ރޭމޯ ވެސް ކެމެރާގެ ކުރިމައްޗަށް!

ކުޑަކުދިންގެ ފިލްމަކުން އެކްޓަރެއްގެ ގޮތުގައި ކެމެރާގެ ކުރިމައްޗަށް ނުކުތުމަށް ތައްޔާރު ވެފައިވާ ކަމުގެ އިޝާރާތެއް ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ދީފި އެވެ.

'އޭބީސީޑީ' އަދި 'އޭބީސީޑީ 2' ފަދަ ފިލްމުތަކުން ޑައިރެކްޓަރެއްގެ ގޮތުގައި ތައުރީފު ހޯދާފައިވާ ރޭމޯ ބުނީ މީގެ ކުރިން ވެސް އޭނާއަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނާ އަށް ސްކްރިޕްޓުތައް ކަމުގޮސްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ކުޑަކުދިންގެ ފިލްމެއްގެ ސްކްރިޕްޓު ކަމުގޮސްފައިވާ ކަމަށާއި، އެހެން ކަމުން އެ ފިލްމުގައި އެކްޓަރެއްގެ ގޮތުގައި އޭނާ ފެނިގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް އެކްޓު ކުރުމަކީ އޭނާ ދާއިމީ ގޮތެއްގައި ކުރާނެ ކަމެއް ނޫން ކަމަށާއި، ވިސްނުން ހުރީ ކޮރިއޮގްރާފް ކުރުމާއި ޑައިރެކްޓު ކުރުމަށް ކަމަށެވެ.

"ނެށުމާއި ފިލްމު އުފެއްދުމަށް އަހަރެން ޝައުގުވެރި ވަނީ. އެކްޓު ކުރުމަކީ އަހަރެން ކުރަން ބޭނުން ކަމެއް ނޫން. އަދި މޮޅެއް ވެސް ނުވާނެ. އަހަންނަށް ފިލްމު ހުށަހެޅި މީހުން ގާތު ވެސް އެވާހަކަ ވާނީ ބުނެފައި. އެކަމަކު އެމީހުން ބޭނުންވީ އަހަރެން ލައްވައި ފިލްމު ކުޅުވަން. އެހެންވީމަ އަހަރެން އެ ފިލްމު ކުޅޭނަން. އެކަމަކު އެއީ ހަމައެކަނި ކުޑަ ކުދިންނަށްޓަކައި. އެ ފިލްމުގައި ވަރަށް ބައިވަރު ކުދިން އުޅޭނެ،" ރޭމޯ ބުނެފައިވެއެވެ.

ރޭމޯ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ޑައިރެކްޝަންގެ ޝޫޓިން ފެށުމަށެވެ. އެ ފިލްމުގައި ފެނިގެން ދާނީ ސަލްމާން ޚާން އެވެ. ފިލްމަށް ބަތަލާ އެއް އަދި ހަމަޖައްސާފައެއް ނުވެއެވެ.

އޭގެ އިތުރުން ޖުލައި އެއްވަނަ ދުވަހު ސްޓާޕްލަސްއިން ދައްކަން ފަށާ 'ޑާންސް ޕްލަސް 3' ގައި ވެސް ރޭމޯ ފެނިގެންދާނެއެވެ.

comment ކޮމެންޓް