ރޯދަ – ކެތްތެރިކަމުގެ ތަރްބިޔަތެއް

ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވާލައްވާ ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި މަހެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ވެސް ވަނީ ރޯދަ މަހު ޤުރުއާން ކިޔުއްވާ މިންވަރު އިތުރުކުރައްވާފައެވެ. : ރޯދަ މަހު މިސްކިތްތަކަށް ނަމާދުކޮށް ޤުރުއާން ކިޔަވަން ދާ މީހުން ގިނަވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަރަބި ބަހުގައި ޞަބްރުގެ މާނައަކީ ހުއްޓުމެވެ. ނުވަތަ ހުއްޓުވުމެވެ. އެހެންކަމުން ޖަޒުބާތުތަކާއި ހިތުގެ އެދުންތައް މަތަކޮށް ތިމާގެ ބާރުގެ ދަށުގައި ގެންގުޅުމަކީވެސް ޞަބްރެވެ. ކެތްތެރިކަމެވެ. ކީރިތި ޤުރުއާނާއި، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކުގައި ވަރަށްގިނައިން ވަނީ މިމާނައިގައި "ޞަބްރު" ބޭނުންކުރައްވައިފައެވެ.

އިސްލާމްދީނުގެ ނަޒަރުގައި ފަރުދެއްގެ ނުވަތަ ޤައުމެއްގެ ޙައިޘިއްޔަތުން ބަރްދާސްކުމުގެ ބާރާއި، ބުރަތައް ތަޙައްމަލުކުރުމުގެ އެކަށޭނަކަމާއި ކެތްތެރިކަމުގެ މުހިންމުކަން ބަޔާންވެ އެނގޭ އެއްކަމަކީ ކީރިތި ޤުރުއާނުގެ 107 ތަނެއްގައި ކެތްތެރިކަމަށް ބާރުއަޅުއްވައިފައިވުމެވެ. ތާރީފު ކުރައްވައިފައިވުމެވެ. ނުވަތަ އެވާހަކަ ގެންނަވައިފައިވުމެވެ. މާތްﷲގެ މަދަދު ހޯދުމުގައި ބޭނުންކުރާނެ ދެވަސީލަތަކަށް ކީރިތި ޤުރުއާނުގައި ވަނީ އިރްޝާދުދެއްވައިފައެވެ. އޭގެ ތެރެއިން އެއްކަމަކީ ނަމާދެވެ. ނަމާދަކީ މާތްﷲގެ ޙަޟުރަތަށް ރުޖޫޢަވުމުގެ އެންމެ މުހިންމު ވަސީލަތެވެ. ދެވަނަ ކަމަކީ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ މައްޗަށް އިތުރަށް ބާރުއެޅުއްވުމަށްޓަކައި "ﷲ ވޮޑިގެންވަނި ކެތްތެރިންނާއެކުގައި" ކަމަށްވެސް ވަނީ އަންގަވައިފައެވެ.

ކެތްތެރިކަމުގެ މާނަތަކުގެ ތެރެއިން މުޖްތަމައުގެ ޢާއްމު ފަރުދުންނަށްވެސް ފަސޭހައިން ވިސްނައިގަނެވޭނެ އެއްމާނައަކީ އިންސާނެއްގެ ދިރިއުޅުމުގައި ދިމާވާ މޮޅިއާއި ހިތާމަތަކަކީ މާތްﷲގެ މިންވަރުފުޅުން ހިނގާ ކަންތައްތަކެއްކަން ޤަބޫލުކޮށް މިންވަރުފުޅަށް ރުހި ޤަބޫލުވުމެވެ. ތިމާގެ އައުލާތްތެރިޔަކު މަރުވުން، މަޔަކު ބަފަޔަކު ބަލިވުން، ތިމާއަށް ބޮޑު މާލީގެއްލުމެއް ލިބުނު ފަދަ ހިތާމަވެރި ހާދިޘާއެއް ކުރިމަތިވުމުން އެކަންކަމާ ކަރުނައަޅައި ހިތާމަކުރުމުގެ ބަދަލުގައި އެކަންކަމަކީ ﷲގެ ނިޔާފުޅުކަމުގައި ދެކެ ހިމޭންކަން ޚިޔާރުކުރުމަކީ ކެތްތެރިވުންކަމާ މެދަކު ޝައްކެއްނެތެވެ. ކެތްތެރިވުމަކީ ހަމައެކަނި ނަމެއްގައި ހިތްމައިތިރިކޮށްލުމެއް ނޫނެވެ. ކެތްތެރިކަމަކީ މާތްﷲގެ މިންވަރުފުޅުން ހިނގާ ކަންތައްތައްތަކުގެ ތެރޭގައި ތިމާގެ ޠަބީޢަތު ނުރުހޭ ޒާތުގެކަމެއް ދިމާވިޔަސް އުފަލުން އެކަމެއް ބަރުދާސްތުކުރުމެވެ.

