"ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް އޮފީހުން ނިކުންނާނެ": ސެނެޓާ ފެއިންސްޓީން

ސެނެޓާ ޑިއޭން ފެއިންސްޓީން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާނެ ކަމަށް ޑިމޮކްރެޓިކް ސެނެޓާ ޑިއޭން ފެއިންސްޓީން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ލޮސް އެންޖެލީސްގައި ކުރިޔަށް ދިޔަ ސަރުކާރާ ދެކޮޅުހެދުމުގެ ރެލީއެއްގެ ބައިވެރިން އެކަމަނާއާ ސުވާލު ދެންނެވުމުން ސެނެޓާ ފެއިންސްޓީން ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަގާމުން ދުރުކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އޭނާ (ޓްރަމްޕް) ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލުތައް ކުރާކަން، އެނާދަނީ ކޮންމެ ދުވަހަކުހެން ގާނޫނުތައް މުގުރަމުން، ރަޝިޔާއާ އެކު ކޮންމެ ވެސް ކަހަލަ އެއްބަސްވުމެއް އޮންނަކަން ވެސް އެއީ އެންމެނަށް އެނގޭ ހަގީގަތެއް. ގަނޫނާއި ގަވައިދާ ހިލާފު އެތައްކަމެއް އޭނާ އެބަކުރޭ، އަހަރެމެން ކިހިނެއް އޭނާ އެމަގާމުން ދުރުކުރާނީ؟" ލޮސް އެންޖެލީސްގައި ކުރިޔަށް ދިޔަ ރެލީގައި ބައިވެރިވި ފަރާތަކުން ސެނެޓާ ފެއިންސްޓީންއާ ސުވާލުކުރެއްވި އެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން، އެމެރިކާގެ ސެނެޓް ޖުޑީޝަރީ ކޮމިޓީގައި މަސައްކަތްފުޅު ކުރައްވާ ފިއެންސްޓީން ވިދާޅުވީ، "މިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ އެތައް ފަރާތްތަކަކުން ދަނީ (ޑޮނަލްޑް ޓްރަމްޕްގެ) މައްސަލަ ބަލަމުން. އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ އެބޭފުޅާ އެމަގާމުން ވަކިވެވަޑައިގަންނަވާނީ އަމިއްލަފުޅަށްހެން."

ސެނެޓާ ފެއިންސްޓީން ވަނީ ޓްރަމްޕްގެ ވިޔަފާރި އާއި އެބޭފުޅާގެ ވެރިކަމުގައި ކުރައްވަމުން ގެންދަވާ ކަންތައްތަކަށް އަލިއަޅުވާލައްވައި ރައްދުދެއްވައިފަ އެވެ. ނަމަވެސް އެކަމަނާ ވަނީ ޓްރަމްޕްގެ އަމަލުފުޅުތަކުން އެބޭފުޅާ ވަގުތުން ވެރިކަމުން ދުރުކުރެވޭނެކަމާ މެދު ވަކި ގޮތަކަށް އެއްޗެއް ބުނުމަށް އިންކާރުކޮށްފަ އެވެ.

ސެނެޓާ ފެއިންސްޓީން އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ފުރަތަމަ ބޭފުޅާއެއްނޫނެވެ. އެމެރިކާގެ ލެފްޓް-ވިންގަށް ނިސްބަތްވާ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު މައިކަލް މޫރް ވެސް ވަނީ ޓްރަމްޕް ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ތަންކޮޅެއް ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް