ސައުދީ ޝާހީއާއިލާގެ ވެރިކަމުގެ ކޯޅުން: ވަލީ އަހުދުކަމުން ޕްރިންސް ނާއިފް ދުރުކުރުން

ކަނާތުން ވާތަށް : ސަލްމާން ރަސްގެފާން، ނާއިފް އަދި ވަލީއަހުދު މުހަންމަދު ސަލްމާން

ސައުދީ ރަސްގެފާނުގެ ދަރިކަލުން މުހަންމަދު ސަލްމާން ބިން އަލްސައުދު ކުއްލިއަކަށް ސައުދީ ވެރިކަމުގެ އެންމެ މަތީ ފަޑިޔާ ހިސާބަށް ވަޑައިގަތުމުން ހުރިހާ ސިޔާސީ މާހިރުން ވެސް ތިބީ ވަރަށް ބޮޑަށް ހައިރާންވެފަ އެވެ. އަދި ކުރީގެ ވަލީ އަހުދު އަދި މުހައްމަދާ ދެބެންގެ ދެދަރި މުހަންމަދު ބިން ނާއިފް މަގާމުން ދުރުކޮށް މުހައްމަދު ވެރިކަން ހޯދަން މަސައްކަތް ކުރައްވާ ކަމަށް ތުންތުން މަތިން ކުރިން ވެސް ވާހަކަ ދެކެވުނު އެވެ. ކަންތައްވީ ވެސް އެގޮތަށެވެ. އެންމެ ފަހުން ނާއިފް މަގާމުން ދުރުކޮށް ސަލްމާން ރަސްގެފާނު ވަނީ ވަލީ އަހުދުކަން ރަސްގެފާނުގެ އަމިއްލަ ދަރިފުޅަށް ދެއްވައިފަ އެވެ.

ސައުދީ ޝާހީ އާއިލާ ބެހިފައިވާ ގޮތް: ކުލަކޮށް ދުނިޔޭގައި ތިއްބެވި ބޭފުޅުން

ސަލްމާން ރަސްގެފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވަނީ ކުރީގެ ސައުދީ ރަސްގެފާނު އަބްދުﷲގެ ވެރިކަމުގައި ވެރިކަން ވާރުތަ ކުރުމުގެ ނިޒާމް ފުރިހަމައަށް ގެންދިޔުމަށް ޓަކައި އެކުލަވާލަވައިލި އެއްބާރުލުންދޭ ކޮމެޓީގެ ބާރުކަނޑުވާލައިފަ އެވެ. އެއާ އެކު ސަލްމާނު ރަސްގެފާނު ވަނީ ވެރިކަމުގެ އިސް މަގާމުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފަ އެވެ.

ވެރިކަމުގެ އެތޭރަގައި ވަރަށް ބޮޑު ކޯޅުންތަކެއް އުޅޭ ކަމަށް ކުރިން ވެސް ތުންތުން މަތިން ދިޔައީ ވާހަކަ ދެކެވެމުންނެވެ. އަދި މުހައްމަދު ސަލްމާން އޭނާގެ ދެބެންގެދެދަރި ނާއިފް މަގާމުން ދުރުކޮށް ރަސްގެފާނު އަވާހާރަވާއިރަށް ވެރިކަން ލިބޭނެ ގޮތް ހަދަން މަސައްކަތްކުރައްވާ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އޭރު މުހައްމަދު އޭނާގެ ބާރުތައް ގަދަކޮށް، އެމެރިކާއަށް ކުރައްވަމުން އައި ދަތުރުތަކާއި ބައިނަލަގްވާމީ މީޑިއާތަކުގެ ފަލަސުރުހީތަކުގައި އަބަދު ފެވެމުން ދިޔުމުން އޭނާގެ ބާރު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެގެން ދިޔަ އެވެ.