ނަމާދުކުރަން އާދަވެފައިނުވާ މީހަކަށް ފަސްނަމާދުކުރުމަކީ ބުރައެކެވެ. ގަދަހޫނުގައި ނުވަތަ ބޯވާރޭގައި މެންދުރު ނަމާދަށް ދާން ޖެހިއްޖެނަމަ އެކަން ބަރުދާސްކުރުމަށް ކެތްތެރިކަން ބޭނުންވެއެވެ. ފިނިރޭރޭގެ އެންމެ ނިދިގަދަވާ ވަގުތު ތެދުވެ ވުޟޫކޮށްގެން ފަތިސްނަމާދުކުރުމަކީ ކެތްތެރިކަމަށް ބޭނުންވާކަމެކެވެ. މާތްﷲގެ ރަސްކަންފުޅުދެކެ ފުރިހަމަ މާނާގައި ލޯބިނުވާ މީހަކަށް މިކަންކަމަކީ ފަސޭހަކަންކަމެއްނޫނެވެ. އެހެންކަމުން މާތްﷲއަށް އުރެދުމުން އެއްކިބާވުމަށްޓަކައި ތިމާގެ ހިތުގެ ޝުޢޫރާ ދެކޮޅަށް އެކަންކަން ކުރުމަކީވެސް ކެތްތެރިކަމުގެ އެހީ ބޭނުންވާ ކަންކަމެވެ. ތިމާގެ ކަންނެތްކަން ފިލުވައިލައި މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށް ތިމާގެ ޠަބީޢަތު ހާނުވައި ފަރިތަކުރުމަކީ ކެތްތެރިކަން ބޭނުންވާ ކަމެކެވެ. ރާބުއިން އާދަވެ އެކަމަށް ދެވިހިފައިފައިވާ މީހަކު އެކަންހުއްޓައިލުމަށްޓަކައި ތިމާގެ ހަވާނަފުސުގެ އަމުރުގެ މައްޗަށް މާތްﷲގެ ހުކުމްފުޅު ހިންގައި ތިމާގެ ހިތުގެ އެދުން ޤުރްބާންކޮށްލަންޖެހެއެވެ. ތިމާގެ ޠަބީއަޠާ ޚިލާފަށް އެކަންކުރުމަކީ ކެތްތެރިކަމުގެ ބާވަތެކެވެ.

ކެތްތެރިކަން ވަރަށް ބޮޑަށް ކެތްތެރިވާންޖެހޭ ކަމަކަށް ބަދަލުވަނީ އަޅުތަކުންގެ ޙައްޤުތަކާ ބެހޭ ކަމަކަށް ކެތްތެރިކަން ބޭނުންވާ ހިނދުއެވެ. ތިމާގެ މުސްލިމު އަޚަކު ތިމާއަށް އަނިޔާއެއްކޮށްފިއެވެ. އެކަމާހުރެ ތިމާގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން އަނދަންފަށައިފިއެވެ. ބަދަލުހިފުމުގެ ބާރުވެސް ތިމާގެ ކިބައިގައި އެބަހުއްޓެވެ. އެކަމަކު ހަނދާންވެއްޖެއެވެ. އަރަހުށި މާތްﷲ ކުޅަދުންވަންތައެވެ. އެކަލާނގެ ތާއަބަދު ދަޢުވަތުދެއްވަނީ އެކަލާނގެ އަޅުތަކުންގެ ތެރޭގައި ހިމެނޭ ކުށްވެރީންނަށް މާފުކުރުމަށެވެ. އެކަލާނގެ އިރްޝާދުދެއްވަނީ ކެތްތެރިކަމާއި، އޯގާވެރިވުމާއި، ހިތްހެޔޮކުރުމުގެ ޝަބްނަމުން ރުޅީގެ އަލިފާންގަނޑު ނިއްވައިލުމަށެވެ. ޚުދުތިމާއާމެދުވެސް އެކަލާނގެ ޙަޟްރަތުން އެގޮތަށް މުޢާމަލާކުރެއްވުމުގެ އެކަށޭނަކަން ލިބޭ މީހަކަށް ވުމަށްޓަކައެވެ. އެހެންކަމުން އިސްވެދެންނެވި ފަދަ ހާދިޘާތައް ކުރިމަތިވާ ވަގުތު ރުޅިމަޑުކޮށްލައި ހިތްސާފުކޮށްލުމަކީ ކެތްތެރިކަމެވެ.

