މިއަދަކީ އޮސްކާ ފިޝިންގާގެ 117 ވަނަ އުފަންދުވަސް! އެކަމަކު އެއީ ކާކު؟

"ފާދާ އޮފް ވިޝުއަލް މިއުޒިކް" އޮސްކާ ފިޝިންގާ

މިއަދަކީ ޖާމަން-އެމެރިކާ އަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އޮސްކާ ފިޝިންގާގެ 117 ވަނަ އުފަންދުވަހެވެ. ނަމަވެސް އޭނާ މުހިންމު ވަނީ ކޮން ސަބަބަކާ ހުރެތޯ؟

އެއްހާސް ނުވަސަތޭކަ ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އުފަންވި އޮސްކާ ވިލްހެމް ފިޝިންގާއަކީ އެބްސްޓްރެކްޓް އެނިމޭޝަން ތައްޔާރުކުރި އަދި ފިލްމު ތައްޔާރުކުރި ބޭފުޅެކެވެ. އޭނާ މިހާރު ދުނިޔޭގައި ނެތްކަމުގައި ވިޔަސް ކޮންޓެމްޕޮރަރީ ނުވަތަ މޮޑާން އާޓްސް އަށް އޭނާ ކޮށްދެއްވާފައިވާ މަސައްކަތްތައް ކިތަންމެހައި ވެސް ގިނަ އެވެ.

އޮސްކާ ފިޝިންގާ ތައްޔާރުކޮށްފައިވާ އެބްސްޓްރެކްޓް އެނިމޭޝަންގެ ސްކްރީންސޮޓެއް

އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އުފެއްދުމަކީ "ވެކްސް ސްލައިސިން މެޝިން" އެވެ. މިއީ އޭނާ އެބްސްޓްރެކްޓް އެނިމޭޝަން ތައްޔާރުކުރުމަށް ބޭނުންކުރި އެއްޗެކެވެ.

އޭނާ ވަނީ 50 އަށް ވުރެން ގިނަ ކުރު ފިލްމުތައް ތައްޔާރުކޮށްފަ އެވެ. އަދި މީގެ އިތުރުން 800 އަށް ވުރެން ގިނަ ކެންވަސް ޕެއިންޓިންގް ވެސް އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭނާ ހާއްސަވަނީ ކޮން ކަމަކަށްތޯ؟

އެނިމޭޓެޑް މޫވީސްއަކީ އާންމުކޮށް އެންމެންގެ ތެރޭގައި މަގުބޫލު އެއްޗިއްސެވެ. ނަވާރަސަތޭކަށް ނުވަދިހަ ފަހަކާ ޖެހެންދެން 2 ޑައިމެންޝަނަލް އެނިމޭޓެޑް ފިލްމުތައް އެންމެންގެ ތެރޭގައި ރަސްކަންކުރަމުންދަނިކޮށް އެއަހަރު އެޕަލް އިންކްގެ ބާނީ ސްޓީވް ޖޮބްސްގެ ހިއްސާ އޮތް ޕިކްސާ އިން ވަނީ ދުނިޔޭގެ ފުރަތަމަ ކޮމްޕިއުޓާ އެނިމޭޓެޑް 3-ޑައިމެންޝަނަލް ފީޗާ ލެންތް ފިލްމު ރިލީޒް ކޮށްފަ އެވެ. އެ އެނިމޭޓެޑް ފިލްމަކީ ޓޯއީ ސްޓޯރީ އެވެ.

އެއަށް ފަހުން އެނިމޭޓެޑް ފީޗާ ފިލްމުތަކުގެ ދުނިޔެއިން 2-ޑައިމެންޝަނަލް ފިލްމުތަކުގެ އަދަދު މަދުވެ 3-ޑައިމެންޝަނަލް ފިލްމުތައް ގިނަވާން ފެށި އެވެ. އޭރު ނިސްބަތުން 2-ޑީ އިން ތައްޔާރުކުރާ ފިލްމުތައް މަދުވެގެން ދިޔައީ އޭގެ ކޮންމެ ފްރޭމެއް އަތުން ކުރަހަންޖެހޭތީ އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާތީ އެވެ. ނަމަވެސް މިހާރު 2-ޑީ އެނިމޭޝަންއަކީ ވެސް ކޮމްޕިއުޓާ ޖެނެރޭޓެޑް އެއްޗިއްސެވެ.

އެކަމަކު މިހުރިހާ އެއްޗިއްސެއްގެ ވެސް ފެށުމެއް އޮންނާނެ އެވެ. ގިނަބަޔަކު އެއްބަސްވާ ގޮތުގައި އޮސްކާ ފިޝިންގާއަކީ އެނިމޭޝަން މަޝްހޫރުވުމުގެ ކުރިން އޭގެ ބޭނުން އެންމެ ބޮޑަށް ކުރި އަދި އެނިމޭޝަންގެ ދާއިރާގައި އެކަށީގެންވާ އެކްސްޕެރިމެންޓްތަކެއް ކޮށްފައިވާ ފަރާތެވެ.

އޭނާ ހާއްސަ ވަނީ އެބްސްޓްރެކްޓް-މިއުޒިކަލް އެނިމޭޝަންއަށެވެ. އަދި މެއިންސްޓްރީމް މީޑިއާގައި މިއަދު އޭނާއަށް ދެވިފައިވާ ލަގަބަކީ "ފާދާ އޮފް ވިޝުއަލް މިއުޒިކް" މިހެންނެވެ.

މިއީ ކޮންކަހަލަ އެނިމޭޝަންއެއް ކަން ނޭނގޭ ބޭފުޅުންނަށް އެންމެ ފަސޭހައިން ދެވެން އޮތް އެންމެ ރަނގަޅު މިސާލަކީ ވިންޑޯސް އެކްސްޕީ ޒަމާނުގައި މައިކްރޯސޮފްޓް ވިންޑޯސް މީޑިއާ ޕްލޭޔާގައި އޯޑިއޯ ލަވަތައް ޖަހާއިރު އަރާފައިބަމުންދާ ތަފާތު ކުލަތަކެވެ. އެކި ކެޓަގަރީތަކަށް ބެހިފައިހުންނަ މި އެނިމޭޝަންތަކުގައި އެއްވެސް ކަހަލަ އިންސާނެއް ނުވަތަ ޖަނަވާރެއް ވެސް ނުހުރެ އެވެ. ފެންނަ ހަމައެކަނި އެއްޗަކީ އެކިގޮތްގޮތަށް "ނަށަމުންދާ" ކުލަތަކެކެވެ.

ފިޝިންގާވަނީ ހޮލީވުޑްގެ އެނިމޭޓެޑް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ބޮޑަށް ހާއްސަވަނީ އިފެކްޓްސް އެނިމޭޝަންއަށެވެ. އެގޮތުން އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 1940 ވަނަ އަހަރު ރިލީޒްކުރި ޕިނޯކިއޯގައި ފެންނަ "ބްލޫ ފެއަރީ" ގެންގުޅޭ ޖާދޫގެ ދަނޑިކޮޅުން (ވޯންޑް) ފެންނަ އިފެކްޓްތައް ހިމެނެ އެވެ.

comment ކޮމެންޓް