ކޮރަޕްޝަނުގެ މައްސަލަތައް މެދުވެރިވިޔަ ނުދިނުމަށް ދަނީ ފިޔަވަޅުތަކެއް އަޅަމުން: ޒަމީރު

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަފްޝީން ނަސީރު | އަވަސް

ކޮރަޕްޝަނުގެ މައްސަލަތައް މެދުވެރިވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަމުން ދާކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ހަމައެކަނި މީރާ މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ކުރިއަށް އޮތްތާނގައި ކޮރަޕްޝަން ހުއްޓުވުމަށް، މިހާރުން ފެށިގެންވެސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

"ހަތަރެއް ޕޮއިންޓް ފަހެއް ބިލިއަން ރުފިޔާ އަކީ އަޅުގަނޑުމެންގެ މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓަށް ބެލި ނަމަވެސް ވަރަށް ބޮޑު އަދަދެއް. އޭގެ ތެރެއިން ބޮޑު އަދަދެއް އަޅުގަނޑުމެންނަށް ލިބެއްޖެ ނަމަ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ޒަމީރު ވިދާޅުވިއެވެ.

އެފައިސާ ހޯދުމުގެ މަސަތްކަތް ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ގިނަ ދުވަސް ވާވަރަކަށް ދައުލަތަށް ލިބެންޖެހޭ ފައިސާތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ. އަދި ދައުލަތަށް ލިބެންޖޭ ފައިސާ ވީއެންމެ އަވަހަކަށް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ ދެން އިތުރަށް މިކަހަލަ ކަންތައްތައް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ސަރުކާރުގެ ފަރާތުން މިދަނީ އަޅަމުން. ހާއްސަ ގޮތެއްގައި ޓޫރިޒަމް އިންޑަސްޓްރީއާއި ޓޫރިޒަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން ވަރަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފައި މިހާރު މިވަނީ،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރަށްތައް ދޫކުރުމާއި އިކުއިޒިޝަން ކޮސްޓް ނެގުމުގައާއި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ނަގާ ފައިސާ ނަގަމުންދާނީ މީރާ މެދުވެރިކޮށް ކަމަށެވެ.

"އެހެންވީމަ އެކަހަލަ ގޮތަކަށް މިވަނީ ރޭވިފައި ހަމަ އެއާ އެކު އަޅުގަނޑުމެން ވަރަށް ގިނަ މަސަތްކަތްތަކެއް އެބަ ކުރަމުންދަން ރިވިޔުކޮށް ބަލައި ދެން އެކަހަލަ، ކުރިން ދިމާވި ކަހަލަ މައްސަލަތައް ދިމާނުވާނެ ގޮތަކަށް ނުވަތަ ހިޔާނާތުގެ މައްސަލަތައް ކުރިމަތި ނުވާނެ ގޮތަކަށް ކަންތައްތައް ރޭވުމަށްޓަކައި، އޮޑިޓް ކުރުމާއި އެބައިތައް ކުރިއަށް ގެންދަން. ހަމައެކަނި ފައިނޭނަޝަލް އޮޑިޓްގެ އިތުރުން މިހާރު ޓޫރިޒިމް މިނިސްޓްރީން ދޫކުރެވިފައިހުރި ކޮންޓްރެކްޓްތަކާ ބެހޭގޮތުން ވެސް ހާއްސަ އޮޑިޓެއް ކުރިއަށް އެބަ ގެންދޭ،" ޒަމީރު ވިދާޅުވިއެވެ.

comment ކޮމެންޓް