަންވޭ އެޅުމުގެ މަސައްކަތުގެ ތެރޭގައި ކާގޯ ކޮމްޕްލެކްސްއަކާއި ފިއުލް ފާމެއް އެޅުމުގެ ކޮމްޕޯނެންޓެއްވެސް ހިމެނެއެވެ.

comment ކޮމެންޓް