ފުޓްބޯޅަ ލެޖެންޑް މަލްޑީނީ، ޕްރޮފެޝަނަލް ޓެނިސް މުބާރާތަކަށް ކޮލިފައިވެއްޖެ

އޭސީ މިލާން އަދި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ޕައުލޯ މަލްޑީނީ --

އޭސީ މިލާން އަދި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ޕައުލޯ މަލްޑީނީ ޕްރޮފެޝަނަލް ޓެނިސް މުބާރާތަކަށް ކޮލިފައިވެއްޖެއެވެ.

އޭޓީޕީ ޗެލެންޖަރ ޓުއަރއަށް މަލްޑީނީއާއި އޭނާގެ ޑަބަލްސް ޕާޓްނަރު ސްޓެފާނޯ ލެންޑޯނިއޯ ކޮލިފައިވެފައިވަނީ، އިޓަލީގައި ބޭއްވި ކޮލިފައިން ބުރު ކާމިޔާބުކޮށްގެންނެވެ.

އިޓަލީގެ ގައުމީ ޓީމަށް 126 މެޗު ކުޅެފައިފާ، މިހާރު އުމުރުން 48 އަހަރުގެ މަލްޑީނީގެ ޕެއާ ވާދަކުރާން ހަމަޖެހިފައިވާ އޭޓީޕީ ޗެލެންޖަރ ޓުއާގައި ހިމެނޭ މުބާރާތަކީ، މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހު މިލާންގައި ފަށާ އެސްޕްރިއާ ޓެނިސް ކަޕެވެ.

މަލްޑީނީ އޭނާގެ ޓެނިސް ޑަބަލްސް ޕާޓްނަރު ސްޓެފާނޯ ލެންޑޯނިއޯއާ އެކު ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ބީބީސީ

އޭޓީޕީ ޗެލެންޖަރ ޓުއާއަކީ، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީން ވާދަކުރާ، އޭޓީޕީ ވޯލްޑް ޓުއާރއަށް ވުރެ އެއްލެވެލް ދަށް މުބާރާތެކެވެ.

މަލްޑިނީ ވަނީ އޭސީ މިލާންގައި 31 އަހަރު ހޭދަކޮށްފައެވެ. އޭގެ ތެރޭން 24 އަހަރު، ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައި ވާއިރު، އޭނާ ވަނީ އެ ކްލަބާއެކު އިޓަލީ ލީގު ހަތްފަހަރު، ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފަައެވެ.

ޖުމުލަ 16 ޑަބަލްސް ޕެއާ ވާދަކުރާ އެސްޕްރިއާ ޓެނިސް ކަޕް ފަށަން ހަމަޖެހިފައި ވަނީ މަލްޑީނީއަށް 49 އަހަރު ފުރޭތާ ތިން ދުވަސް ފަހުންނެވެ.

comment ކޮމެންޓް