ކުޑަކުދިންނަށް އަނިޔާ ކުރި 118 މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް

އެމްއޭސީއެލް އިން ފިޔަވަތީގައި ގާއިމްކުރި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހަފްލާގައި ފިޔަވަތީގެ ކުއްޖަކާއެކު ޖެންޑާ މިނިސްޓަރު ޒެނީޝާ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

މިދިޔަ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 49 ޕަސެންޓް މައްސަލައަކީ ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހެޅުނު މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އަންނަނީ ކޮންމެ މަހެއްގައި ވެސް އެ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކުރަމުންނެވެ. އެގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި ޖުމްލަ 239 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރެއިން 118 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ހާނިކައިގެ މައްސަލަތެކެވެ. އެ ބާވަތުގެ ޖުމްލަ 36 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 25 މައްސަލަ އަކީ ޖިންސީ ހާނިކައިގެ ޝިކާރައަކަށް ވެފައިވާ އަންހެންކުދިންނާ ގުޅޭ މައްސަލަތަކެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 27 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 19 މައްސަލައެއް މެއި މަހު ހުށަހެޅިއިރު، އިހުމާލުވެގެން 24 މައްސަލައެއް އަދި ހަނގާކުރުން (ބުލީ ކުރުން) ހަތަރު މައްސަލައަށް ހިމެނެއެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލަ އެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މާރާމާރީ ހިންގުމުގެ ތިން މައްސަލަ އަކާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ދެ މައްސަލަ އަކާއި މަސްތުވާތަކެތި ގެންގުޅުމާއި ލައިސެންސް ނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ އެއް މައްސަލައެކެވެ.

މޭ މަހު ހުށަހެޅި ކުޑަކުދިންގެ އަހްލާގީ 19 މައްސަލަތަކުގެ ތެރޭގައި އެހެން ކުދިންނަށް ގަނާކުރުމުގެ ތިން މައްސަލަ އަކާއި ގެއިން ފިލައިގެން ދިއުމުގެ ތިން މައްސަލައެއް އަދި ފުރައްސާރަކުރުމުގެ ދެ މައްސަލަ އެއް ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ މައްސަލަތައް ވަނީ އޭޕްރިލް މަހާއަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު އެފަދަ ތިން މައްސަލައެއް ހުށަހެޅިއިރު، މިދިޔަ މަހު ހައްގުތަކުން މަހްރޫމްކުރި ނުވަ މައްސަލަ އެއް ހުށަހެޅިއެވެ.

އޭގެ ތެރޭގައި ތައުލީމް ފޯރުކޮސްދިނުމާގުޅޭ ފަސް މައްސަލައެއް ހިމެނޭއިރު، ސާފުބޯފެނާއި ކަރަންޓުގެ ފޯރުކޮށްނުދިނުމުގެ ދެ މައްސަލަ އަކާއި ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ މައްސަލައެއް ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ މައްސަލަތައް އޭޕްރިލް މަހާ އަޅާބަލާއިރު މިދިޔަ މަހު އިތުރުވި ނަމަވެސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް ވަނީ މަދުވެފައެވެ.

އެގޮތުން މިދިޔަ އޭޕްރިލް މަހު އެފަދަ 47 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ މަހު ހުށަހަޅާފައިވަނީ އެބާވަތުގެ 33 މައްސަލައެކެވެ. އެއީ މިދިޔަ މަހު ރިޕޯޓްކުރި މައްސަލަތަކުގެ 13 ޕަސަންޓެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައިގެ ތެރެއިން 11 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

އޭގެ އިތުރުން އެ ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 10 މައްސަލަ އަކާއި އިހުމާލުވުމުގެ ތިން މައްސަލައެއްގެ އިތުރުން މާލީ ނުވަތަ އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްނުދިނުމާ ގުޅޭ ދެ މައްސަލައެއް ހިމެނެއެވެ.

އަދި އޭޕްރިލް މަހާ އަޅާބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މައްސަލަތައް މިދިޔަ މަހު ވަނީ މަދުވެފައެވެ. އެގޮތުން އޭޕްރިލް މަހު 21 މައްސަލައެއް ހުށަހެޅިއިރު އެ އަދަދު މިދިޔަ މަހު ވަނީ ނުވަ މައްސަލަ އަށް މަދުވެފައެވެ

އެފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައި ބެލެހެއްޓުމާގުޅޭ ހަ މައްސަލަ އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ތިން މައްސަލަ ހިމެނެއެވެ.

މޭ މަހު އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް