އީގަލްސް އަކީ ވަރުގަދަ ޓީމެއް، މެޗު ފަސޭހައެއް ނުވާނެ: ސެކުލޮވްސްކީ

ސެކުލޮވްސްކީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނަ އީގަލްސް އަކީ ބަލި ޓީމެއް ނޫން ކަމަށާއި އެ ޓީމަކީ ވަރުގަދަ އަދި މޮޅު ޓީމެއް ކަމަށް މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނެފިއެވެ.

ދުވަސް ތަކެއްގެ މެދު ކެނޑުމަށްފަހު އަލުން ލީގު ފަށާ މެޗުގައި އީގަލްސްއާ ދެކޮޅަށް މާޒިޔާ ނުކުންނަ މެޗާއި ގުޅޭ ގޮތުން ކޯޗް ބުނީ ލިބުނު ބްރޭކްގެ އެންމެ އެކަށީގެންވާ ފައިދާ އޭނާގެ ޓީމަށް ނުކުރި ނަމަވެސް އެ ބްރޭކްގެ ސަބަބުން ރަނގަޅު އަސަރެއް ޓީމަށް ކުރުމަކީ އޭނާ ބޭނުންވާގޮތް ކަމަށެވެ.

މާޒިޔާއަށް އޭއެފްސީގައި ވަރުގަދަ ޓީމް ތަކާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދައިދިން ކޯޗް ބުނީ އޭނާގެ ޓީމަށް ކޮންމެ މެޗެއްވެސް މުހިއްމު ކަމަށާއި އިދިކޮޅުން ބަލި ޓީމެއް ނުކުޅޭނެ ކަމަށެވެ. އަދި ބުނީ އެންމެ މުހިއްމީ އިދިކޮޅު ޓީމާ މެދު ސަމާލުވެ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.

"އީގަލްސްއަކީ ވަރުގަދަ ޓީމެއް. މާޒިޔާއިން ނުކުންނާނީ މޮޅެއް ހޯދަން،" ސެކުލޮވްސްކީ ބުންޏެވެ.

މާޒިޔާއާ އީގަލްސް މާލޭ ލީގު ފުރަތަމަ ބުރުގައި މީގެ ކުރިން ކުޅެފައިވާއިރު އެ މެޗުން މޮޅުވީ މާޒިޔާއެވެ. ނަމަވެސް އެ މެޗުގައި އީގަލްސް އިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މާޒިޔާ މިވަގުތު ލީގު ތާވަލްގެ އެއްވަނައިގައި އޮތްއިރު އީގަލްސް އޮތީ 6 ވަނައިގައެވެ.

comment ކޮމެންޓް