ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާތަކެއް ހަދިޔާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބީއެމްއެލް އިން ވަނީ މޮޓޮރައިޒްޑް ވީލްޗެއާތަކެއް ހަދިޔާކޮށްފައި --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެބޭންކުގެ މުވައްޒަފުން ގުޅިގެން ގިނަ ރަށްތަކެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާތަކެއް ހަދިޔާކޮށްފިއެވެ.

މިއީ "އީދު ވެދުން"ގެ ނަމުގައި މުޖުތަމައަށް އެހީވުމަށް ބީއެމްއެލް އާއި އެބޭންކްގެ މުވައްޒަފުން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ހިންގާ ހަރަކާތުގެ ދަށުން ފޯރުކޮށްދިން ހަދިޔާތަކެކެވެ.

އިޖްތިމާއީ މިފަދަ މުހިންމުކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކުވެސް ބީއެމްއެލްގެ މުވައްޒަފުން ފަންޑްރައިޒްކުރުމުން ބީއެމްއެލްއިން އެމިންވަރާއި އެއްވަރުގެ އެހީއެއް ފޯރުކޮށްދެއެވެ.

މިއަހަރުގެ "ޢީދު ވެދުން"ގެ ގޮތުގައި ހަދިޔާކުރާ މޮޓޮރައިޒްޑް ވީލްޗެއާތައް ފަސް ރަށެއްގެ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 15 މީހަކަށް ފޯރުކޮށްދޭނެއެވެ. މުޖުތަމަޢަށް އެހީތެރިވުމުގެ މި ހަރަކާތް ފަށާފައިވަނީ ކ. މާފުށީގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ބޭންކްގެ މުވައްޒަފުންވަނީ މި ހަދިޔާ ލިބޭ އެރަށުގެ ރައްޔިތުންނަށް ލިބޭ ވީލްޗެއަރތައް ހަދިޔާ ކޮށްފައެވެ.

ޢީދު ވެދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކެއްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލުތަކެއް އައުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދެން. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ދިން އިސްކަމަށާ އަދި ފައިސާގެ ގޮތުން ވެދިން އެހީތެރިކަމަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން." އާއިޝަތު ވިދާޅުވިއެވެ.

comment ކޮމެންޓް