ގަތަރުގެ މައްސަލަ ނިންމުމަކަށް ގެންނަން ތުރުކީގެ ރައީސާއި ސައުދީގެ އިސްވެރިން އެއްބަސްވެއްޖެ

ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން އަދި ތުރުކީގެ ރައީސް އުރްދުޣާން ސަލާމް ކުރައްވަނީ --- ފޮޓޯ: ރޮއިޓާސް

ގަތަރުގެ މައްސަލަ ނިންމުމަކަށް ގެނައުމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރްދުޣާނާއި ސައުދި އަރަބިއާގެ އިސްވެރިން އެއްބަސްވެއްޖެއެވެ.

ތުރުކީ ރައީސް އުރްދުޣާން ގެ އޮފީހުން ޚަބަރުދޭ ގޮތުގައި އެމަނިކުފާނު ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ އާ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ފޯނުން ގުޅުއްވައި ގަތަރުގެ މައްސަލަ ނިންމުމަކަށް ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައެވެ.

ތުރުކީ ސަރުކާރުން ވަނީ ގަތަރަށް ފުރިހަމަ އެއްބާރުލުމެއް ދިނުމަށް އެއްބަސްވެފައެވެ. ތުރުކީއިން އެ ފިޔަވަޅު އަޅާފައިމިވަނީ މެދުއިރުމަތީގެ ގައުމުތަކުން ގަތަރާ ދެމެދު ވެވިފައިވާ އިގްތިޞާދީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ސައޫދީ އަރަބިޔާ އިސްކޮވެއޮވެ ކަނޑާލާފައިވަނިކޮށެވެ.

ސައުދީ އަރަބިޔާ އިސްކޮށް އޮވެ އަރަބި ލީގުގެ ގައުތަކުން ގަތަރާ ގުޅުން ކަނޑާލީ ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑު ކުރާކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމާ މެދު ތުހުމަތުތަކެއްކޮށް ފިޔަވަޅު އަޅަން ގޮވާލާފައިވަނިކޮށެވެ.

ފޯނުން ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާނާއި ސައުދީގެ ރަސްގެފާނު ސަލްމާން ވަނީ ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އަލަށް އައްޔަން ކުރި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ތުރުކީގެ ރައީސް އުރްދުޣާން ވަނީ މަރުހަބާ ދަންނަވާފައެވެ.

މަސްދަރު: ރޮއިޓާސް

comment ކޮމެންޓް