މުހަންމަދު ސަލްމާންގެ ފުރިހަމަ އަތްދަށުގައި ސައުދީ މީޑިއާ ކޮންޓްރޯލް އޮވެފައި އަދި ބައިނަލަގްވާމީ މީޑިއާތަކާ އޮންނަ ހާއްސަ ގުޅުމުގެ ސަބަބުން އޭރު ވެސް ވެރިކަމަށް ވަޑައިގަތުމުގައި މާބޮޑު ގޮންޖެހުންތަކެއް ނެތްކަން އެނގެ އެވެ. އަދި ނާއިފު ވެރިކަމަށް ވަޑައިގަތަސް ހުންނަވާނީ ނަމެއްގައިކަން ވެސް އެނގެ އެވެ. ނަވާރަސަތޭކަ ހަތްދިހަ ފަހަކުން 1982 އަށް ސައުދީގެ ވެރިކަން ކުރެރެއްވި ޙާލިދުއަށް ވެސް ޖެހިވަޑައިގަތީ ހަމަ މިކަހަލަ ހާލެކެވެ. ނަމުގައި ޙާލިދަކީ ރަސްގެފާނެވެ. ނަމަވެސް ހުރިހާ ބާރެއް އޮތީ ފަހުދު ރަސްގެފާނުގެ އަތްޕުޅުގަ އެވެ. އެންމެ ފަހުން ޙާލިދުއަށް ޖެހިވަޑައިގަތީ އިސްތިއުފާދެއްވާށެވެ.

ސަލްމާން ރަސްގަފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެކެހެރި ކުރެއްވި އެވެ. އޭގެ ތެރޭގައި ސަލްމާންގެ އަމިއްލަ އެއްބަފާ ބޭބޭފުޅުން ކަމަށްވާ އަހުމަދު، ތޮލާލް އަދި މުރުގިން ހިމެނިވަޑައިގަންނަވަ އެވެ. އަދި މަދަނީ ޖަމިއްޔާތަކާއި އަދި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ހަރުކަށި ފިޔަވަޅުއަޅައި އަދި ޖަލުގައި ހައްޔަރުކުރެއްވި އެވެ.

ނާއިފްއަކީ މުހަންމަދު ސަލްމާންއާ ޙިލާފަށް މާބޮޑަށް މީޑިއާއާ މާރައްޓެހި ބޭފުޅެއް ނޫނެވެ. އެހެންނަމަސް ވަލީ އަހުދުކަމުގައި ހުންނެވި އިރު އޭނާގެ ބާރު ދައުލަތުގެ ފުނުގައި ވަރަށްބޮޑަށް އޮތެވެ. އޭރު ވެސް ނާއިފަކީ އިންޓީރިއާ މިނިސްޓްރީ، އެތެރޭގެ ސެކިޔުރިޓީ، އިންޓެލިޖަންސް އަދި އެންޓި ޓެރެރިޒަމް އޮޕަރޭޓަސް ކޮންޓްރޯލް ކުރަމުން އައި ފަރާތެވެ. އަދި މީގެ އިތުރުން ދީނީ އިލްމުވެރިންނާއި އަދި ކޯޓްތަކުގެ ފަނޑިޔާރުން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ. ނާއިފްއަކީ ވެސް ބާރުތައް ދެމެހެއްޓުމަށް އިދިކޮޅު ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުއްވުމުގައި ފަހަށް ޖެހިވަޑައިގަތް ބޭފުޅެއް ނޫނެވެ.

ޕްރިންސް ސަލްމާން އަލް ސައުދު

މުހަމްމަދު ސަލްމާން އަލް ސައުދު ޑެޕިއުޓީ ކްރައުން ޕްރިންސް އަދި ޑިފެންސް މިނިސްޓަރުކަން ހަވާލުވަޑައިންނެވުމަށް ފަހު ވަނީ ޔަމަނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައިފަ އެވެ. ވައިގެ ހަމާލާތަކަށް ބަރޯސާވެގެން ޔަމަނަށް ދޭ ހަމަލާތަކުގައި ސައުދީ އަށް އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނެތެވެ. އަދި ގިނައިން ސައުދީގެ ހަމަލާތަކުގައި ކުށެއްނެތް އާންމުން ދަނީ މަރުވަމުންނެވެ. ހަލުވިކަމާ އެކު ކޮލެރާ ފެތުރެމުންދާއިރު ޔަމަނުގައި މިހާރު މިވަނީ އިންސާނީ މުސިބާތެއް ޖެހިފަ އެވެ.