މުޖުތަމަޢުގައި ބައެއް ފަހަރަށް ދިމާވާގޮތުކެވެ. ބާރުހުރި ނުފޫޒުގަދަމީހެކެވެ. އޭނާ އެހެން މީހެއްގެ ޙައްޤަކަށް އަރައިގެނެ އަތްގަދަކޮށްލައެވެ. އަނިޔާލިބުނީ އާރެއްބާރެއްނެތް ނިކަމެތިމީހަކަށެވެ. އަތްބާރު އަޅައިދޭނެ ވާގިވެރިޔަކުވެސް ނެތް މީހަކަށެވެ. އޭނާއަށް ފަނޑިޔާރުގެއަށްވެސް ދެވޭކަށެއްނެތެވެ. ކަންމިހެން ހުރުމާއެކުވެސް އަނިޔާވަރިޔާގެ ހިތަށް އަރައެވެ. ތިމާއަކީވެސް އިންސާނެކެވެ. ތިމަންގެ ޢަމަލުތަކުގެ އަރަނި ދަރަނި ސާފުކުރަން ޖެހޭ ދުވަހެއް އެބައޮތެވެ. މާދަމާ ﷲގެ ޙަޟްރަތުގައި ހުންނަން ޖެހޭނީ މިއަދު އަހަރެންގެ ބާރުގަދަ ވަރަށް ވުރެ މާބޮޑަށްވެސް ނިކަމެތިވެގެންނެވެ. ހިމަވެގެންނެވެ. މި ޚިޔާލު އޭނާ ރޫރޫއަޅުވައެވެ. އޭނާގެ ހިތް ބިރުންވިރުވައިލައެވެ. އެހެންވެ އޭނާ ހިތާދެކޮޅަށްވެސް އަނެކާގެ ޙައްޤު އަނެކާއަށް ދޫކޮށްލައެވެ. ޝައްކެތްނެތްގޮތުގައި މިއީވެސް ކެތްތެރިވުމެވެ. އެހެނީ އޭނާ އޭނާގެ ހަވާނަފްސުގެ އެދުންތައް މަތަކޮށްފިއެވެ. ނުޙައްޤުން ނަމަވެސް ތިމާއަށް ލިބޭން އޮތް މާއްދީ މަންފައަކުން މަޙްރޫމްވާން ރުހިޤަބޫލުވެއްޖެއެވެ.

