ހޯރަފުށްޓާއި ހަނިމާދޫގެ ބޯފެނުގެ ނިޒާމް ގާއިމުކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވަލުކޮށްފި

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ބޯފެނުގެ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހއ. ހޯރަފުށްޓާއި ހދ. ހަނިމާދޫގައި ބޯފެނުގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި، 99 މިލިއަން ރުފިޔާގެ މި ދެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

މި މަޝްރޫއު ނިމުމުން މިދެރަށުގެ ހުރިހާ ގޭބިސީތަކާއި އަދި މުއައްސަސާތަކަށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބޯފެން ގުޅައިދެވޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ ސޯޅަ މަސްދުވަސް ދުވަސްތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ. އެގޮތުން ހޯރަފުށީގައި 78 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓައި އަދި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކުރާން ޖެހެއެވެ. އަދި ހަމިނާދޫގައި 84 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓައި އަދި 16 ކިލޯ މީޓަރުގެ ވިއުގައެއް ގާއިމުކުރާން ޖެހެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤު ވަނީ ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަށް ފޯރުކޮށްދެއްވުމަށް ދެއްވާ އަހަންމިޔަތަށް އަލިއަޅުވާލައްވާފައެވެ.

"ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފެނުގެ ނިޒާމެއް ގާއިމް ކުރެވިފައިވަނީ އެންމެ ހަ ރަށުގައި. އެހެންނަމަވެސް މިހާރުމިވަނީ ސޯޅަ ރަށުގައި ފެނުގެ ނިޒާމެއް ގާއިމްކުރަވެިފައި. މި ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ ރަށްރަށުގައި ނަރުދަމާ އަދި ބޯފެނުގެ މަސައްކަތް މިހާ ހަލުވިމިނެއްގައި ގޮސަފައި ނުވާވާހަކަން ފާހަގަ ކުރަން. އެހެންނަމަވެސް މިވަގުތުު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އަސަސީ ހިދުމަތެއްގެގޮތުގައި ލޯނުނަގައިގެންވެސް މިކަން ކޮށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް