ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ދައުވާލިބޭ މީއާދުގެ ޝަރީއަތް ކެންސަލްކޮށްފި

ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުހައްމަދު މީއާދު -- ފޮޓޯ ޕޮލިސް

ރާއްޖެ ޓީވީގައި ހުޅުޖެހިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ، ހ. ގަސްވާ، މުހައްމަދު މީއާދުގެ ޝަރީއަތުގެ އަޑުއެހުން އަނެއްކާ ވެސް ކެންސަލް ކޮށްފި އެވެ.

އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ، ދައުލަތުން އެދިގެންނެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 18 ވަނަ ދުވަހުގައި ވެސް ކުރިމިނަލް ކޯޓުގައި ތާވަލު ކުރި އެވެ.

ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފަތިހު 4:42 އެހާކަންހާއިރު ހުޅުޖެހުމުގެ ސަބަބުން ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. އަދި އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސް ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަށް އަނދައިފަ އެވެ.

އެ މައްސަލައާ ގުޅިގެން މީއާދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

އެހެން ނަމަވެސް އެމައްސަލައާ ގުޅިގެން މީއާދުގެ އަތުގެ ބައެއް އަނދާފައިވާކަން ފުލުހުންގެ ތަހުގީގުން ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން އަނދާފައިވާ ކަމުގެ ނިޝާންތައް އޭނާގެ ކަނާތުން ފެންނަން ހުއްޓެވެ.

އެ މައްސަލާގައި ޖުމްލަ ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި ޕީޖީއިން ދައުވާ އުފުލީ ހަމަ އެކަނި މީއާދުގެ މައްޗަށެވެ.

comment ކޮމެންޓް