މުސްލިމުންގެ އިޖްތިމާޢީ މައްސަލަތަކާއި ޤައުމީ މުޢާމަލާތަކާވެސް ކެތްތެރިކަމާ ގުޅުންހުރެއެވެ. ދިމާވާ ބައެއް ހާދިޘާތަކަކީ ތިމާގެ ޖަޒުބާތުގައި އަލިފާންރޯކޮށްލާ ޙާދިޘާތަކެވެ. ދެކޮޅުވެރީން ބޭނުންވަނީ ތިބާ ރުޅިއަރުވާލާށެވެ. "ރޯކޮށްލާށެވެ." ބޭނުމަކީ ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވުނަނުދިނުމެވެ. ބޭނުންތެރި ދިގުރާސްތާ މަޝްރޫޢުތައް ތަންފީޒު ކުރިޔަ ނުދިނުމެވެ. ތިބާގެ ހުރިހާ ބުންވަރަކާއި ހަކަތައެއް ތާކުންތާކުނުޖެހޭ "ކޫސަނި" ކަންކަމަށް ހޭދަކުރުވައި ހުސްކުރުވުމަށްޓަކައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމުގެ މައްކީ ދައުރުގައި ޤުރައިޝުން އިތުރުސާހިބާ ކޯފާއިސްކުރުވާން މަސައްކަތްކުރިއެވެ. މަދަނީ ދައުރުގައި ޔަހޫދީން އަރުވާޖަހައިގެން އެކަމަށް ނިކުތެވެ. އަމިއްލަޔަށްވެސް އެމަސައްކަތްކުރިއެވެ. މުނާފިޤުން މެދުވެރިކޮށްވެސް އެކަންކުރުވިއެވެ. މާނައެއްނެތް މައްސަލަތަކުގައި އިތުރުސާހިބާ މަޝްޣޫލުކުރުވަން އުޅުނީ އަމަށަކުވަރަކަށް ނޫނެވެ. ނަމަވެސް ކައުސާހިބާ މުސްލިމުންގެ ބުންވަރާއި ހަކަތަ މާނައެއްނެތްކަންކަމުގައި ބޭކާރުވިޔަކަ ނުދެއްވިއެވެ. އަދި ކީއްތޯއެވެ؟ އެމާތް ސާހިބާ ނުހަނު ހަމަޖެހިވަޑައިގެން ހުންނަވައި ކުރައްވަމުންގެންދެވީ އިސްލާމީ ދަޢުވަތު ދުރަށް މާދުރަށް ފަތުރައިލެއްވުމުގެ މަސައްކަތްޕުޅެވެ. ފިކުރީގޮތުންނާއި، ޢަމަލީގޮތުން މުސްލިމުން ތަރްބިޔަތުކުރެއްވުމުގެ މަސައްކަތްޕުޅެވެ. އިސްލާމްދީނާ ޚިލާފަށް ރޭވޭ ނުބައިރޭވުންތައް ނާކާމިޔާބުކޮށްލައްވައި އެކަންކަމުގެ ދޮރުތައް ބަންދުކޮށްލެއްވުމުގެ މަސައްކަތްޕުޅެވެ. ނުހަނު މޮޅަށް ރޭއްވެވި ދުރު މުސްތަޤުބަލުގެ ރޭއްވެވުންތަކުގެ ޒަރީޢާއިންނެވެ. ނަތީޖާއަކީ މުސްލިމުންނަށް ފަތަޙައާއި ނަޞުރުލިބުމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތުގައި މިކަމާގުޅޭ މިސާލުތައް ވަރަށް ގިނައެވެ. އޭގެތެރެއިން އެންމެ ޞަރީޙު އެއް މިސާލަކީ ޞުލްޙުލް ޙުދައިބިއްޔާއެވެ. ޤުރައިޝުން ދެންނެވިހައި ގޮތެއް ޤަބޫލޫކުރައްވައި އެމާތް ސާހިބާ ކުރެއްވި އެމުޢާހަދާއާ މެދު ޚުދު މުސްލިމުންވެސް ތިބީ ނުރުހިއެވެ. ނަމަވެސް އެ މުޢާހަދާގެ ރަން ނަތީޖާއަކީ ސޫރަތުލް ފަތުހުއެވެ. އެމުޢާހަދާގެ ސަބަބުން ތަރުތީބުވެގެން އައީ އެތައް ނަސްރަކާއި ކަމިޔާބީތަކެކެވެ. ޚައިބަރުގެ ފަތަހައާއި އަރަބިކަރައިން ބޭރަށް އިސްލާމީ ދަޢުވަތު ފަތުރައިލައްވަން ވަގުތު ލިބިވަޑައިގަތުމާއި މައްކާ ފަތަޙަކުރެއްވުމުގެ ދޮރުހުޅުންފަދަ ބޮޑެތި ކާމިޔާބީތަކެވެ.

