އިޔާދަކުރުވަނިވި ހަކަތައިގެ މަގުބޫލުކަން އެމެރިކާގެ ބޮޑެތި ކުންފުނިތަކާ ހަމައަށް

އެމެރިކާގެ ލުއިސިއާނާގެ، ބެންޓަން ކައުންޓީގައި ހުންނަ ވިންޑް-ޓާބައިން ފާމް --- ފޮޓޯ: ވިކިޕީޑިއާ

އެމެރިކާގެ ކާބަން އެމިޝަން ތިރިކުރުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބެނީ އެގައުމަށް ނިސްބަތްވާ އެންމެބޮޑެތި ކުންފުނިތަކަކީ އިޔާދަކުރުވަނިވި ހަކަތައިގެ އެންމެ ބޮޑެތި ކަސްޓަމަރުންނަށް ވުމުންނެވެ.

ހުސްވި އަހަރު އެގައުމުގައި ސޮއި ކުރި ވައިން ހަކަތަ އުފެއްދުމުގެ ކޮންޓްރެކްޓްތަކުގެ 40 ޕަސެންޓަކީ ޕްރަވެޓް ސެކްޓާގެ ތެރޭގައި ގިނަ އަދަދަކަށް ހަކަތަ ބޭނުންކުރާ ކުންފުނިތަކެވެ. މީގެ ތެރޭގައި މިލިޓަރީ އަދި ބޮޑެތި ޔުނިވާސިޓީތައް ވެސް ހިމެނެ އެވެ.

އެމެރިކާގެ ރިސާޗް ފާމަކުން ހަބަރުދޭ ގޮތުގައި އެމެރިކާގެ އިޔާދަކުރުވަނިވި ހަކަތައިގެ މާކެޓް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފަ އެވެ. ޖީޓީއެމް ރިސާޗް ކިޔާ މި ފާމުން ނެރެނު ރިޕޯޓެއްގައި ބުނާ ގޮތުން އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ކަސްޓަމާ ބޭސް ވަނީ 2016 ވަނަ އަހަރު ފެށުނު ބޮޑެތި ސޯލާ ޕްރޮޖެކްޓްތަކުގެ 10 ޕަސެންޓް ހިއްސާވެފަ އެވެ.

މިފަދަަ ހަކަތަ ބޭނުންކުރާ ބޮޑެތި ކުންފުނިތަކުން ތެލާއި ގޭހުގެ ބޭނުން ހިފައިގެން އުފައްދާ ކަރަންޓް އަދި ހަކަތައަށް ވުރެން އިޔާދަކުރުވަނިވި ހަކަތައާ ދިމާލަށް މިސްރާބު ޖަހާ ސަބަބުތަކެއް އެބަހުއްޓެވެ.

އެންމެ ބޮޑު ސަބަބަކީ އިޔާދަކުރުވަނިވި ހަކަތައިގެ ސަބަބުން ކުންފުނިތަކުގެ ކަރަންޓް ހަރަދު އަދި ހަކަތައިގެ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާ ކަމެވެ. ކުރިޔާ ހިލާފަށް ސޯލާ ނުވަތަ އިރުން އުފައްދާ ހަކަތަ އަދި ވައިން އުފައްދާ ހަކަތަ އުފެއްދުމަށްދާ ހަރަދުތަކުގެ އަގު މިވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އެތައްބައިވަރު ކުންފުނިތަކަކުން މިހާރު ގެންދަނީ އިޔާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ސާމާނު އަދި އޭގެ އިކްއިޕްމަންޓް ގިނަ އަދަދަކަށް މެނުފެކްޗާ ކުރާތީ އެވެ.

އިރުން އަދި ވައިން އުފައްދާ ހަކަތަ ބޭނުންކުރުމުގެ ކޮންޓްރެކްޓްތަކުގެ ގްރާފް --- ފޮޓޯ: ރޮއިޓާސް

ޓެކްސް ބްރޭކްތަކާއި އަދިވެސް އިތުރު ފައިދާތައް ހުރުމުގެ ސަބަބުން ބޮޑެތި ކާރު އުފައްދާ ކުންފުނިތައް ދަނީ އިޔާދަކުރުވަނިވި ހަކަތައިގެ ބޭނުން ކުރާ މިންވަރު އިތުރުކުރަމުންނެވެ. އެމެރިކާގެ މަޝްހޫރު ޖެނެރަލް މޮޓޯސް ކޯ އަކީ މިގޮތުން ފާހަގަ ކޮށްލެވޭ އެއްކުންފުންޏެވެ.

ޖެނެރަލ މޮޓޯސް ކޯ ނުވަތަ ޖީއެމް ވަނީ ދާދި ފަހުން އެމެރިކާގެ ޓެކްސަސްގެ ވައިން ހަކަތަ އުފައްދާ ދެ ފާމަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގެ ދަށުން މިދެފާމުން ޖީއެމްގެ އެތަކެއް ކާރުހާނާތަކަކަށް ހަކަތަ ނުވަތަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. މިގޮތަށް ހަކަތަ ފޯރުކޮށްދޭ ކާރުހާނާތަކުގެ ތެރޭގައި އާލިންގްޓަންގައި ހުންނަ ޖީއެމް ގެ ޔޫއެސް ސްޕޯޓް ޔުޓިލިޓީ ވެހިކަލް އުފައްދާ ކާރުހާނާ ވެސް ހިމެނެ އެވެ. މި ކާރުހާނާ ހާއްސަ ވަނީ މިއީ އެމެރިކާގެ ޑޮމެސްޓިކް ސޭލްސްތަކުން އެންމެ މަގުބޫލުކަމަށް ބުނާ ކާރުތައް ކަމުގައިވާ ޗެވްރޯލޭ ޓަހޯ، ކެޑިލެކް އެސްކެލޭޑް އަދި ޖީއެމްސީ ޔުކޯން އުފައްދާ ތަނެވެ.

ޖީއެމްގެ އިޔާދަކުރުވަނިވި ހަކަތައިގެ ސެކްޝަންގެ ޖެނެރަލް މެނޭޖާ ރޮބް ތްރޭލްކޭޑް ވިދާޅުވާ ގޮތުގައި އެކުންފުނިން އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރަން ފެށުނު ހިސާބުއްސުރެން ދަނީ އަހަރެއްގެ މައްޗަށް ފަސް މިލިއަން ޔޫއެސް ޑޮލަރާއި ގާތްކުރާ އަދަދެއް ޖީއެމްގެ ހަރަދުން ސަލާމަތް ކުރެވިގެންނެވެ.

comment ކޮމެންޓް