ޢީދު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ބާރު ބޮޑު ވެއްޖެ

ޑިސެމްބަރު 17، 2016: ގައުމީ އެއާލައިން، މޯލްޑިވިއަންގެ 20 ވަނަ މަތިންދާ ބޯޓު ރާއްޖެގެނައުން -- ސަން ފޮޓޯ/ އިއްތިޝާމް

އަހަރުގެ ރޯދަ މަސް ނިމި ފިތުރު އީދުގެ އުފާ ފާހަގަ ކުރުމަށް އަތޮޅު ތެރޭގެ ރަށްރަށަށް ކުރާ ވައިގެ ދަތުރުތަކުގެ ބާރު ބޮޑުވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ދިވެހިންގެ ގައުމީ އެއާލައިނު، މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިން، ނަޝާތު ހަމީދު މިއަދުު ވިދާޅުވީ އެ އެއާލައިނުގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް އާދައިގެ ވަރަކަށް ބޮޑުވެފައިކަމަށާއި އެންމެ ޑިމާންޑު ބޮޑީ ބޮޑެތި އާބާދީ އޮތް ހިސާބުތަކަށް ކަމަށެވެ.

"އައްޑޫ، ހދ. ހަނިމާދޫ ބ. ދަރަވަންދޫ ދަތުރުތަކަށް ބާރު ބޮޑު. ޑިމާންޑު ވަރަށް ރަނގަޅު މިދުވަސްކޮޅު،" ނަޝާތު ވިދާޅުވި އެވެ.

މިދުވަސްވަރަކީ ފަތުރުވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދަތުރުތައް ހުންނާނީ ފަތުރުވެރިންނާ އެކު ދިވެހިން ދަތުރުކުރާ ގޮތަށެވެ. ނަމަވެސް ސީޓު ނުލިބިގެން ދަތުރު ނުކުރެވޭ ވަރަށް ބުކިން ހަދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީޓް ނުލިބި ދަތުރު ނުކުރެވި ހުންނާކަށް ނުޖެހޭނެ. މިހާރު މޯލްޑިވިއަންގެ ޝެޑިއުލްޑް ފްލައިޓުތައް އަބަދުވެސް އޮވޭ ދުވާލަކު ތިން ހަތަރު ފްލައިޓު ވެސް އެބަ އޮވޭ އެކި އެއާޕޯޓުތަކަށް. އެހެން ވީމާ މިހާރު ދަތުރު ނުލިބި ނުދާނެ،" ނަޝާތު ވިދާޅުވި އެވެ.

ދިވެހިންނަކީ އީދުތަކާއި ލިބޭ ޗުއްޓީތަކުގައި ދަތުރުކުރަން ލޯބި ކުރާ ބައެކެވެ. ގިނަ ފަހަރު ދަނީ ރަށަށް އާއިލާއާ އެކީ ވަގުތު ހޭދަކޮށް ޗުއްޓީ ހޭދަ ކުރުމަށެވެ. ބައެއް ފަހަރު ރައްޓެހިންނާ އެކު މަޖާކޮށްލަން ކުރިން ނުދާ ކޮންމެވެސް ރަށަކަށެވެ.

comment ކޮމެންޓް