29 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ގާއިމް ކުރަން ސަރުކާރުން ނިންމައިފި

މިނިސްޓަރު ތޯރިގް އިބްރާހިމް ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގެ 29 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ތަކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މިޓިއަރޮލޮޖިކަލް ސެންޓަރުގެ ޑޮޕްލާ ރާޑަރުގެ މަރާމާތުގރ މަސައްކަތަށް ފަހުން އަލުން ބޭނުންކުރަން ފަށަން މެޓް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް 29 ރަށެއްގައި ބަހައްޓަނީ ޖަޕާނާއި އިޓަލީ ސަރުކާރުގެ ހިލޭ އެހީގައިކަމަށާއި އެ ސްޓޭޝަންތައް ބަހައްޓައި ނިމޭނީ އަންނަ އަހަރުކަމަށެވެ.

ރާއްޖޭގައި މިވަގުތު ބަރާބަރު 11 އޮޓޮމެޓިކް ވެދާ ސްޓޭޝަނެއް ބޭނުން ކުރެވެމުންދާއިރު އަލަށް ގާއިމުކުރެވޭ 29 ސްޓޭޝަންގެ މަސައްކަތް ނިމުމުން މިއަދަދު 40 އަށް އަރާނެއެވެ.

ރާއްޖޭގެ ފަސް ސަރަހައްްދެއްގައި މެޓް އޮފީހުގެ ސެންޓަރުތަކެއް ގާއިމުކޮށްފައިވާއިރު އަލަށް ގާއިމުކުރެވޭ ވެދާ ސްޓޭޝަންތައް މި ސެންޓަރުތަކާ ގުޅުވާލުމުގެ މަސައްކަތް ކުރިޔަށްދާކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ރާއްޖޭގައި މަސައްކަތްކުރަމުންދާ ފަސް މެޓް ސެންޓަރާ ގުޅުވައިލުމުން މޫސުމާބެހޭ ދިރާސާކުރުމުގެ މަސައްކަތް ފުރިހަމަވެ ފުޅާވެގެން ދާނެކަމަށެވެ.

މަރާމާތަށްފަހު ޑޮޕްލާ ރާޑަރު ބޭނުންކުރަން ފެށުމުން ދިވެހިރައްޔިތުންނަށް ފޯރުކޮށްދެވޭ މޫސުމާ ބެހޭ މައުލޫމާތު ހޯދައި ދެނެގަތުމުގެ ފެންވަރު އިތުރަށް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑޮޕްލާ ރާޑަރުގެ މަރާމާތުގެ މަސައްކަތުގެ އިތުރުން ތައްޔާރީ ހާލަތުގައި ބޭނުންކުރާނެ ޖަނަރޭޓަރެއް ހަރުކުރުމާއި ޔޫޕީއެސް ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ދިވެހި ދައުލަތުން 6.1 މިލިއަން ރުފިޔާ ހަރަދުވިކަމަށް މެޓް އޮފީހުން ބުންޏެވެ.

އެންވާރަމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ ދިވެހިރާއްޖޭގައި ކުރިޔަށްދާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިޔަށް ގެންދެވެނީ މޫސުމާބެހޭ ގޮތުން ލިބޭ މައުލޫމާތާއި އަދި މޫސުމަށް ދުރާލާ ތައްޔާރުވެގެންކަމުން، ވީހާވެސް ޔަގީންކަމާ އެކު މޫސުމާބެހޭ ދިރާސާތަކުގެ މައުލޫމަތުން ލިބުން މުހިންމުކަމަށެވެ.

comment ކޮމެންޓް