ޙަޤީޤަތަށް ދަންނަވާނަމަ ޤައުމީ ފެންވަރުގައިވެސް މިއަދު މުސްލިމުންނަށް މިވަނީ ކެތްތެރިކަމާއި ބަރުދާސްތުކުރުމުގެ ފިލާވަޅު އަލުން އުނގެނޭން ޖެހިފައެވެ. މެދު އިރުމައްޗަށް ބެލިއަސް ، އުތުރު އެފްރިކާއަށް ބެލިކަމުގައިވިޔަސް ޚުދު އަޅުގަނޑުމެންގެ ޤައުމަށާއި،އަމިއްލަ ނަފުސަށް ވިސްނައިލިޔަސް މިކަންއޮތީ މި މަގަށެވެ. އަޅުގަނޑުމެންގެ އަޚުންނަށް ވިސްނައިދޭން އެބަޖެހެއެވެ. އަމިއްލައަށް ޤަބޫލުކުރާން އެބަޖެހެއެވެ. ވިސްނުންތެރިކަމާއެކު ދުރަށްރާވައިގެން ކުރިއަށް ދިއުމާއި ވަގުތީގޮތުން އެއްފަރާތްވެލުމަކީ ފިނޑިކަމެއްނޫނެވެ. ކެތްތެތިވުމަކީ ފިނޑިވުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ މޮޅަށް ރާވައިގެން ކުރިޔަށް ދާންފަށައިގަތުމެވެ.

ރޯދަމަހަކީ ކެތްތެރިކަމުގެ މައްސަރެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވަނީ އެގޮތަށެވެ. (ބައިހަޤީ،ޢަންސަލްމާނުލްފާރިސީ) މިމަހުގެ މަޤްޞަދަކީ މުސްލިމުން ކެތްތެރިވާން ދަސްކުރުމެވެ. ދުވާލުހަތަރުދަމު ނުކައި ނުބޮއި ތިބުމާއި، އިންސާނީ އެހެން އެތައް އެދުމެއް ބުރަކިޖައްސައި މަޑުކޮށްގެން ތިބުމަކީ ކެތްތެރިކަމުގެ ތަރްބިޔަތެވެ. އިސްލާމްދީން އިންސާނާގެ ކިބައިގައި ހުރުން އެދެނީ ކެތްތެރިކަމުގެ ސިފައެވެ. އެހެންކަމުން ކައުސާހިބާ ނަސޭހަތްދެއްވަނީ ރޯދައަށް ތިބެ ބަދުބަހުން ވާހަކަނުދެއްކުމަށެވެ. ދޫނުބައި ނުކުރުމަށެވެ. އަރައިރުންވެ ހަޅޭފަޅޭލަވައި ނުއުޅުމަށެވެ. އެހެން މީހަކު ތިމާއަށް ހުތުރުބަހުން އެއްޗެހި ގޮވިކަމުގައިވިޔަސް ނުވަތަ އަތް އިސްކުރިޔަސް ތިމާ އެގޮތަށް ކަންތައްނުކުރުމަށެވެ. ތިމަންނާޔަކަށް ނުބައިކަމެއްގެ ބަދަލުގައި ނުބައިކަމެއް ނުކުރެވޭނެއޭ އެހެނީ ތިމަން މިހިރީ ރޯދަޔަށޭ ބުނުމަށެވެ. (ބުޚާރީ، ޢަންއަބީ ހުރައިރާ) މާނައަކީ އަނެކަކު ނުބައިކަމެއްކުރުމުން އޭގެ ޖަވާބުގައި ނުބައިކަމެއްނުކޮށް ތިމަން މިފަރިތަކުރަނީ ކެތްތެރިކަމުގެ ފިލާވަޅެކޭ ބުނުމެވެ. ތިމަންމިދަސްކުރަނީ ނުބައިކަންކަމަށް ހެޔޮކަންކަމުން ބަދަލުދޭނެ ގޮތޭ ބުނުމެވެ. ތިމަން ޖާހިލުންގެ ޖަހާލަތު ބަރުދާސްތުކުރަން ދަސްކުރަނީއެވެ ބުނުމެވެ. ތިޔަކަމާ އެއްވެސް ކަހަލަ ރައްދު އަމަލެއް ފާޅުކުރުމަކީ ތިމަން ހޯދަމުން މިގެންދާ ތަރުބިޔަތާ ފުށުއަރާކަމެކޭ ބުނުމެވެ.

comment ކޮމެންޓް