މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި

މިނިވަން ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު ބުރުގެ ޗެމްޕިއަން ތިނަދޫ: އެޓީމުން ޗެމްޕިއަންކަން ހޯދީ ގދ. އަތޮޅު ބުރުގެ ފައިނަލުގައި 3-0 ލަނޑުގެ ނަތީޖާއަކުން މަޑަވެލި ބަލިކޮށްގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު ގދ. ތިނަދުއާއި ހދ. ކުޅުދުއްފުށީގައި ބާއްވަން އެފްއޭއެމް އިން ނިންމައިފިއެވެ.

މިއަދު އެފްއޭއެމް އިން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ބާއްވާނެ ދެ ރަށެއްގެ ގޮތުގައި ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށި ކަނޑައަޅާފައިވާ ކަމަށާއި އެގޮތަށް ނިންމީ ހާއްސަ ކޮމިޓީއަކުން އެކަން ބެލުމަށް ފަހުގައި ކަަމަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށާ އެ މުބާރާތުގެ ފައިނަލް ބުރު ދެ ރަށެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައި ވާއިރު، އެ މުބާރާތް ބާއްވަން ބޭނުންވާ ރަށްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ޖުމުލަ ހަ ރަށަކުން ވަނީ މުބާރާތް ބާއްވަން އެދިފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިން ބުނީ އެ މުބާރާތުގެ ފައިނަލް ބުރު ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި ބ. އޭދަފުށި، ތ. ތިމަރަފުށި ދ. ކުޑަހުވަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީން ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް އަށް ޒޯނަކުން އަށް ޓީމު ވަނީ ދަތުރުކޮށްފައެވެ.

comment ކޮމެންޓް