މީގެ އިތުރުން ގަތަރާ އެކު ޖެހިފައިވާ ބޮޑު މައްސަލާގައި މުހަންމަދު އާއި އަދި ނާއިފް ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ. ގަތަރާ އެކު ޖެފިފައިވާ މައްސަލާގައި ނާއިފް މިހާތަނަށް މާބޮޑު ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. އަދި މިކަމަކީވީ މުހަމްމަދަށް އޭނާގެ ފެންވަރު ދައްކާލުމަށް ލިބުނު ފުރުސަތަކަށެވެ. އަދި އިރާނާ އެކު ވެސް މުހަންމަދު ވަނީ ކުރީގެ ސިޔާސަތުތަކަށް ވުރެ މާހަރުކަށި ސިޔާސަތުތަކެއް އިސްކުރައްވައިފަ އެވެ. އެގޮތުން އީރާނާ އެއްވެސް ގޮތަކަށް ވާހަކަ ދެއްކުމަށް މުހަންމަދު ވަނީ ދެކޮޅުހައްދަވައިފަ އެވެ. އަދި މީގެ އިތުރުން ދީނީ ފުލުހުންގެ ދައުރު ދަށްކޮށް ޒުވާނުންނަށް ކުޅިވަރުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ޓަކައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވައިފަ އެވެ.

މުހަންމަދު ވަނީ އެމެރިކާ އަށް ވަޑައިގެން ޑޮނަލްޑް ޓްރަންޕްއާ ވަރަށް ގިނަ ފަހަރު ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގައި އިތުރު އިންވެސްޓްކުރާނެ ކަމަށާއި އަދި ހަތިޔާރު ގަންނާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ. އަދި ޓެރެރިޒަމާ ދެކޮޅަށްކުރާ ހަނގުރާމާގައި އެމެރިކާއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ. ސައުދީ އަރަބިއްޔާ، ތެލަށް ބަރޯސާވެގެން އޮންނަ އޮތުން ނިމުމަކަށް ގެނެއުމަށް މުހައްމަދު ވަނީ ނިންމަވަވައިފަ އެވެ. އެގޮތުން ތަފާތު އެކިއަކި އިންޑަސްޓްރީގައި އިންވެސްޓް ކުރުމާ ބޭހޭ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ.

ޕްރިންސް މުއަންމަދު ސަލްމާން ޑޮނަލްޑް ޓްރަންޕާ ބައްދަލުކުރައްވަނީ

ނާއިފް ވަލީ އަހުދުކަމުން ދުރުކުރިއަސް މާބޮޑު ބަހެއް ވިދާލުވެފައެއް ނެތެވެ. ނަމަވެސް ޝަހީ އާއިލާގެ ތެރޭގައި ވެރިކަމުގެ ކޯޅުން ވަރަށް ބޮޑުވެފައިވާ އިރު މިވަގުތު ޔަމަނުގެ ހަނގުރާމަ އަދި ގަތަރުގެ ސަބަބުން ހިޔަނި އެޅިފައި ވިޔަސް ފަހުން މިކޯޅުން ހުޅުފަޅައިގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ. އެކަހެރިވެފައިވާ ބައިވަރު ޕްރިންސުން ތިބި އިރު އަދި ނާއިފްގެ ބާރު އެތެރޭގައި އަދިވެސް އޮންނާނެތީވެ، ތަފާތު ފެކްޝަނުތަކަށް ޝާހީ އާއިލާ މިހާރު ވެސް ވަނީ ބެހިގެންގޮސްފަ އެވެ. ސަލްމާން ރަސްގެފާނަށް މިހާރު 81 އަހަރު ވަނީ ވެފަ އެވެ. އެހެންކަމުން އަދި ބޮޑު ކުޅިވަރު އަދި ކުރިއަށް އޮތީ އެވެ.

comment ކޮމެންޓް