އީގަލްސްއަށް ކޮންމެ މެޗަކީވެސް ފައިނަލެއް: ސާންތި

ޕްރިމެޗް ޕުރެސް---ސަން ފޮޓޯ/ މުަހއްމަދު އަފްރާހް

މާލޭ ލީގުގައި މިވަގުތު އީގަލްސް އޮތް ހިސާބަށް ބަލާއިރު އެޓީމަށް ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށާއި އުންމީދަކީ މާޒިޔާ ފަދަ ވަރުގަދަ ޓީމެއްގެ އަތުން ޕޮއިންޓެއް ނަމަވެސް ހޯދުން ކަމަށް އެޓީމުގެ ކޯޗް އިހްސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.

އީގަލްސް އާއި މާޒިޔާ ވާދަކުރާ މެޗާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސާންތި ބުނީ، އީގަލްސްއަށް މިހާރު ކޮންމެ މެޗެއްވެސް މުހިއްމުވާނެ ކަމަށާއި މާޒިޔާ ފަދަ ޓީމަކާ ދެކޮޅަށް ނުކުތަސް އަދި އެންމެ އާދައިގެ ޓީމަކާ ދެކޮޅަށް ނުކުތަސް އެއީ ފައިނަލެއް ކަމަށެވެ.

" ކޮންމެ މެޗަކީވެސް ފައިނަލެއް. އުންމީދަކީ ޕޮއިންޓެއް ނަމަވެސް މާޒިޔާއަތުން ހޯދުން،" ސާންތި ބުންޏެވެ.

ޒުވާން ޓީމެއް ގޮވައިގެން މިދިޔަ އަހަރު އީގަލްސްއަށް ޕްރެޒިޑެންޓްސް ކަޕް ހޯދައިދިން ކޯޗް ބުނީ މާދަމާގެ މެޗުގައި މުހިއްމު ތިން ކުޅުންތެރިއަކު ނުފެންނާނެ ކަމަށާއި ނަމަވެސް ދޫ ނުދޭނެ ކަމަށެވެ.

" ވަރަށް އިތުބާރު ކުރާ ތިން ކުޅުންތެރިއަކު މާދަމާ ނުކުޅޭނެ. ނަމަވެސް އުންމީދަކީ ދޫނުދީ ހިފަހައްޓާލުން،" ސާންތި ބުންޏެވެ.

އީގްލްސްގެ ޕްރެކްޓިސްތަކަށް ހާޒިރު ނުވެ ފުޓްސަލް ކުޅެން ދިޔަ މައްސަލައަކާ ގުޅިގެން އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) ރިހާމް އަބްދުލްގަނީ (ބޮބީ) އަދި ހަސަން ރާއިފް އަހްމަދު (ހަންނަ) ގޭގައި މަޑުކުރަން އެ ކުލަބުގެ މެނޭޖްމަންޓުން ވަނީ އަންގާފައެވެ. މާދަމާ މެޗުގައި އެ ތިން ކުޅުންތެރިންވެސް ނުފެންނާނެއެވެ.

ލީގު ތާވަލްގެ ހަވަނައިގައި އީގަލްސް އޮތީ 13 ޕޮއިންޓާ އެކުއެވެ.

comment ކޮމެންޓް