އިއްސެގެ މަރު: ޝުމޮންމިއާގެ އެކުވެރިން ބޮޑު ވަޅިއެއް ގަންނަން އުޅުނު، އެންމެންގެ ބަންދަށް 15 ދުވަސް

ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް އިއުތިރާފުވި، ޝުމަންމިއާ -- ސަން ފޮޓޯ

ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓެއްގެ ތެރެއިން ރަހުމުކުޑަ ގޮތަކަށް ދިވެއްސަކު މަރާލާފައި އޮއްވައި ފެނުނުތާ އެއް ދުވަސްކުރިން އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީއަކު ބޮޑު ވަޅިއެއް ގަތުމަށް އުޅުންކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.

އެފެކްޓްރީގެ މެކޭނިކް ޅ. ހިންނަވަރު، އިސްމާއިލް އުމަރު(އިއްސެ)، 54، ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު އެވެ. ބެލެވޭ ގޮތުގައި އޭނާ މަރާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު: ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ އެތާގައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަން އަށް އެނގިފައިވާ ގޮތުގައި އިއްސެ މަރާލިކަމަށް އެއްބަސްވެފައިވާ އޭނާގެ ދަށުން މަސައްކަތްކުރި ޝުމޮންމިއާގެ އެކުވެރި ބިދޭސީންތަކެއް މިދިޔަ ބުދަ ދުވަހު ވަނީ އެފެކްޓްރީ ކައިރި ހުންނަ ފިހާރައެއްކަމަށްވާ "ކާވިޔާ" އަށް ބޮޑު ވަޅިއެއް ގަންނަން ގޮސްފަ އެވެ.

"އޭގެ އަނެއް ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ވަޅިއެއްގަތް، ގަތީ ކުޑަ މަސް ވަޅިއެއް، ފަހުން މިދިޔަ ހަފްތާގެ ބުދަ ދުވަހު އައިސް ބުނީ ބޮޑެތި ވަޅި އެބަހުރިހޭ، ނެތޭ ބުނީމަ އޭނާއާ އެކު އައި ބިދޭސީންނާ ވާހަކަ [ބަނގުލަދޭޝް ބަހުން] ދެއްކުމަށް ފަހު ދިޔައީ،" އެފިހާރައިގެ ސޭޓަކު ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެސޭޓް ބުނި ގޮތުގައި ވަޅި ގަންނަން ދިޔަ އެ ބިދޭސީ މީހާ ފުލުހުން ވަނީ ފަހުން ހައްޔަރުކޮށްފަ އެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނުނު ފެކްޓްރީ ތެރެއިން ފުލުހުން ވަނީ ވަޅިއެއް ހޯދައިފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވަޅިގަތުމަށް ފިހާރައަށް ދިޔައީ އެރަށުގައި ގާ އެޅުމުގެ މަސައްކަތް ކުރާ ބިދޭސީއެކެވެ.

ވަޅިއެއް ގަތުމަށް ބިދޭސީއަކު ފިހާރައަށް ގޮސްފައިވާ އިރު އިއްސެ މަރާލި ރޭ ދަންވަރު ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ކިތަންމެ ބޮޑުއަގެއްގައި ވެސް ލޯންޗެއް ކުއްޔަށް ހިފުމަށް ވެސް ދެ ބިދޭސީއަކު ވަނީ ގޮސްފަ އެވެ.

އިހަވަންދޫގައި ލޯންޗުދުއްވާ ފުއާދު ގާސިމް ސަން އަށް ބުނި ގޮތުގައި އާންމުކޮށް އިހަވަންދޫން ކުޅުދުއްފުއްޓަށް 2500 ރުފިޔާއަށް ލޯންޗު ދަތުރުކުރާ އިރު އެރޭ ލޯންޗު ހިފަން އައި ބިދޭސީން ތިބީ 10000 ރުފިޔާއަށް ވެސް ދަތުރުކުރަން ތައްޔާރަށް ކަމަށެވެ.

ލޯންޗު ހަމަޖައްސަން އައި ދެ ބިދޭސީން ވެސް ތިބީ ބަންދުގައި ކަމަށް ފުއާދު ބުންޏެވެ.

އިއްސެގެ ގާތިލު، ޝުމޮންމިއާ ފިލަން ވަތް ކަމަށް ބުނާ ފަޅުގެ: އެތަނަކީ ކުރިން ތެޔޮ ރައްކާ ކުރާ ތަނެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްސެ މަރާލިކަމަށް އެއްބަސްވެފައިވާ ޝުމޮންމިއާ މިދިޔަ ހަފްތާ ބުދަ ދުވަހުން ފެށިގެން އެރަށު ފަޅުގެއެއްގެ ތެރޭގައި ފިލުވާފައިވާއިރު އިއްސެ މަރާލިރޭ ފަތިހު އޭނާ ވަނީ ލޯންޗެއްގައި އެއަތޮޅު ހުވަރަފުއްޓަށްގޮސްފަ އެވެ. އަދި ހުވަރަފުށީމަގުން ކުޅުދުއްޓަށް ދިޔައިރު ފުލުހުން އޭނާ ހައްޔަރުކުރީ ކުޅުދުއްފުށީގައި ހުއްޓަ އެވެ.

ޝުމޮންމިއާ އާއި އޭނާގެ އެކުވެރި ބިދޭސީންތަކެއް ވެގެން އިއްސެ މަރާލިކަމަށް ތުހުމަތު ކުރެވެނީ ފައިސާގެ ކަންތައްތަކަކާ ގުޅިގެންނެވެ.

އިއްސެގެ މަރުގެ މައްސަލާގައި ފަސް ބިދޭސީއަކު މިހާތަނަށް ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

comment ކޮމެންޓް