އެމެރިކާއިން ހަމަލާއެއްދީ އީރާންގެ ޑްރޯނެއް ވައްޓާލައިފި

މިމަސް ތެރޭގައި އެމެރިކާއިން ވަނީ ސީރިއާ ސަރުކާރާ ގުޅުން ހުރި ތިން އުޅަނދު ވައްޓާލާފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖޫން 21): ސީރިއާ ސަރުކާރުގެ ފައުޖުތަކުން ކޮންޓްރޯލް ކުރަމުން ދިޔަ އިރާނުގެ ޑްރޯންއަކަށް އެމެރިކާގެ ޖެޓަކުން ހަމަލާއެއްދީ ވައްޓާލައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި އެޑްރޯން ވައްޓާލީ އެމެރިކާގެ މަދަދާއެކު ހަނގުރާމަކުރަމުންދާ ފައުޖުތައް ތިބި އައްތަންފަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ހީވުމުންނެވެ. ސީރިއާ އާއި އުރުދުން ގުޅޭ ބޯޑަރު ކައިރީ އޮންނަ އައްތަންފަކީ އެމެރިކާ ސިފައިން، ސީރިއާ ސަރުކާރާ އިދިކޮޅު ފަރާތްތައް ތަމްރީނު ކުރަމުންދާ އަވަށެކެވެ.

އެއީ މިމަސް ފެށުނު ފަހުން އެމެރިކާއިން ސީރިއާ ސަރުކާރާ ގުޅުން ހުރި އުޅަނދެއް ވައްޓާލި ތިން ވަނަ ފަހަރެވެ. އެގޮތުން އާދިއްތަ ދުވަހު އެމެރިކާއިން ވަނީ ސީރިއާގެ އަސްކަރިއްޔާގެ ބޯޓެއް ވައްޓާލާފައެވެ.

އެމެރިކާއިން ބުނި ގޮތުގައި ސީރިއާގެ އެބޯޓު ވައްޓާލަން ޖެހުނީ ރައްގާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް އެ ބޯޓުން ބޮމުގެ ހަމަލާ ދިނުމުންނެވެ. ނަމަވެސް ސީރިއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެބޯޓުން ހަމަލާ ދެމުންދިޔައީ އައިއެސްގެ ހަނގުރާމަވެރިންނަށެވެ.

comment ކޮމެންޓް