އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނެ މަޖިލީހަށް

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު --- ފޮޓޯ/ މަޖިލިސް

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ސޮއިކުރައްވައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބަށް ސިއްހީ ފަރުވާ ދިނުމުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނާ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޯމިއާ ޖެހިފައިވުމާއި އެތެރެހަށީގައި ސިއްޓެއް ހުރުމާއި ކިޑްނީގައި ހިލަ އުފެދުން ފަދަ މައްސަލަތައް އާއިލާ އިން ވަނީ ފާހަގަކޮށްފަ އެވެ.

އަބްދުﷲ ރިޔާޒު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ސިއްހީ މައްސަލަތަކަށް ކަމާ ގުޅުން ހުރި މުއައްސަސާތައް އިހުމާލުވަމުން ދާތީ އެމައްސަލަ ބެލުމަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އެ މުއައްސަސާތައް ހާޒިރުކޮށް ސުވާލު ކުރުމަށް ޒިޔާޒު ވަނީ ހުށަހަޅުއްވާފަ އެވެ.

އަދީބު ރާއްޖެ އިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުގެ ހުއްދައަށް އެދި މޯލްޑިސްވް ކަރެކްޝަނަލް ސާވިސްއަށް އަދީބުގެ ވަކީލުން ހުށަހެޅި ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ އަދީބު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އަދީބު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް ބޭސްފަރުވާގެ ކަންކަން ބަލަހައްޓާނީ ކަރެކްޝަންސްއިން ކަމަށެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭސްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވައިފި ނަމަ ފިލައިފާނެ ކަމަށާއި އޭރުން އެއީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އެހެންނަމަވެސް އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ އިހުމާލު ނުވާނެ ކަމަށާއި އަދީބު ބޭނުންވާ ނަމަ ޑޮކްޓަރުން ގެނެސްގެން ވެސް ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ އަދީބަށް އެފޯޑް ކުރެވޭނެ ކަންތައްތައް ކަމަށެވެ.

comment ކޮމެންޓް